logo
banner image
ޞިއްޙީ ވުޒާރާ

ދަތުގެ ދުޅަހެޔޮކަމާ ގުޅޭ ކަންކަމުގައި ހޭލުންތެރިވާންޖެހޭ- ފަސްޓްލެޑީ

ދަތުގެ ދުޅަހެޔޮކަމާ ގުޅޭ ކަންކަމުގައި މިހާރަށްވުރެ ބޮޑަށް ހޭލުންތެރިކަން އިތުރުކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު އިލްތިމާސްކުރައްވައިފިއެވެ.

ދިވެހިރާއްޖޭގެ ފުރަތަމަ ބައިނަލްއަޤުވާމީ ދަތުގެ ކޮންފަރަންސް "ހިނިތުން 2025" ގެ އިފުތިތާޙީ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އެކަމަނާ ވިދާޅުވީ، ސިއްޙީ ދާއިރާގައި ޖުމުލަގޮތެއްގައި ހޭލުންތެރިކަން އިތުރުވަމުންދިޔަ ނަމަވެސް ދަތާއި އަނގައިގެ ޞިއްޙަތުގެ ކަންކަމަކީ ނިސްބަތުން ސަމާލުކަން ނުދެވޭ ދާއިރާއެއް ކަމަށެވެ.

އަދި މި ދާއިރާގެ މުހިއްމުކަން ފާހަގަކުރައްވާ، ޢާންމުންގެ މެދުގައި ހޭލުންތެރިކަން އިތުރުކުރުމާއި، ރަނގަޅު ކާނާ އިޚުތިޔާރުކުރުމާއި، ޤަވާއިދުން ދަތުގެ ޗެކަޕްތައް ހެދުމަކީ، ދަތުގެ ސިއްޙަތުގެ މުހިންމު ބަހާތައް ކަމުގައި އެކަމަނާ ވިދާޅުވިއެވެ.

ދަތުގެ ސިއްޙަތާއި މީހާގެ ދުޅަހެޔޮކަމާ ހުރި ގުޅުންތަކުގެ މައްޗަށް ބައްލަވާލައްވަމުން އެކަމަނާ ވަނީ، ދަތްފަނިކެއުމާއި ހިރުގަނޑުގެ ބަލިތަކަށް ފަރުވާނުކުރެވި، އަނގައިގެ ކެންސަރު އިތުރުވަމުންދާކަން ފާހަގަކުރައްވާފައެވެ. އަދި މި ފަދަ މައްސަލަތަކަށް ޙައްލު ހޯދުމަށް ހޭލުންތެރިކަން އިތުރުކުރުމާއި ސިޔާސަތުތައް ކަނޑައެޅުއްވުމަށް އެކަމަނާ ގޮވާލެއްވިއެވެ.

"ހިނިތުން 2025" އަކީ، ދަތުގެ ފަރުވާގެ ޚިދުމަތް ހަރުދަނާކުރުމުގެ މަޤްޞަދުގައި، ދާއިރާގެ މާހިރުންނާއި މަސްލަހަތުވެރިންގެ ބައިވެރިވުމާއެކު ދިވެހިރާއްޖޭގައި ބާއްވާ މި ފަދަ ފުރަތަމަ ބައިނަލްއަޤުވާމީ ކޮންފަރަންސެވެ.