ސަޢޫދީ ޢަރަބިއްޔާގެ ސަފީރު ދިފާޢީ ވަޒީރުގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފި
ސަޢޫދީ ޢަރަބިއްޔާ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ހިޒް އެކްސަލަންސީ ޔަޙްޔާ ޙަސަން އަލްޤަޙްޠާނީ ދިފާޢީ ވަޒީރު މުޙައްމަދު ޣައްސާން މައުމޫނުގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ.
ދިފާޢީ ވުޒާރާގައި ބޭއްވި މި ބައްދަލުވުމުގައި ދެ ބޭފުޅުން މަޝްވަރާ ކުރެއްވީ، ދިފާޢީ ދާއިރާއިން ދެ ޤައުމުގެ ދެމެދުގައި ޤާއިމްކޮށްފައިވާ ނިޒާމްތައް އިތުރަށް ހަރުދަނާ ކުރުމާ ގުޅޭގޮތުންނެވެ.
އަދި އިސްލާމީ އުންމަތުގެ ދިފާޢުގައި ޓެރަރިޒަމާ ދެކޮޅަށް ސަޢޫދީ ސަރުކާރުން އަދާކުރައްވަމުންދާ ހަރުދަނާ ދައުރު ފާހަގަކުރައްވައި، އެކަމަށްޓަކައި ސަޢޫދީ ސަރުކާރަށް ދިފާޢީ ވަޒީރު ޝުކުރު އަދާކުރެއްވިއެވެ.