logo
banner image

ގަދަ 16ގެ ޖާގައެއް ކަށަވަރުކުރުމަށް މިރޭ ކުލަބު އެމްސީއެލްޕީ، ކުޅިވަރު ވުޒާރާއާ

ކުލަބު މޯލްޑިވްސް ކަޕް ކްލެސިކްގައި ދަރުމަވަންތަ ހޮސްޕިޓަލުގެ މައްޗަށް ކުރި ހޯދާ 3 ޕޮއިންޓާއެކު އޮތް، ކުލަބު އެމް.ސީ.އެލް.ޕީ ގަދަ 16 ޖާގައެއް ކަށަވަރުކުރުމަށް، މިރޭ ކުޅިވަރު ވުޒާރާއާ ވާދަކުރަން ތައްޔާރުވެއްޖެއެވެ.

ހުޅުމާލޭ ފޭސް 1ގެ ރެހެންދި ފުޓްސަލް ދަނޑުގައި މިރޭ ކުޅުމަށް ހަމަޖެހިފައިވާ ވާދަވެރި މި މެޗުގެ ފޯރި ގަދަވާނެ ކަމަށް ބެލެވެއެވެ. ސަބަބަކީ މިރޭގެ މެޗުން ކުޅިވަރު ވުޒާރާ މޮޅުވެއްޖެ ނަމަ ނުވަތަ އެއްވަރު ވިޔަސް އެ ކުލަބަށް ގުރޫޕުގެ 1 ވަނަ ކަށަވަރުވާނެތީއެވެ. އަނެއް ނަޒަރުން ބަލައި އިރު މިރޭގެ މެޗު ކާމިޔާބުކޮށް ގަދަ 16އަށް ދިޔުމުގެ ފުރުޞަތު އެމްސީއެލްޕީއަށް ވެސް އޮތުމެވެ.

މި ގުރޫޕުގެ ޕޮއިންޓް ޓޭބަލަށް ބަލައި އިރު އެންމެ ކުރީގައި އޮތީ ކުޅުނު ދެ މެޗު ކާމިޔާބުކުރި ކުޅިވަރު ވުޒާރާއެވެ. 3 ޕޮއިންޓާއެކު ގޯލުގެ ތަފާތުން ދެ ވަނާގައި އޮތީ ކުލަބު އެމްސީއެލްޕީއެވެ. 3 ޕޮއިންޓާއެކު 3 ވަނާގައި އޮތީ ޚާރިޖީ ވުޒާރާއެވެ. ޕޮއިންޓެއް ނުލިބި ގުރޫޕުގެ ފުލުގައި އޮތީ ދަރުމަވަންތަ ހޮސްޕިޓަލުގެ ޓީމެވެ.

ކުޅިވަރު ވުޒާރާއާއެކު މިރޭ 8.15 ގައި ކުޅޭ މެޗުގައި ވެސް ޓީމުގެ ސަޕޯޓަރުން، ރެފްރީގެ އެންމެ ފަހު ކަށިގަނޑާ ހަމައަށް ސަޕޯޓުކުރުމުގައި ދެމިތިބޭނެއެވެ. އެ ކަން މި ދިޔަ އަހަރެކޭ އެއް ގޮތަށް މި އަހަރު ވެސް އެމްސީއެލްޕީގެ މުވައްޒަފުން އަންނަނީ ސާބިތުކޮށްދެމުންނެވެ.