logo
banner image

މަޢުލޫމާތު: ދިވެހިރާއްޖޭގެ ތަފާސްހިސާބުގެ ޤާނޫނު - 2 ވަނަ މާއްދާ

2. ޤާނޫނުގެ މަޤްޞަދު

މި ޤާނޫނުގެ މައިގަނޑު މަޤްޞަދުތައް ތިރީގައި ބަޔާންކޮށްފައި އެވަނީއެވެ.

(ހ) ދިވެހިރާއްޖޭގެ ތަފާސްހިސާބުގެ ދާއިރާ ތަރައްޤީކުރުމާއި، ޤައުމުގެ އިޤްތިޞާދީ، އިޖްތިމާޢީ އަދި ތިމާވެށީގެ ޙާލަތު އަންގައިދޭ މުހިންމު ތަފާސްހިސާބު ޤައުމީ ފެންވަރުގައި އެއްކޮށް، ދިވެހިރާއްޖޭގެ އެންމެހައި ރައްޔިތުންނަށް އިތުބާރުހުރި ގޮތެއްގައި، އެއްހަމައެއްގައި ފޯރުކޮށްދިނުން؛

(ށ) ސަރުކާރުގެ ސިޔާސަތުތައް އެކުލަވާލުމަށާއި އެ ސިޔާސަތުތަކުގެ ނަތީޖާ ޙާޞިލުކުރެވޭ މިންވަރު ވަޒަންކޮށް، ގެންނަންޖެހޭ ބަދަލުތައް ދެނެގަތުމަށް ބޭނުންވާ ތަފާސްހިސާބު، ޞައްޙަކަމާއެކު އިތުބާރުހުރި ގޮތެއްގައި ކަމާބެހޭ އިދާރާތަކުން ފޯރުކޮށްދެވޭނެ އިންތިޒާމު ހަމަޖެއްސުން؛

(ނ) ޤައުމީ ފެންވަރުގައި ކުރާ މުހިންމު ސަރވޭތަކާއި ބޯހިމެނުންފަދަ ތަފާސްހިސާބާބެހޭ ކަންކަމަށް މަޢުލޫމާތު އެއްކުރުމުގައި ޞައްޙަ މަޢުލޫމާތު ދިނުމުގެ ފަރުދީ ޒިންމާ އަދާކުރުމަށް ރައްޔިތުންނަށް ބާރުއަޅައި ހޭލުންތެރިކަން އިތުރުކުރުން؛

(ރ) މުޖުތަމަޢުގައި ތަފާސްހިސާބުގެ ޢިލްމާއި ހުނަރު އިތުރުކޮށް، ތަފާސްހިސާބު ހެޔޮގޮތުގައި ބޭނުންކުރުމާއި އޭގެ އަލީގައި ކަންކަން ނިންމުމަށް ބާރުއެޅުމުގެގޮތުން ތަފާސްހިސާބުގެ ދާއިރާއާ ގުޅޭގޮތުން ހޭލުންތެރިކަން އިތުރުކުރުން؛

(ބ) ދައުލަތުގެ އިދާރާތަކުން އެއްކޮށް، އަދި ބަލަހައްޓާ ރަސްމީ އަދި އިދާރީ ތަފާސްހިސާބުގެ ބޭނުން ހެޔޮގޮތުގައި ހިފުމަށް މަގުފަހިކުރުން؛

(ޅ) ދިވެހިރާއްޖޭގައި ރަސްމީ ތަފާސްހިސާބު އެއްކުރުމާއި، އެއްކުރެވޭ މަޢުލޫމާތުގެ ނަތީޖާ ހޯދުމާއި، ޢާންމުކުރުމާއި، ބޭނުންކުރުމުގައި ބައިނަލްއަޤްވާމީ ފެންވަރުގައި ޤަބޫލުކުރެވޭ ތަފާސްހިސާބުގެ މިންގަނޑުތަކާއި ރަސްމީ ތަފާސްހިސާބުގެ މައިގަނޑު އަސާސްތައް، ނުވަތަ އ.ދ.ގެ ފަންޑަމެންޓަލް ޕްރިންސިޕަލްސް އޮފް އޮފިޝަލް ސްޓެޓިސްޓިކްސްއަށް ޢަމަލުކުރެވޭނެ އުސޫލުތައް ޤާއިމުކުރުން؛

(ކ) ތަފާސްހިސާބު އެއްކޮށް، ބަލަހައްޓައި އަދި ފޯރުކޮށްދިނުމުގައި މަޢުލޫމާތުދޭ ފަރާތްތަކުގެ ސިއްރު ހިފެހެއްޓުމާއި، ތަފާސްހިސާބު އެއްކުރާ ފަރާތްތަކާމެދު އޮންނަ ޔަޤީންކަން ބޮޑުކުރުން؛

(އ) ދިވެހިރާއްޖޭގެ ތަފާސްހިސާބުގެ ޤައުމީ ނިޒާމު ފުރިހަމައަށް ވިލަރެސްކޮށް، ތަފާސްހިސާބުގެ މަސައްކަތަށް ކުރެވޭ ހޭދަ ކުޑަކުރުމަށް މަގުފަހިކޮށް، އެންމެ އެދެވޭގޮތުގައި ނަތީޖާ ނެރުމަށް ބާރުއެޅުން؛

(ވ) ބައިނަލްއަޤްވާމީ ފެންވަރުގައި ފޯރުކޮށްދޭންޖެހޭ ދިވެހިރާއްޖޭގެ ތަފާސްހިސާބު އިތުބާރުހުރި ގޮތެއްގައި އެއްކޮށް، ބެލެހެއްޓުމާއި ފޯރުކޮށްދިނުން؛

(މ) ތަފާސްހިސާބުގެ ޤައުމީ ނިޒާމުގެ ތެރޭގައި ހިމެނޭ ދައުލަތުގެ އިދާރާތަކާއި، ތަފާސްހިސާބާބެހޭ ބައިނަލްއަޤްވާމީ ޖަމާޢަތްތަކާއި މުއައްސަސާތަކާއެކު ގުޅުން ބަދަހިކުރެވޭނެ ނިޒާމެއް ޤާއިމުކުރުން.