ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހީމް، އިނގިރޭސި ވިލާތުން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު ހިޒް އެކްސަލަންސީ ނިކޮލަސް ޑޭވިޑް ލޯއާ މިއަދު ބައްދަލު ކުރައްވައިފި
.ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހީމް، އިނގިރޭސި ވިލާތުން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު ހިޒް އެކްސަލަންސީ ނިކޮލަސް ޑޭވިޑް ލޯއާ މިއަދު ބައްދަލު ކުރައްވައިފިއެވެ.
މި ބައްދަލުވުމުގައި ދިވެހިބަހާއި، ތާރީޚާއި، ތަރިކައިގެ ދާއިރާއިން ރާއްޖޭގައި މިހާރު ކުރެވެމުންދާ މަސައްކަތްތަކާއި، ތަރިކަ ޙިމާޔަތްކުރުމާއި ދާއިރާގެ ތަރައްޤީއަށް ޓަކައި ރާއްޖެއަށް މުހިންމުވާ ފުރުޞަތުތަކާ ބެހޭ ގޮތުން މަޝްވަރާކުރެވުނެވެ. އަދި މި ރޮނގުން ޢިލްމީ އެހީތެރިކަން ފޯރުވައިދެއްވުމުގެ ޝައުޤުވެރިކަން އިނގިރޭސި ވިލާތުގެ ސަފީރު ފާޅުކުރެއްވިއެވެ.
މީގެ އިތުރުން ދިވެހިބަހާއި، ތާރީޚާއި، ތަރިކަ ހިމާތްކުރުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކަނޑައަޅުއްވާފައިވާ ސިޔާސަތުގެ ދަށުން ކުރެވެން ހުރި މަސައްކަތްތަކާ ބެހޭ ގޮތުން ވެސް ދެ ފަރާތުން ވަނީ މަޝްވަރާކުރައްވާފައެވެ.
ރަށް ރަށުގައި ރަށްވެހިއާސާރުތައް ތަރައްޤީކުރުމުގެ މަޝްރޫޢެއް އޮތްކަމާއި، އަދި އޯރަލް ހިސްޓްރީ އެއްކުރުމުގެ ގޮތުން ކޮންމެ ރަށަކުން މަދުވެގެން 10 މީހުން ތަމުރީނުކުރުމުގެ މަސައްކަތް ކުރިއަށްގެންދާ ކަމުގައިވެސް ވަޒީރު ވަނީ މަޢުލޫމާތު ދެއްވާފައެވެ. އިނގިރޭސި ސަފީރުގެ ވާހަކަފުޅުގައި ތަރިކައިގެ ދާއިރާއިން، ޢިލްމީ ގޮތުން ރާއްޖެއަށް އެހީތެރިކަން ދެއްވުމުގެ ޝައުޤުވެރިކަން ފާޅުކުރެއްވިއެވެ.
މި ބައްދަލުވުމުގައި ވަޒީރާއި ސަފީރުގެ އިތުރުން އިނގިރޭސިވިލާތުގެ ހައިކޮމިޝަނުގެ ފަރާތުން ޕޮލިޓިކަލް އެންޑް ކޮމިޔުނިކޭޝަންސް އޮފިސަރ ސާއިނާ ސަޢީދު އަދި މިވުޒާރާގެ ސްޓޭޓު މިނިސްޓަރ، ވަޒީރުގެ ނައިބުންގެ އިތުރުން ޕަރމަނަންޓް ސެކްރެޓަރީ ބައިވެރިވެވަޑައިގެންނެވިއެވެ.