ފިކުރީ މުދަލުގެ ޙައްޤުތައް ކުރިއެރުވުމަށް ކުރާ މަސައްކަތްތަކަށް ވައިޕޯއިން ދިވެހިރާއްޖެއަށް ތަޢުރީފުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، މޯލްޑިވްސް އިންޓެލެކްޗުއަލް ޕްރޮޕަރޓީ އޮފީހުގެ ބިލު ތަޞްދީޤުކުރެއްވުމާ ގުޅިގެން، ވޯލްޑް އިންޓެލެކްޗުއަލް ޕްރޮޕަރޓީ އޯގަނައިޒޭޝަން (ވައިޕޯ) ގެ ޑިރެކްޓަރ ޖެނެރަލް، މިސްޓަރ ޑެރެން ޓޭންގ، ދިވެހި ސަރުކާރަށް މަރުޙަބާ ދަންނަވައިފިއެވެ.
މިކަން ފާހަގަކޮށް، މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް، މުޙައްމަދު ސަޢީދަށް ފޮނުއްވި ސިޓީގައި ޑިރެކްޓަރ ޖެނެރަލް ވަނީ ފިކުރީ މުދަލުގެ ދާއިރާގައި ދިވެހިރާއްޖެއިން ހޯދަމުންދާ ކުރިއެރުން ފާހަގަކުރައްވައިފައެވެ. މިގޮތުން ކޮޕީރައިޓާއި އެއާގުޅޭ އެހެނިހެން ޙައްޤުތަކުގެ ޤާނޫނަށް 1 ވަނަ އިޞްލާޙު ގެނައުމާއި، ޓްރޭޑްމާކް ބިލު އެކުލަވާލުމާއި، ބާން ކޮންވެންޝަން ފޯ ދަ ޕްރޮޓެކްޝަން އޮފް ލިޓިރަރީ އެންޑް އާޓިސްޓިކް ވޯކްސްގައި ބައިވެރިވުމަށް ނިންމި ނިންމުންވެސް ޑިރެކްޓަރ ޖެނެރަލް ވަނީ ފާހަގަކުރައްވައިފައެވެ.ބާން ކޮންވެންޝަންގައި ބައިވެރިވުމާއިއެކު ދިވެހިރާއްޖޭގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ދިވެހި އުފެއްދުންތެރި މަސައްކަތްތަކަށް ބައިނަލްއަޤްވާމީ ޙިމާޔަތް ލިބިގެންދާނެއެވެ.
ފިކުރީ މުދަލުގެ ހައްޤުތައް ރައްކާތެރިކުރުމުގެ ތެރެއިން ދިވެހި އުފެއްދުންތެރިންނާއި، ވިޔަފާރިވެރިންނަށް ވަރަށް ބޮޑެތި ފައިދާތަކެއް ލިބިގެންދެއެވެ. މިގޮތުން، 2024 ވަނަ އަހަރު ކޮޕީރައިޓާއި އެއާ ގުޅުންހުރި ޙައްޤުތަކުގެ ޤާނޫނަށް ގެނެވުނު އިޞްލާޙުން، 2010 ވަނަ އަހަރުން ފެށިގެން އަމަލުކުރަމުން އައި ޤާނޫނުވަނީ ޒަމާނަށް ފެތޭގޮތަށް ބަދަލުކުރެވިފައެވެ. މިޤާނޫނުން އަދަބީ އަދި ފަންނީ އުފެއްދުންތަކުގެ ތެރޭގައި ހިމެނޭ ފޮތްތަކާއި، ކުރެހުންތަކާއި، ލަވަތަކާއި، ސްކްރިޕްޓްތަކާއި، ފިލްމުތަކާއި، އަދި ސޮފްޓްވެއަރ ފަދަ މަސައްކަތްތައް ޙިމާޔަތްކޮށްދެއެވެ. މިގޮތުން، ބަރން ކޮންވެންޝަނަށް ބައިވެރިވުމުން މި ޙިމާޔަތް 180 ޤައުމަށް ފުޅާވެގެންދެއެވެ. މިއީ ރަޖިސްޓްރީކުރުމަކާނުލާ ދިވެހިންގެ މަސައްކަތްތައް ބޭރު ޤައުމުތަކުގައި ވިއްކުމަށާއި، ލައިސަންސް ދޫކުރުމަށާއި، އަދި ޕްރޮމޯޓްކުރުމަށް ހުޅުވިގެންދާ ދޮރެކެވެ. ރައްޔިތުންގެ މަޖިލީހުގައި ހުށަހެޅިފައިވާ ޓްރޭޑްމާކް ބިލުން ވިޔަފާރިތަކާއި ސްޓާޓްއަޕްތަކުގެ ބްރޭންޑް ޙިމާޔަތްކުރުން ހަރުދަނާކޮށް، ކަސްޓަމަރުންގެ އިތުބާރު އިތުރުކޮށް، ކައުންޓަރފިޓް ހުއްޓުވާދެއެވެ. ބައިނަލްއަޤްވާމީ ކުންފުނިތަކަށް، މި ޤާނޫނުން ދިވެހިރާއްޖޭގައި އެ ފަރާތްތަކުގެ ބްރޭންޑްތައް ރައްކާތެރިކުރުމަށް އެކަށީގެންވާ މާޙައުލެއް އުފެދިގެންދާނެއެވެ. އަދި ހަމައެއާއެކު، ދިވެހި ވިޔަފާރިވެރިންނަށް އީ-ކޮމާސްއާއި، ޑިޖިޓަލް ޕްލެޓްފޯމްތަކާއި، އަދި ބައިނަލްއަޤްވާމީ ވިޔަފާރިއަށް ފުޅާވުމަށް މަގުފަހިކޮށްދެއެވެ.
