logo
banner image

ތަރައްޤީގައި ރައީސްގެ ސިޔާސަތަކީ މާއްދީ، މާނަވީ މިންހަމަ ސިޔާސަތެއް

ރާއްޖެ ތަރައްޤީ ކުރުމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސިޔާސަތަކީ މިންހަމަ ސިޔާސަތެއްކަމަށް ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހީމް ވިދާޅުވެއްޖެއެވެ. ސަލްމާނު މިސްކިތުގައި އަލަށް ޤާއިމުކުރެވުނު އިސްލާމީ ކުތުބުޚާނާ ހުޅުވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި، ވަޒީރު ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ މާއްދީ ގޮތުން ނުވަތަ އިމާރާތްތަކާ މަސައްކަތުގެ ގޮތުން، އަދި މާނަވި ނުވަތަ ޢިލްމާއި ވިސްނުމުގެ ގޮތުން ތަރައްޤީ ގެނައުމަކީ ރައީސްގެ ޤައުމީ ޚިދުމަތުގެ މައިގަނޑު ފަލްސަފާ ކަމަށެވެ. އެ ގޮތުން އިސްލާމީ ކުތުބުޚާނަތަކަކީ ސިކުނޑިތައް ބިނާ ކޮށްދޭ އެއް ވަސީލަތެވެ. ހަމަ އެހެންމެ ރާއްޖެއަކީ ސައްތައިންސައްތަ އިސްލާމީ ޤައުމެއްކަމަށް ވެފައި އިސްލާމް ދީނަކީ ދެދުނިޔޭގެ ބާއްޖަވެރިކަމުގެ ދީންކަމަށްވާތީ، މި ފަދަ ދީނީ ފޮތުގެ ޚަޒާނާތަކެއް އުފެދުމުން އެ ކަމުން ދިވެހި ޤައުމަށް ކުރާނެ މަންފާގެ މައްޗަށް އަލިއަޅުއްވައިލެއްވިއެވެ. އެ ގޮތުން ރައީސްގެ އިސްލާމީ ލައިބްރަރީތަކާ ބެހޭ ވަޢުދު ފުރިހަމަވެގެން އަންނަ އިރު، ދީނީ ފޮތްތައް ފަސޭހަކަމާއެކު ކިޔާލެވޭނެ އެތައް ފުރުސަތެއް ފަހިވެފައި އޮންނާނެކަން ފާހަގަ ކުދެއްވިއެވެ.