އެމް.ކިޔު.އޭ އިން "ވޯކް ދަ ޓޯކް"ގެ ނަމުގައި ސެމިނާއެއް ބާއްވައިފި
މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ (އެމް.ކިޔު.އޭ)ގެ ފަރާތުން މަތީ ތަޢުލީމު ފޯރުކޮއްދޭ މަރުކަޒުތަކާއި އެކު "ވޯކް ދަ ޓޯކް: ސްޓެޕްސް ޓުވާރޑްސް ކުއަލިޓީ ހަޔަރ އެޑިޔުކޭޝަން އިން ދަ މޯލްޑިވްސް"ގެ ނަމުގައި ސެމިނާއެއް ބާއްވައިފިއެވެ.
ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވާސިޓީ (އައި.ޔޫ.އެމް)ގައި ކުރިއަށްދިޔަ މި ސެމިނާ އަކީ ދިވެހިރާއްޖޭގައި ފޯރުކޮއްދޭ މަތީ ތަޢުލީމުގެ ފެންވަރު ރަނގަޅުކުރުމުގެ ގޮތުން މަތީ ތަޢުލީމު ފޯރުކޮއްދޭ މަރުކަޒުތަކާއިއެކު މަޝްވަރާކޮށް، މަޢުލުމާތު ޙިއްސާކުރުމަށް ބޭއްވުނު ސެމިނާއެކެވެ.
މި ސެމިނާގައި، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީ (އެމް.އެން.ޔޫ)، ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވާސިޓީ (އައި.ޔޫ.އެމް)، އައިލޭންޑް އިންސްޓިޓިއުޓް އޮފް ޓަރޝަރީ އެޑިޔުކޭޝަން، މަންދު ކޮލެޖް، ވިލާ ކޮލެޖް، ޒިކުރާ އިންޓަރނޭޝަނަލް ކޮލެޖް، އެވިޑް ކޮލެޖް އަދި މޯލްޑިވިސް ބިޒްނަސް ސްކޫލުން ވަނީ ބައިވެރިވަޑައިގަންނަވައިފައެވެ.
މަތީ ތަޢުލީމާއި މަސައްކަތްރިކަމާއި ހުނަރުތައް ތަރައްޤީކުރުމާއި ބެހޭ ވުޒާރާގެ ދަށުން މަސައްކަތްކުރާ މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ (އެމް.ކިޔު.އޭ) އަކީ ދިވެހިރާއްޖޭގައި ފޯރުކޮއްދޭ މަތީ ތަޢުލީމުގެ ފެންވަރު ރަނގަޅުކުރުމުގެ މަޤްޞަދުގައި ޤާޢިމުކުރެވިފައިވާ އިދާރާއެކެވެ. މިފަދަ އިދާރާތަކުން ބޭއްވޭ ސެމިނާ ނުވަތަ ވޯކްޝޮޕްތަކަކީ ދިވެހިރާއްޖޭގެ މަތީ ތަޢުލީމީ ދާއިރާގެ މުސްތަޤްބަލް ބިނާކުރުމަށް އެޅިގެންދާ ފިޔަވަޅެކެވެ.