ކެންގަރޫ ކިޑްސް އިންޓަނޭޝަނަލް ޕްރީ ސްކޫލުގެ ދަރިވަރުން، އެމްއެންޑީއެފް ކޯސްޓްގާޑުގެ އެމްއާރުސީސީއަށް ޒިޔާރަތްކޮށްފި
ކެންގަރޫ ކިޑްސް އިންޓަނޭޝަނަލް ޕްރީ ސްކޫލުގެ ދަރިވަރުން، އެމްއެމްއެންޑީއެފް ކޯސްޓްގާޑުގެ މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރ (އެމްއާރުސީސީ) އަށް މިއަދު ޒިޔާރަތްކޮށްފިއެވެ.
އެ ސްކޫލުގެ ދަރިވަރުން އެމްއާރުސީސީއަށް ޒިޔާރަތްކޮށްފައި މިވަނީ ސްކޫލުގެ ތިމާވެށި ކަރިކިޔުލަމްގައި ހިމެނޭ ދިވެހިރާއްޖޭގައި ހެދޭ ގަސްގަހާގެހީގެ މަޢުލޫމާތު ހޯދުމުގެ ގޮތުންނެވެ. މިގޮތުން، އެ ޕްރީސްކޫލުގައި ކިޔަވަމުންދާ 36 ދަރިވަރުން ވަނީ އެމްއާރުސީސީއަށް މިއަދު ޒިޔާރަތްކޮށްފައެވެ.
މި ޒިޔާރަތުގައި، އެމްއާރުސީސީގައި ހައްދާފައިވާ ގަސްގަހާއި ޕްލާންޓޭޝަންއާ ބެހޭގޮތުންނާއި ތިމާވެށި ހިމާޔަތްކުރުމުގެ މުހިންމުކަމާ ބެހޭގޮތުންނާއި އެމްއާރްސީސީގެ ދައުރާ ބޭހޭގޮތުން އެމްއާރުސީސީގެ ފަރާތުން ދަރިވަރުންނަށް މަޢުލޫމާތު ފޯރުކޮށްދެއްވީ، އެމްއާރުސީސީގެ ސިފައިންނެވެ. އެމްއާރުސީސީއަކީ، ދިވެހިރާއްޖޭގައި ހެދޭ ވަރަށް ގިނަ ގަސްތައް ހައްދާފައިވާ މަރުކަޒެކެވެ.