ދިވެހިރާއްޖޭގެ މެރިކަލްޗަރ ދާއިރާ ތަރައްގީ ކުރުމަށް ޗައިނާގެ ކުންފުންޏަކާއެކު ސޮއިކޮށްފި
ދިވެހިރާއްޖެގެ މެރިކަލްޗަރ ސިނާއަތް ޒަމާނީ ފެންވަރަށް ތަރައްގީކުރުމަށް މި ވުޒާރާއިން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ޗައިނާގެ މެރިކަލްޗާ ދާއިރާގައި ފާހަގަކޮށްލެވޭ ހޮންގްޑޮންގް ފިޝަރީ ކޯޕަރޭޝަނާއެކު ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.
މި ފަހުމުނާމާގައި ދިވެހިރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ މަސްވެރިކަމާ ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހުމަދު ޝިޔާމްއެވެ.
މި ފަހުމު ނާމާގައި ސޮއިކުރެއްވީ ރައީސުލްޖުމްހޫރިއްޔާ މިހާރު ޗައިނާއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ހަވާސްގެ ތެރެއިންނެވެ. މި ދަތުރުފުޅަކީ ޗައިނާގެ ރައީސް ޝީ ޖިންޕިންގގެ ޚާއްޞަ ދަޢުވަތަކަށް، ޝަންހާއީ ކޯޕަރޭޝަން އޯގަނައިޒޭޝަން (އެސް.ސީ.އޯ)ގެ ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެކެވެ.
ހޮންގްޑޮންގް ފިޝަރީ ކޯޕަރޭޝަނާއެކު ފާހުމުނާމާގައި ސޮއިކުރުމުގެ މަގުސަދަކީ އެކުންފުނިން ރާއްޖޭގައި ކުރުމަށް ތައްޔާރުވަމުން އަންނަ އިންވެސްޓުމެންޓުތަކާއި ގުޅިގެން ކުރަން ޖެހޭ ކަންކަން ކުރުމަށް މަގުފަހި ކުރުމެވެ.
މެރިކަލްޗަރ އަކީ ވަކި ސިނާޢަތެއްގެ ގޮތުގައި ތަރައްގީ ކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ އަމާޒެކެވެ. އަދި އެމަނިކުފާނު ހާއްސަ އިސްކަމެއް ދެއްވައިގެން މަސްވެރިކަން ތަރއްގީކުރުމަށް ކުރައްވަމުން ގެންދަވާ މަސައްކަތުގެ ތެރެއިން ފާހަގަކޮށްލެވޭ މަސައްކަތެކެވެ.
މީގެއިތުރުން އައްޑޫ ސިޓީގައި މަސްވެރިކަމާއި ކަނޑުދަތުރުފަތުރުގެ ލޮޖިސްޓިކް ހަބެއް ޤާއިމުކުރުމަށް ޗައިނާ މެޝިނަރީ އިންޖިނިއަރިންގ ކޯޕަރޭޝަން (ސީ.އެމް.އީ.ސީ) އާއެކުވެސް އެއްބަސްވުމެއްގައި ވަނީ ސޮއިކޮށްފައެވެ.
މި މަޝްރޫއަކީ ޤައުމުގެ އިޤްތިޞާދީ ތަރައްޤީއަށް މަގުފަހިކޮށްދޭނެ، އަދި ދެކުނުގެ މަސްވެރިކަމުގެ ސިނާޢަތުގެ ތަރައްޤީއަށް އައު ދޮރެއް ހުޅުވާލައިދޭނެ މުހިންމު މަޝްރޫއެކެވެ.