ތާރީޚީ ދުވަހެއް: ޒަމާނީ އިސްލާމީ ކުތުބުޚާނާ ޒަމާންތަކަކަށް ފަހު، މިރޭ ހުޅުވަނީ!
މި ރެއަކީ ދިވެހިރާއްޖޭގެ އިސްލާމީ ޢިލްމީ ތާރީޚުގައި ފާހަގަކޮށްލެވޭނެ ރެއަކަށް ވާނެއެވެ. އަހަރުތަކެއްގެ މެދުކެނޑުމަކަށް ފަހު ދިވެހިރާއްޖޭގެ އިސްލާމީ ކުތުބުޚާނާ މިރޭ ހުޅުވުމަށް ޓަކައި މިހާރު ވަނީ ފުރިހަމައަށް ތައްޔާރުވެފައެވެ.
ސަލްމާނު ރަސްގެފާނު މިސްކިތުގެ ތިންވަނަ ފަންގިލާގައި ތަރައްޤީކޮށްފައިވާ އިސްލާމީ ކުތުބުޚާނާ މިރޭ ހުޅުވުމަށް ހަމަޖެހިފައިވާ އިރު، އިސްލާމީ ކުތުބުޚާނާ މި ހުޅުވެނީ 15،000އަށް ވުރެ ގިނަ ފޮތާ އެކުކަން ފާހަގަކޮށްލެވެއެވެ. މިރޭ މި ހުޅުވޭ އިސްލާމީ ކުތުބުޚާނާ ވެގެންދާނީ އިސްލާމީ ޢިލްމު ޙާސިލްކުރާން ބޭނުންވާ އަދި ދިރާސާތައްކުރާން ބޭނުންވާ ފަރާތްތަކަށް ވަރަށް ބޭނުންތެރި ތަނަކަށެވެ.
"އިންޝާﷲ މިރޭ އިސްލާމީ ކުތުބުޚާނާ ހުޅުވާނެ، އިސްލާމީ ދިރާސާ ކުރާ ފަރާތްތަކަށް ވަރަށް ހިތްގައިމު މާހައުލަކަށްވެގެންދާނެ" އިސްލާމީ ކުތުބުޚާނާ ހުޅުވުމާއި ގުޅޭ ގޮތުން އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވިއެވެ.
މާލޭގެ އިތުރަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޤާއިމްކޮށްފައިހުރި އަދި މިހާރު އިމާރާތްކުރަމުންދާ އިސްލާމީ މަރުކަޒުތަކުގައި އިސްލާމީ ކުތުބުޚާނާ ޤާއިމްކުރުމަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދެކެވެ.
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޤާއިމްކޮށްފައިވާ އިސްލާމީ މަރުކަޒުތަކުގައި އިސްލާމީ ކުތުބުޚާނާތައް ޤާއިމްކުރުމަށް ބޭނުންވާ ފޮތްތައް ބޭރު ޤައުމެއްގެ ޔުނިވަރސިޓީއަކުން ހަދިޔާކުރުމަށް ވަނީ ނިންމައިފައެވެ.
މި ކަމާ ގުޅޭ ގޮތުން އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވީ، ހއ. ދިއްދޫ އިސްލާމީ މަރުކަޒުގެ ކުތުބުޚާނާއާއި ރ. އުނގޫފާރު އިސްލާމީ މަރުކަޒުގެ ކުތުބުޚާނާއާއި ތިނަދޫ ސިޓީ އިސްލާމީ މަރުކަޒުގެ ކުތުބުޚާނާއާއި އައްޑޫ އިސްލާމީ މަރުކަޒުގެ ކުތުބުޚާނާގެ އިތުރަށް އަތޮޅުތަކުގައި ޤާއިމުކުރެވޭ އެހެނިހެން އިސްލާމީ ލައިބްރަރީތަކަށް ބޭނުންވާ ފޮތްތައް އެކުވެރި ޤައުމެެއްގެ ޔުނިވަރސިޓީއަކުން ވަނީ ހަމަޖެހިފައިކަމަށާއި، 60 ހާސް ފޮތް ލިބޭނެކަމަށް އަންގައިފައިވާކަމަށެވެ.
ސަލަމާނު ރަސްގެފާނު މިސްކިތުގައި ރާއްޖޭގެ މައި އިސްލާމީ ކުތުބުޚުނާ ފުރިހަމަކޮށް ހުޅުވުމަށް ޓަކައި އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ މުވައްޒަފުންނާ އެކު ޒުވާނުންގެ ޓީމެއްވަނީ ވަރަށް ބުރަކޮށް މަސައްކަތްކުރައްވައިފައިކަން ފާހަގަކޮށްލެވެއެވެ.