މަޢުލޫމާތު: ދިވެހިރާއްޖޭގެ ތަފާސްހިސާބުގެ ޤާނޫނު - 4 ވަނަ މާއްދާ
4. ބިއުރޯގެ މަސްއޫލިއްޔަތުތަކާއި ޒިންމާތައް
ބިއުރޯގެ މަސްއޫލިއްޔަތުތައް ތިރީގައި ބަޔާންކޮށްފައި އެވަނީއެވެ.
(ހ) ދިވެހިރާއްޖޭގައި ތަފާސްހިސާބު އެއްކުރުމާއި، ބެލެހެއްޓުމާއި ބޭނުންކުރުމުގައި އެއްހަމަ މިންގަނޑުތަކެއް ބޭނުންކުރުމަށް މަގުފަހިކުރުމުގެގޮތުން، ބައިނަލްއަޤްވާމީ މިންގަނޑުތަކާ އެއްގޮތްވާ ގޮތުގެމަތިން ދިވެހިރާއްޖޭގައި ޢަމަލުކުރާނެ މިންގަނޑުތަކެއް އެކުލަވާލުން؛
(ށ) ރަސްމީ ތަފާސްހިސާބު އެއްކުރުމާއި، އެއްކުރެވޭ މަޢުލޫމާތުގެ ނަތީޖާ ހޯދުމާއި، ޢާންމުކުރުމާއި، ތަފާސްހިސާބު ބޭނުންކުރުމުގެ އުސޫލުތަކާއި މިންގަނޑުތައް ކަނޑައަޅައި، ފެންވަރު ހިފެހެއްޓުން؛
(ނ) ރަސްމީ ތަފާސްހިސާބަކީ ދީމިޤްރާޠީ މުޖްތަމަޢެއް ތަރައްޤީކުރުމުގައި ލާޒިމު ވަސީލަތެއްކަމުގައި ބަލައި، ދިވެހިރާއްޖޭގެ އިޤްތިޞާދީ، އިޖްތިމާޢީ އަދި ތިމާވެށްޓާއި، އާބާދީއާބެހޭ ތަފާސްހިސާބުގެ އަލީގައި ޤައުމުގެ ޙާލަތު ވަޒަންކުރުމަށް އެހީތެރިވެދިނުމުގެގޮތުން ތަފާސްހިސާބު އެކުލަވާލައި، ފަސޭހައިން ބޭނުންހިފޭނެފަދަ ގޮތެއްގައި، ވަކިފަރާތަކަށް ނުޖެހި، އެއްހަމައެއްގައި އެ މަޢުލޫމާތު ޢާންމުކޮށް ފޯރުކޮށްދިނުން؛
(ރ) ތަފާސްހިސާބުގެ ޤައުމީ ނިޒާމުން ފޯރުކޮށްދޭ ތަފާސްހިސާބަކީ އިތުބާރުހުރި ތަފާސްހިސާބަށް ހެދުމަށްޓަކައި، ތަފާސްހިސާބު ބަލަހައްޓާ އިދާރާތަކުގައި ތަފާސްހިސާބު އެއްކޮށް، ރައްކާކޮށް، އަދި ޢާންމުކުރުމުގައި ޢަމަލުކުރާނެ އުސޫލުތަކާއި އިޖުރާއަތުތައް ބައިނަލްއަޤްވާމީ ފެންވަރުގައި ޤަބޫލުކުރެވޭ ހަމަތަކާ އެއްގޮތަށް އެކުލަވާލުން؛
(ބ) ދިވެހިރާއްޖޭގެ އާބާދީއާއި ދިރިއުޅޭ ތަންތަނުގެ ބޯހިމެނުމާއި، ދިވެހިރާއްޖޭގެ ތަރައްޤީ ވަޒަންކުރުމަށް ކޮންމެހެން ބޭނުންވާ ރަސްމީ ތަފާސްހިސާބު އެއްކުރުމަށް ޤައުމީ ފެންވަރުގައި ބޭނުންވާ މުހިންމު ސަރވޭތައް ކުރުމާއި، ތަފާސްހިސާބު އެކުލަވާލުމުގައި ބޭނުންކުރާނެ ކްލެސިފިކޭޝަން ނުވަތަ ކޯޑިންގ ސިސްޓަމްތައް އެކުލަވާލުން؛
