ޓެކްސް ކޮމްޕްލަޔަންސް ހަރުދަނާކުރުމަށް ވަޒީރު ޠާރިޤް އާއި ކޮމިޝަނަރ ޒަރީރު ބައްދަލުކުރައްވައިފި
ފަތުރުވެރިކަމާ ތިމާވެއްޓާބެހޭ ވުޒާރައިގެ ވަޒީރު އޮނަރަބަލް ޠާރިޤް އިބްރާހިމް، ޓެކްސް ކޮމިޝަނަރ ޖެނެރަލް ހަސަން ޒަރީރާ މިއަދު ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން އޮތީ މިނިސްޓްރީގައެވެ.
މި ބައްދަލުކުރެއްވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާ ކުރެވިފައިވަނީ، ޓެކްސްގެ ކަންކަން ހަރުދަނާކުރުމާއި، ސަރުކާރުގެ މުއައްސަސާތަކުގެ މެދުގައި ހިނގާ މަސައްކަތްތައް އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުންނެވެ. ހާއްސަކޮށް، ގައުމީ އިޤްތިސާދީ އަމާޒުތަކާ އެއްގޮތަށް ފަތުރުވެރިކަމުގެ ސިނާއަތުން ސަރުކާރަށް ލިބޭ އާމްދަނީ އިތުރުކުރުމަށް ކުރެވިދާނެ ކަންކަމާއި، މިކަމަށް އެޅިދާނެ ފިޔަވަޅުތަކާ ބެހޭގޮތުން ވަނީ ޚިޔާލު ބަދަލުކުރެވިފައެވެ.
ދެފަރާތުންވެސް ވަނީ، ސާފުކަންބޮޑު އަދި ދެމެހެއްޓެނިވި، އަދި ޖަވާބުދާރީކުރުވޭނެ ނިޒާމެއް ގާއިމުކުރުމަށް އަޒުމް އާކުރައްވާފައެވެ. މި ނިޒާމަކީ ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއެރުވުމަށް އެހީތެރިވެދޭނެ ނިޒާމެއްކަން ދެ ބޭފުޅުން ފާހަގަކުރެއްވިއެވެ.