އަލްމަރްޙޫމް މަޑުލު މުޙައްމަދު ވަޙީދުގެ ތައުބީނުގެ ޖަލްސާ ބާއްވާފި
އަލްމަރްޙޫމް މަޑުލު މުޙައްމަދު ވަޙީދުގެ ތައުބީނުގެ ޖަލްސާ ބާއްވާފި.
ދިވެހި އަދަބިއްޔާތަށް ނުހަނު ގިނަގުނަ ޚިދުމަތްތަކެއް ކޮށްދެއްވައިފައިވާ އަލްފާޟިލް މުޙައްމަދު ވަޙީދު ( މަޑުލު ) އަވަހާރަވުމުގެ ހިތާމައިގައި ތައުބީނުގެ ޖަލްސާ ބާއްވާފިއެވެ.
އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައި ރޭ ބޭއްވި މި ޚާއްސަ ޖަލްސާ ޝަރަފުވެރިކޮށްދެއްވީ ދިވެހި ބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހީމް އެވެ. ވަޒީރުގެ އަރިހުގައި ނިޝާން ޢިއްޒުއްދީން ޢިއްޒަތުގެ ވެރިޔާ، އަދި ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާގެ މުޝީރު ޢައްބާސް އިބްރާހީމްގެ އިތުރުން، ދިވެހިބަހުގެ އެކެޑަމީގެ ރައީސް ޑރ.އަޝްރަފް އަބުދުއްރަޙީމް ބައިވެރިވެވަޑައިގެންނެވިއެވެ. އަދި އަލްމަރްޙޫމް ވަޙީދުގެ އާއިލާގެ ބޭފުޅުންނާއި ގާތް އެކުވެރި ބޭފުޅުންވެސް ވަނީ ރޭގެ ޖަލްސާގައި ބައިވެރިވެވަޑައިގަންނަވާފައެވެ.
މި ޖަލްސާގައި ވަނީ މަރުޙޫމް ވަޙީދު ގެ ހަނދާންތަކާއި ޚިދުމަތްތައް ހިމެނޭ ގޮތަށް ދިވެހިބަހުގެ އެކެޑަމީގެ ފަރާތުން އެކުލަވައިލެއްވި ޒިކުރާގެ ފޮތް އާއިލާ އާ ޙަވާލު ކުރައްވާފައެވެ. މި ފޮތް އާއިލާއާ ޙަވާލުކޮށްދެއްވީ ދިވެހިބަހުގެ އެކެޑަމީގެ ރައީސް ޑރ. އަޝްރަފް އަބުދުއްރަޙީމްއެވެ.
ބަހުގެ އެކެޑަމީގެ ފަރާތުން ތައްޔާރުކޮށްފައިވާ "އަޅުގަނޑުމެންގެ މަޑުލު ވަޙީދު" މި ފޮތްވެސް ވަނީ ރޭގެ ޖަލްސާގައި ނެރެދެއްވައިފައެވެ. ފޮތް ނެރެދެއްވީ ވަޒީރު އާދަމް ނަޞީރު އިބްރާހީމެވެ.
އަލްމަރްޙޫމް އަލްފާޟިލް މުޙައްމަދު ވަޙީދު ވަނީ ދިވެހި ދައުލަތަށް 50 އަށް ވުރެ ގިނަ އަހަރު ޚިދުމަތްކޮށްދެއްވައިފައެވެ. އަވަހާރަވީ އިރު ހުންނެވީ ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާގެ ޚާއްޞަ މުޝީރުގެ މަޤާމުގައެވެ.
ވަޙީދުގެ ޚިދުމަތްތައް ފާހަގަކުރައްވައި، ދިވެހި ސަރުކާރުން ވަނީ ލިޔުންތެރިކަމަށް ޚިދުމަތްކުރުމުގެ ރޮނގުން 1985 ވަނަ އަހަރުގެ އާންމު ޚިދުމަތަށް ހިތްވަރު ދިނުމުގެ އިނާމު ދެއްވާފައެވެ. އަދި ކުރުވާހަކަ ލިޔުމުގެ ރޮނގުން 1997 ވަނަ އަހަރު އާންމު ޚިދުމަތަށް ހިތްވަރު ދިނުމުގެ އިނާމު ލިބިވަޑައިގެންފައިވާއިރު، ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިން ދިވެހި ބަހުގެ ލިޔުންތެރިކަން ކުރި އެރުވުމުގެ ރޮނގުން 2019 ވަނަ އަހަރު ޝަރަފުވެރިކަމުގެ އިނާމު މަރްޙޫމް ވަޙީދަށް ވަނީ ލިބިވަޑައިގެންފައިވެއެވެ.
އަލްމަރްޙޫމް މުޙައްމަދު ވަޙީދު އަވަހާރަވެފައިވަނީ މި އަހަރުގެ އޭޕްރިލް މަހުގެ 14 ވަނަ ދުވަހުއެވެ.