މަޢުލޫމާތު: ދިވެހިރާއްޖޭގެ ތަފާސްހިސާބުގެ ޤާނޫނު - 3 ވަނަ މާއްދާ
3. މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އުފެއްދުން
(ހ) މި ޤާނޫނަށް ޢަމަލުކުރަން ފެށުމާއެކު، ދިވެހިރާއްޖޭގެ ތަފާސްހިސާބާގުޅޭ އެންމެހައި ކަންކަން ރާވައި ހިންގާނެ އުސޫލުތައް ކަނޑައެޅުމަށާއި މި ޤާނޫނު ތަންފީޛުކުރުމަށް ކުރަންޖެހޭ އެންމެހައި ކަންކަން ކުރުމަށްޓަކައި، "މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް" ގެ ނަމުގައި ސަރުކާރުގެ ވަކި އިދާރާއެއް އުފެދުނީއެވެ.
(ށ) މި މާއްދާގެ (ހ) ގެ ދަށުން މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އުފެދުމާއެކު، މި ޤާނޫނަށް ޢަމަލުކުރަން ފެށުމުގެ ކުރިން ހިނގަމުން އައި ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސްގެ މިލްކުވެރިކަމުގެ ދަށުގައި ނުވަތަ ބެލެހެއްޓުމުގެ ދަށުގައި ހުރި އެންމެހައި މުދަލާއި، ވަސީލަތްތަކާއި، ދައުލަތުގެ ބަޖެޓުން އެ ބިއުރޯއަށް އެކަށައަޅައި ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ފައިސާއާއި، ޤާނޫނީގޮތުންނާއި އެއްބަސްވުންތަކުގެ ދަށުން އެ ބިއުރޯއިން އުފުލަންޖެހޭ އެންމެހައި ވާޖިބުތަކާއި މަސްއޫލިއްޔަތުތަކާއި، ޤާނޫނީގޮތުންނާއި އެއްބަސްވުންތަކުގެ ދަށުން އެ ބިއުރޯއަށް ލިބޭ ޙައްޤުތަކާއި މަންފާތައް، މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްއަށް ބަދަލުވީއެވެ.
(ނ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ބިއުރޯ މަސައްކަތްކުރަންވާނީ، ފަންނީގޮތުން ޕްރޮފެޝަނަލްކަމާއެކު، އަދި ސިޔާސީ ނުވަތަ އެހެނިހެން އެއްވެސް ފަރާތެއްގެ ބާރާއި ނުފޫޒުން އެއްކިބާވެ، ޕްރޮފެޝަނަލް އިންޑިޕެންޑަންސް ހިފަހައްޓައިގެންނެވެ.
(ރ) ބިއުރޯއާގުޅޭ ކަންކަމުގައި ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީވާނީ މިނިސްޓަރެވެ.