އަދި، މި އަހަރުގެ ކުރީކޮޅު ވައިޕޯގެ ވަފުދެއް ވަނީ ދިވެހީންގެ އުފެއްދުންތެރިކަމުގެ މަޢުރަޒު 2025 އަށް ޒިޔާރަތްކުރައްވައި، "އިނޯގްރަލް ޓްރެއިނިންގ ޕްރޮގްރާމް ފޮރ ދަ ކްރިއޭޓިވް އިންޑަސްޓްރީސް އޮފް މޯލްޑިވްސް: ބިލްޑިންގ ކްރިއޭޓިވް ލެގަސީސް ވިތު އިންޓެލެކްޗުއަލް ޕްރޮޕަރޓީ (އައިޕީ)" ގެ ނަމުގައި ފިކުރީ މުދަލާ ގުޅޭ ޚާއްޞަ ތަމްރީނުތަކެއް187 ފަރާތަކަށް 2025 މޭ 25 އިން 30ގައި ވަނީ ހިންގަވައިފައެވެ. މިއީ ދިވެހި ފަންނުވެރިންނާއި ވިޔަފާރިވެރިންނަށް ފިކުރީ މުދާ ބޭނުންކޮށްގެން ވިޔަފާރި ކުރިއެރުވުމަށް ބޭނުންވާ މަޢުލޫމާތާއި ވަސީލަތްތައް ފޯރުކޮށްދިނުމަށް ކުރެވުނު މުހިންމު މަސައްކަތެކެވެ.
މި ޒިޔާރަތާ ގުޅޭގޮތުން ޑިރެކްޓަރ ޖެނެރަލް މިސްޓަރ ޓޭންގ ވިދާޅުވި ގޮތުގައި، ހަރުދަނާ ޤައުމީ ފިކުރީ މުދަލުގެ ނިޒާމަކުން ހުޅުވާލެވޭ ފުރުޞަތުތައް ފުރިހަމައަށް ބޭނުންކުރުމަށް ދިވެހިރާއްޖެ ތައްޔާރުވެފައިވާކަން ވައިޕޯގެ ޓީމުން ވަނީ ފާހަގަކުރައްވައިފައެވެ. މިކަމުން ހާމަވެގެންދަނީ ދިވެހި ސަރުކާރުން، "މޯލްޑިވްސް ކްރިއޭޓިވް އިކޮނޮމީ" ހަރުދަނާކުރުމަށާއި، ފަންނުވެރި ސިނާޢަތްތައް ކުރިއެރުވުމާއި، އިޤުތިޞާދީ ތަރައްޤީ ގެނައުމަށް އަދި އެކްސްޕޯޓް ފުޅާކުރުމުގައި ފިކުރީ މުދަލުގެ ޙައްޤުތައް ރައްކާތެރިކުރުމަށް ދޭ އިސްކަމެވެ.
ވައިޕޯއިން ދިވެހިރާއްޖޭގައި ފިކުރީ މުދަލުގެ ޙައްޤުތައް ރައްކާތެރިކުރުމަށް ފޯރުކޮށްދެއްވަމުން ގެންދަވާ އެހީތެރިކަމާއި އެއްބާރުލެއްވުން ފާހަގަކޮށް މި ފުރުޞަތުގައި ޝުކުރު ދަންނަވަމެވެ. ފިކުރީ މުދަލުގެ ޙައްޤުތައް ހަރުދަނާކުރުމުގެ ތެރެއިން ދިވެހިރާއްޖޭގެ ފަންނުވެރި ސިނާޢަތްތަކަށް އެހީތެރިވުމާއި، އީޖާދު ކުރިއަރުވައި، ވިޔަފާރިވެރިން ބާރުވެރި ކުރުވުމަކީ މި ސަރުކާރުގެ މުހިންމު އަމާޒެކެވެ.