އެމް.އެން.ޔޫ ފަހި މުސްތަޤްބަލް ސީރީޒް: އިންޖީނިއަރިންގ ދާއިރާއާއި ގުޅޭ ސެޝަނެއް ބާއްވަނީ
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީ (އެމް.އެން.ޔޫ)ގެ ފަހި ފުރުޞަތު ސީރީޒްގެ ދަށުން، "މެނޭޖިންގ ޗޭންޖް: އިންޖީނިއަރިންގ އަ ލައިފް؟" ގެ ނަމުގައި އިންޖީނިއަރިންގ ދާއިރާއާއި ގުޅޭ ސެޝަނެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
08 ސެޕްޓެމްބަރ 2025 ވަނަ ދުވަހުގެ މެންދުރު 13:00ގައި ބޭއްވުމަށް ހަމަޖެހިފައިވާ މި ސެޝަނުގައި ވާހަކަދައްކަވާނީ ފުންނާބު އުސް އިންޖީއަރ އަދި ވިޔަފާރިވެރިޔާ، ޑރ. އިބްރާިހިމް ނާޝިދެވެ. ޑރ. އިބްރާހިމް ނާޝިދު ވަނީ ސޯލަރ ފަވަރ އަދި ކްލީން ޓްރާންސްްޕޯޓް ދިވެހިރާއްޖެއަށް ތަޢާރަފްކޮށްދެއްވުމުގައި އިސް ދައުރެއް ޢަދާކުރައްވައިފައެވެ. މި ސެޝަންގައި، އެބޭފުޅާގެ މަސައްކަތްތަކުގައި ދިމާވެފައިވާ ގޮންޖެހުންތަކާއި އެ ގޮންޖެހުންތަކުން އަރައިގަތުމަށް ކުރެއްވި މަސައްކަތަކުގެ އިތުރުން އިންޖީއަރިންގ ދާއިރާއިން ކުރިއަށްދިޔުމަށް ޝައުގުވެރިވާ ޒުވާނުންނާއި މުޚާތަބުކުރައްވައި ވާހަކަދައްކަވާނެއެވެ.
މި ސެޝަން އަކީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީ (އެމް.އެން.ޔޫ)ގެ އޭ ބްލޮކް އޮޑިޓޯރިއަމްގައި، އާންމުންނަށް ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިގެން ބޭއްވޭ ސެޝަނެކެވެ. މިފަދަ ސެޝަންތަށް ބޭއްވުމުގެ މައިގަނޑު މަޤްޞަދަކީ ޒުވާނުން އެކި ދާއިރާގެ އެކި މަސައްކަތްތަކަށް ހޭލުންތެރިކުރުވައި، މަޢޫލޫމާތު މުއްސަނދި މުޖުތަމަޢުއެއް ބިނާކުރުމެވެ.