ސިއްޙީ ޚިދުމަތުގައި ތަފާތު ހަނދާންތަކާއި ތަފާތު ތަޖުރިބާތަކާއި ތަފާތު އިހްސާސްތައް ގުޅިފައިވޭ- ފަސްޓްލޭޑީ
ސިއްޙީ ޚިދުމަތަކީ ތަފާތު ހަނދާންތަކާއި ތަފާތު ތަޖުރިބާތަކާއި ތަފާތު އިހްސާސްތަކާ ގުޅިފައިވާ ޚިދުމަތެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.
އެކަމަނާ މިހެން ވިދާޅުވީ، ސ. ފޭދޫ ޞިއްޙީ މަރުކަޒުގެ 43 ވަނަ އަހަރީ ދުވަހުގެ ޖަލްސާ ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅުދައްކަވަމުންނެވެ.
މިރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅުދައްކަވަމުން އެކަމަނާ ވަނީ، ފޭދޫގައި ޑަކްޓަރީ ބޭސްފަރުވާގެ ޚިދުމަތް ދެއްވަން ފެއްޓެވި ގޮތާއި މިހާރުގެ ޙާލަތަށް އަލިއަޅުއްވާލައްވާފަ އެވެ.
އަދި ޞިއްޙީ ޚިދުމަތުގެ ދާއިރާގައި ހިތްހެޔޮކަމާއި ކެތްތެރިކަން އިސްކުރުމާއި ކަންކަމުގެ އަސްލު މައްސަލަ ދެނެގަންނަން ހިމޭންކަމާއި ވިސްނުންތެރިކަމާއެކު މަސައްކަތްކުރުމަކީ ވަރަށް ބޭނުންތެރިކަމެއްކަން ފާހަގަކުރައްވާފައެވެ..
މިރަސްމިއްޔާތުގައި ފޭދޫ ޞިއްޙީ މަރުކަޒަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެއްވާފައިވާ ފަރާތްތަކުގެ އަގު ވަޒަންކުރުމުގެ ގޮތުން ހަނދާނީ ފިލާ ޙަވާލުކުރުމާއި، މަސައްކަތުގެ ރޮނގުން ފާހަގަކޮށްލެވޭ މުވައްޒަފުންނަށް އެވޯޑު ދިނުންވެސް މިއަދުގެ ޖަލްސާގައި ކުރިޔަށްދިޔައެވެ.
އެގޮތުން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ ފޭދޫ ޞިއްޙީ މަރުކަޒަށް 30 އަހަރަށް ވުރެ ދިގު މުއްދަތަށް ޚިދުމަތް ކުރައްވާފައިވާ މުވައްޒަފުންނަށް ހަނދާނީ ފިލާ ޙަވާލުކޮށްދެއްވާފައެވެ.