logo
banner image
ޞިއްޙީ ވުޒާރާ

ނަފްސާނީ އެހީތެރިކަން ފޯރުކޮށްދޭ ހެލްޕްލައިނުން 5000 އަށްވުރެ ގިނަ މީހުންނަށް ޚިދުމަތް ފޯރުކޮށްދީފި

ނަފްސާނީ އެކިއެކި ކަންކަން ކުރިމަތިލަމުންދާ ފަރާތްތަކަށް އެހީ ފޯރުކޮށްދިނުމަށް ޤާއިމުކޮށްފައިވާ ހެލްޕް ލައިނުން މިއަހަރުގެ މިހާތަނަށް 5000 އަށްވުރެ ގިނަ މީހުންނަށް ޚިދުމަތް ފޯރުކޮށްދީފިއެވެ.

އެގޮތުން ފެބްރުއަރީ 2024 އިން ފެށިގެން ޑިސެމްބަރ 2024 ގެ ނިޔަލަށް 2576 ފަރާތަކަށް މި ހެލްޕް ލައިނުން ޚިދުމަތް ފޯރުކޮށްދީފައިވާއިރު، ޖެނުއަރީ 2025 އިން 5 ޖުލައި 2025 ނިޔަލަށް 5820 ކޯލަކަށް އެޓެންޑްވެފައިވެއެވެ.

މި ކޯލްތަކުގެ ތެރޭގައި ނަފްސާނީ ސިއްޙަތުގެ ޚިދުމަތް ލިބެން ހުންނަ ތަންތަނާއި ނަފްސާނީ ސިއްޙަތާ ގުޅުން ހުރި މައުލޫމާތު ސާފުކުރުމަށް ގުޅާ ކޯލްތަކާއި، ނަފްސާނީ އެހީތެރިކަން ބޭނުންވެގެން ގުޅާ ކޯލްތަކާއި، ކްރައިސިސްގެ ހާލަތުގައި ގުޅާ ކޯލްތަކާއި، ފޮލޯއަޕް އަދި ރެފެރަލް ހެދުމަށް ގުޅާ ކޯލްތައް ހިމެނެއެވެ.

ނަފްސާނީ އެކިއެކި ކަންކަން ކުރިމަތިލަމުންދާ ފަރާތްތަކަށް ފޯރުކޮށްދޭ ޚިދުމަތްތައް، ދެމެހެއްޓެނިވި ގޮތެއްގައި އިންތިޒާމުކޮށް، ޚިދުމަތްތަކުގެ ފެންވަރު ރަނގަޅު ކުރުމަށް ރައީސުލްޖުމްހުރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ހަފްތާ 14ގެ ވަޢުދުތަކުގެ ތެރެއިން ނަފްސާނީ ޞިއްޙަތުގެ ޤައުމީ ހެލްޕްލައިން 1677 އިފްތިތާޙްކޮށްފައިވަނީ 21 ފެބްރުއަރީ 2024 އެވެ.

މި ހެލްޕްލައިންގެ މައިގަނޑު މަޤްސަދަކީ ނަފްސާނީ ގޮތުން އުނދަގޫވާ އެކިއެކި ހާލަތްތަކުގައި އާއި ނަފްސާނީ ބަލި ހުންނަ އެކި އުމުރު ފުރައިގެ މީހުންނަށް، ނަފްސާނީ ފުރަތަމަ އެހީތެރިކަން 24 ގަޑިއިރު ލިބިގެން ދިއުމެވެ. މި ހެލްޕްލައިނުން ނަފްސާނީ ފުރަތަމަ އެހީއާއި އެކު މައްސަލަ ހައްލުކުރުމުގެ އެހީތެރިކަން، މަޢުލޫމާތު ދިނުން އަދި އިތުރު އެހީތެރިކަން ފޯރުކޮށްދޭން ޖެހޭ ޙާލަތްތަކުގައި ކަނޑައަޅާފައިވާ އުސޫލުތަކުގެ ތެރެއިން ގުޅުންހުރި ޚިދުމަތްތަކަށް ރިފަރ ކުރަމުންދެއެވެ.