"ވިލުންތެރި ރާއްޖެ" އަށް މައުލޫތު އެއްކުރުމަށް ކުރިއަށްގެންދާ "ކުރިމަގު ސައްލާ" މިރޭ ހއ. ހޯރަފުށީގައި ބާއްވަނީ
ކުރިއަށް އޮތް 20 އަހަރަށް އެކުލަވާލާ ޤައުމީ ތަރައްޤީގެ ޕްލޭން އަށް ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ހޯދުމަށް ކުރިއަށްގެންދާ "ކުރިމަގު ސައްލާ" މިރޭ ހއ. ހޯރަފުށީގައި ބޭއްވުމަށް ނިންމައިފި އެވެ.
މި ސައްލާ ބޭއްވުމަށް ނިންމާފައިވަނީ، މިރޭ 20:15 ގައި ހއ. އަތޮޅު މަދަރުސާގަ އެވެ. ޤައުމު ބިނާކުރުމުގައި އެންމެންގެ ބައިވެރިވުން ހިމެނޭގޮތުން ކުރިއަށްގެންދާ މި ޕްލޭން ރައްޔިތުންގެ ހިޔާލާއި މަޝްވަރާ ދިނުމަށް ބާއްވާ މި ސައްލާގައި ބައިވެރިވުމުގެ ފުރުސަތު ހުރިހާ ރައްޔިތުންނަށްވެސް ވަނީ ހުޅުވާލެވިފައެވެ.
"ކުރިމަގު ސައްލާ" އަކީ ޤައުމީ ތަރައްޤީގެ ޕްލޭން "ވިލުންތެރި ރާއްޖެ 2045" އަށް ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ހޯދުމަށް ރާއްޖޭގެ ހުރިހާ ރަށެއްގައި ކުރިއަށްގެންދިއުމަށް ނިންމާފައިވާ ސައްލާ އެކެވެ.
ރައްޔިތުންނާއި ބައްދަލުކޮށް ޚިޔާލު އެއްކުރުމަށް ރަށްރަށަށް ކުރާ ދަމި ތުރުތަކުގައި ހަރަކާތްތެރިވަނީ، މި ޕްލޭން އެކުލަވާލުމުގެ މަސައްކަތް އެވޯޑްކޮށްފައިވާ ކޮންސަލްޓެންޓް، ނެކްސިޔާ މޯލްޑިވްސްގެ ޓީމް ތަކުންނެވެ.
ޤައުމީ ތަރައްޤީގެ ޕްލޭން "ވިލުންތެރި ރާއްޖެ 2045" އެކުލަވާލުމަށް ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ދަތުރުކޮށް ރައްޔިތުންގެ މަޝްވަރާ ހޯދައި ޚިޔާލު އެއްކުރާނެއެވެ. އަދި މި ބައްދަލުވުންތަކުގައި މީގެ 20 އަހަރު ފަހުން އެބައެއްގެ ވަޒަން ނުވަތަ ދިވެހިރާއްޖެ އޮންނަން ބޭނުންވާ ގޮތަކީ ކޮބައިތޯ އޮޅުންފިލުވައި ރައްޔިތުން ބޭނުންވާ ތަސައްވުރަށް މި ޕްލޭންގެ ދަށުން މަގްޗާޓް ކުރަހަދޭނެއެވެ.
"ވިލުންތެރި ރާއްޖެ" ޤައުމީ ތަރައްޤީގެ ޕްލޭން އަކީ، ޤާނޫނީ ފުރިހަމަ ބާރުވެރިކަން ލިބިދެވޭގޮތަށް އެކުލަވާލުމަށް ތައްޔާކުރަމުންދާ ޕްލޭނެކެވެ. މި ޕްލޭން ވެގެންދާނީ ކުރިއަށްއޮތް 20 އަހަރުގެ ތެރޭގައި، ރާއްޖޭގެ ތަރައްޤީގެ ކަންކަން ރާވާ ހިންގުމުގައި އަމަލުކުރަންޖެހޭ އަދި އޭގައި ރައްޔިތުން ހިމަނުއްވާ ކަންކަން ތަންފީޒުކުރެވިގެންދާނެ ޕްލޭނަކަށެވެ.