ދުވަހުގެ މަސް: ރިނދަވާލި
ރިނދަވާލި މި މަހަކީ ރާއްޖޭގެ ފުންވިލުތަކާއި ފަޅުފަޅުގައި އަދި ރަށްރަށުގެ ބޭރުމަތީގައި20 މީޓަރަށްވުރެ ތިލަ ހިސާބުތަކުގައި އުޅޭ މަހެކެވެ. މިއީ ހަނދި ޢާއިލާގެ ބާވަތެކެވެ. މިއީ ވަރަށް މަދުން ނަނުގައި ބޭނޭ މަހެކެވެ. މިއީ ދިވެހިން ކެއުމަށް ބޭނުންކޮށްއުޅޭ މީރުމަހެކެވެ.
ރިނދަވާލި ކުދިކުދި އައިން ހަދައިގެން ފަރުފަރުގެ ބޭރުގައި ދަތުރުކޮށް އުޅެއެވެ. ރިނދަވާލީގެ ބޮލުގެ މަތީ ހަންގަނޑުގެ އެތެރޭގައި ކުކުޅުބިސް ބުރަށް ހުންނަ ހަރު ކަށިގަނޑެއް ހުރެއެވެ. މިހެންވެ މިއަށް ދިވެހިން "ރިނދަ" ކިޔާ އަދި އެމަހަށް ރިނދަވާލީގެ ނަމުން ނަންދެވިފައިވާކަމަށް ބެލެވެއެވެ. ރިނދަވާލި އެންމެ ބޮޑުވަނީ 80 ސެންޓިމީޓަރަށެވެ.
ރިނދަވާއްޔަކީ ފަތިކޮށް ކުކުޅުބިސް ބުރަށް ހުންނަ ވަރަށް ބާރަށް ދުވާ މަހެކެވެ. މަހުގެ ބުރަކަށިމަތީ ފުރަތަމަ ކޮތަރިބައިގައި6 ހަރުކަށިހުރެއެވެ. އަދި ދެވަނަ ކޮތަރިބައިގައި1 ހަރުކަށްޓާއިއެކު 18 އާއި 20 އާއި ދެމެދުގެ އަދަދަކަށް މަޑުކަށިހުރެއެވެ. ބަނޑުދަށްފަރާތު ކޮތަރިބައިގައި ވަކިވަކިން ހުންނަ 2 ހަރުކަށްޓަށްފަހު އިތުރު 1 ހަރުކަށްޓާއިއެކު 16 އާއި 18 އާ ދެމެދުގެ އަދަދަކަށް މަޑުކަށިހުރެއެވެ. ބައެއް އެހެން މަސްމަހުގައި ހުންނަގޮތަށް ރިނދަވާލީގެ ނިގޫ ކައިރިން އަރިމަތީގައި ކުރަގަނޑެއް ނުހުރެއެވެ.
މަހުގެ ކުލައަކީ ރިހިކުލައެވެ. ނަމަވެސް ބޮޑެތި މަހުގައި މި ރިހިކުލައިގެ މައްޗަށް އޮރެންޖު ކުލައެއް ފޭދިފައި ހުންނަ ގޮތަކަށް ހުރެއެވެ. ބަނޑުދަށްފަރާތު ކޮތަރިބައިގެ ކުލައަކީ މަޑު އޮރެންޖު ކުލައެކެވެ.