(ޅ) ފަޤީރުކަމާއި ދިރިއުޅުމުގެ ޙާލަތުގެ ނާޒުކުކަމާބެހޭ ތަފާސްހިސާބު އެއްކޮށް، އަދި ބެލެހެއްޓުން؛
(ކ) ދިވެހިރާއްޖޭގެ އިޤްތިޞާދީ ތަރައްޤީގެ ދުވެލި ވަޒަންކުރުމަށް ބޭނުންވާ ޤައުމީ އުފެއްދުންތެރިކަމުގެ މިންގަނޑާއި، ކޮންސިއުމަރ ޕްރައިސް އިންޑެކްސް (ސީ.ޕީ.އައި) ފަދަ މުހިންމު އިޤްތިޞާދީ ތަފާސްހިސާބު އެއްކޮށް، އެކުލަވާލައި ޢާންމުކުރުން؛
(އ) ސަރުކާރާއި ދައުލަތުގެ އެކި އިދާރާތަކުން ރަސްމީ ތަފާސްހިސާބު އަދި ޑެޒިގްނޭޓަޑް ސްޓެޓިސްޓިކްސް އެކުލަވާލުމަށް ކުރެވޭ ސަރވޭތައް ރަޖިސްޓަރީކޮށް، އެ ރަޖިސްޓަރީ ބެލެހެއްޓުން؛
(ވ) ދިވެހިރާއްޖޭގެ ތަރައްޤީއަށްޓަކައި، ދިވެހިރާއްޖޭގެ އިޤްތިޞާދީ އަދި އިޖްތިމާޢީ ސިޔާސަތުތައް ކަނޑައެޅުމަށާއި އެ ސިޔާސަތުތައް ތަންފީޛުކުރެވޭ މިންވަރު ދެނެގަތުމަށް ބޭނުންވާ ރަސްމީ ތަފާސްހިސާބާއި ޑެޒިގްނޭޓަޑް ސްޓެޓިސްޓިކްސް، ތަފާސްހިސާބުގެ ޤައުމީ ނިޒާމުގެ ތެރެއިން އެއްކޮށް، ބަލަހައްޓައި އެ މަޢުލޫމާތު ފޯރުކޮށްދޭންޖެހޭ ފަރާތްތަކަށް ފޯރުކޮށްދިނުން؛
(މ) ދިވެހިރާއްޖޭގެ ލޭބަރ މާރކެޓާބެހޭ ސަރވޭތައްކުރުމާއި، ލޭބަރ މާރކެޓާބެހޭ ތަފާސްހިސާބު އެއްކޮށް، އެކުލަވާލައި، މަދުވެގެން ކޮންމެ 3 (ތިނެއް) އަހަރަކުން އެއްފަހަރު ޢާންމުކުރުން؛
(ފ) ދިވެހިރާއްޖޭގެ ތަފާސްހިސާބުގެ ޤައުމީ ނިޒާމު ތަރައްޤީކޮށް ކުރިއެރުވުމުގައި ހިއްސާވެ އެހީތެރިވުމުގެގޮތުން، ދޭދޭ ޤައުމުތަކުގެ މެދުގައާއި ބައިނަލްއަޤްވާމީ ފަރާތްތަކާއެކު ތަފާސްހިސާބުގެ ރޮނގުން ގުޅުން ޤާއިމުކުރުން؛
(ދ) ޤައުމީ ފެންވަރުގައި ކޮންމެހެން ބޭނުންވާ ޑެޒިގްނޭޓަޑް ސްޓެޓިސްޓިކްސް އެކަމަކާ ގުޅުންހުރި އިދާރާއެއް މެދުވެރިކޮށް އެއްކޮށް، އަދި ބެލެހެއްޓުމުގެ ކަންކަން ވިލަރެސްކުރުން؛
(ތ) ޤައުމީ ތަފާސްހިސާބުގެ ސްޓްރެޓަޖީތައް އެކުލަވާލައި، އަދި ތަންފީޛުކުރުން؛
