މަޢުލޫމާތު: ދައުލަތުގެ މާލިއްޔަތުގެ ޤާނޫނު - 36 ވަނަ މާއްދާ
36. އަހަރީ ރިޕޯޓު އޮޑިޓްކުރުމާއި ރިޕޯޓު ހުށަހެޅުން
(ހ) މި ޤާނޫނުގެ 35 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އަހަރީ ރިޕޯޓު، އެމާއްދާގައި ބުނެފައިވާ އޮފީހަކުން އޮޑިޓަރ ޖެނެރަލަށް ލިބޭތާ 2 މަސްދުވަހުގެ ތެރޭގައި، އޮޑިޓަރ ޖެނެރަލް އެ ރިޕޯޓު އޮޑިޓް ކުރަންވާނެއެވެ. އަދި އެ ރިޕޯޓު އޮޑިޓް ކުރުމަށްފަހު، އޮޑިޓަރ ޖެނެރަލް ލިޔެފައިވާ ރިޕޯޓު، އެ އޮފީހުގައި، މިޤާނޫނުގެ ދަށުން ކަނޑައަޅާފައިވާ ޒިންމާދާރު ވެރިޔާއަށް ފޮނުވަންވާނެއެވެ.
(ށ) މި ޤާނޫނުގެ 35 ވަނަ މާއްދާގައިވާ ގޮތުގެމަތިން އޮޑިޓަރ ޖެނެރަލަށް ލިބެންޖެހޭ ރިޕޯޓެއް، އޮޑިޓަރ ޖެނެރަލަށް ނުލިބުނުނަމަ، 14 ދުވަހުގެ ތެރޭގައި، އޮޑިޓަރ ޖެނެރަލް އެކަން ރައްޔިތުންގެ މަޖިލީހަށާއި ރައީސުލްޖުމްހޫރިއްޔާއަށް ލިޔުމަކުން އަންގަންވާނެއެވެ.