logo
banner image
މާލީ ވުޒާރާ

ހުޅުމާލެ ތަރައްޤީކުރުމުގެ މަޝްރޫޢު އިފްތިތާޙްކޮށްދެއްވުމުގެ ރަސްމިއްޔާތުގައި މިނިސްޓަރ ޑރ.މުޙައްމަދު ޝަފީޤް ބައިވެރިވެވަޑައިގަންނަވައިފި

ހުޅުމާލެ ތަރައްޤީކުރުމުގެ މަޝްރޫޢު އިފްތިތާޙްކޮށްދެއްވުމުގެ ރަސްމިއްޔާތުގައި ފިނޭންސް މިނިސްޓަރ ޑރ.މުޙައްމަދު ޝަފީޤް ބައިވެރިވެވަޑައިގެންފިއެވެ.

މި މަޝްރޫޢު އިފްތިތާޙްކޮށްދެއްވީ ސަޢޫދީ ފަންޑް ފޮރ ޑިވެލޮޕްމަންޓް (އެސްއެފްޑީ)ގެ ޗީފް އެގްޒެކެޓިވް އޮފިސަރ ސުލްޠާން ބިން ޢަބްދުއްރަޙްމާން އަލްމާޝަދެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ފިނޭންސް މިނިސްޓަރ ޑރ.މުޙައްމަދު ޝަފީޤް ވަނީ، ރާއްޖެ އަށް ސައުދީން ދެމުންދާ އެހީތެރިކަން ފާހަގަކުރައްވާ އެކަމަށްޓަކާ ޝުކުރު އަދާކުރައްވާފައެވެ. އަދި ސަޢުދީއާއެކު އޮތް ގާތް ގުޅުމުގެ އެހީގައި ރާއްޖެ އަށް ގިނަ ކުރިއެރުންތަކެއް ލިބޭ ކަމަށް ފާހަގަކުރެއްވިއެވެ.

އަދި ހުޅުމާލެ ފޭސް 1 އާއި ފޭސް 2 ގުޅުވައިދޭ ފަސް ބްރިޖާއި، ހާއްސަކޮށް ފޯ ޗެނަލް ބްރިޖްގެ މަސައްކަތް ނިމުމަކީ ފާހަގަކޮށްލެވޭ ކާމިޔާބީއެއް ކަމަށާއި، މި ކަމުގެ ސަބަބުން ދަތުރުފަތުރުކުރުމާއި ކަނެކްޓިވިޓީ އަށް ހިތްގައިމު މަގެއް ލިބިގެންދާނެކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ މިއީ ރާއްޖެއާއި ސައުދީ އަރަބިއްޔާއާ ދެމެދު އޮންނަ ގާތް ގުޅުން ރަމްޒުކޮށްދޭ ކަމެއް ކަމަށެވެ.

ރަސްމިއްޔާތުގައި ވާހަކަދައްވަމުން ސަޢުދީ ފަންޑް ފޮރ ޑިވެލޮޕްމަންޓްގެ ސީއީއޯ ސުލްޠާން ޢަބްދުލްރަޙްމާން އަލް-މަރްޝަދު ވިދާޅުވީ ސަޢުދީ އިން މިހާތަނަށް އައި އިރު 470 މިލިއަން ޑޮލަރުގެ އެހީ ރާއްޖެއަށް ފޯރުކޮށްދީފައިވާކަމަށެވެ. ހުޅުމާލޭ ބްރިޖްތައް ތަރައްޤީކުރުމުގެ ޕްރޮޖެކްޓަށް އެކަނި ވެސް 80 މިލިއަން ޑޮލަރުގެ އެހީ ފޯރުކޮށްދިން ކަމަށް އޭނާ ވިދާޅުވިއެވެ. އޭނާ ވިދާލުވީ ކުރިއަށް އޮތްތަނުގައިވެސް ރާއްޖޭގެ ތަރައްޤީއަށް އެކި ދާއިރާތަކުން އެހީތެރިވެދެއްވާނެކަމަށެވެ.

ހުޅުމާލެ ދެވަނަ ފިޔަވަހި ތަރައްޤީކުރުމުގެ ޕްރޮޖެކްޓްގެ ތެރެއިން ހުޅުމާލެ ފުރަތަމަ ފިޔަވައްސާ ދެވަނަ ފިޔަވަހި ގުޅާލުމަށް ތަރައްޤީކުރި 4 ބްރިޖްގެ މަސައްކަތް ވަނީ ކުރިއަށް ގެންގޮސްފައެވެ.