(ލ) ޤައުމީ ތަފާސްހިސާބުގެ ސްޓްރެޓަޖީތަކަށް ބިނާކޮށް ޤައުމީ ތަފާސްހިސާބުގެ އަހަރީ ޕްރޮގްރާމް ތައްޔާރުކުރުމާއި، ތަފާސްހިސާބުގެ ޤައުމީ ނިޒާމުގެ ތެރެއިން އުފައްދަންޖެހޭ ޑެޒިގްނޭޓަޑް ސްޓެޓިސްޓިކްސް ކަނޑައަޅައި، ޑިސެމިނޭޝަން ޕޮލިސީއާއި އެޑްވާންސް ރިލީޒް ކަލަންޑަރާ އެއްގޮތަށް ޢާންމުކުރުން؛
(ގ) ދިވެހިރާއްޖޭގެ ތަފާސްހިސާބާބެހޭ މަޢުލޫމާތު ދިވެހިރާއްޖެއާއި ދިވެހިރާއްޖެއިން ބޭރުގެ ފަރާތްތަކަށް ފޯރުކޮށްދިނުމުގައި މެދުވެރިއެއްގެ ދައުރު އަދާކުރުން؛
(ޏ) ތަފާސްހިސާބުގެ ޤައުމީ ނިޒާމު ތަރައްޤީކުރުމަށްޓަކައި ތަފާސްހިސާބުގެ ދާއިރާއިން މީހުން ބިނާކުރުން؛
(ސ) ރަސްމީ ތަފާސްހިސާބު ބަލަހައްޓާ ފަރާތްތަކަށް ބޭނުންވާ ފަންނީ ލަފާދިނުން؛
(ޑ) ރަނގަޅުނޫން ގޮތުގައި، ނުވަތަ މާނަ އޮޅޭގޮތަށް ތަފާސްހިސާބު ބޭނުންކުރާނަމަ އެކަންކަން އިޞްލާޙުކުރާނެގޮތުގެ ލަފާދިނުން؛
(ޒ) ތަފާސްހިސާބާގުޅޭ ޤާނޫނުތަކާއި ގަވާއިދުތަކަށް ރައްޔިތުން އަހުލުވެރިކުރުވުން؛
(ޓ) ތަފާސްހިސާބު އެއްކުރުމާއި، ރައްކާތެރިކޮށް ބެލެހެއްޓުމާއި ޢާންމުކުރުމާގުޅޭ ގަވާއިދުތައް ހަދައި ހިންގުން؛
(ޔ) ޑެޒިގްނޭޓަޑް ސްޓެޓިސްޓިކްސް ފޯރުކޮށްދިނުމުގެ މަސައްކަތްތައް ފުރިހަމައަށް ކުރުމަށްޓަކައި ދައުލަތުގެ ކަމާބެހޭ އިދާރާތަކުން ބަލަހައްޓާ ރަސްމީ ތަފާސްހިސާބު އެއްކޮށް، އަދި އެކުލަވާލުމަށް އެއްވެސް އިދާރާއަކުން ނުކުޅެދޭފަދަ ޙާލަތްތަކުގައި، ބިއުރޯގެ ފަރާތުން އެކަމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުން؛ އަދި ބިއުރޯގެ ފަރާތުން އެކަމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދޭނެ ގޮތް މި ޤާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.
(ޕ) މި ޤާނޫނާއި މި ޤާނޫނުގެ ދަށުން ހަދާ ގަވާއިދުތަކުގެ ދަށުން ބިއުރޯގެ މަޤްޞަދުތައް ޙާޞިލުކުރުމަށް ކުރަންޖެހޭ އެންމެހައި ކަންކަން ކުރުން.