ފަށާ މަދަދު ލޯން ސްކީމްގެ ފުރަތަމަ ފިޔަވަހީގައި ލޯން ލިބިފައިވާ ފަރާތެއްގެ ޝުޢޫރު
އަންހެނުން ބާރުވެރިކުރުމުގެ މަޤްޞަދުގައި ސަރުކާރުން ހުޅުވާލި 'ފަށާ މަދަދު' ލޯން ސްކީމުގެ ފުރަތަމަ ފިޔަވަހީގައި ލޯން ލިބުނު ފަރާތްތަކުގެ ތެރޭގައި ހިމެނޭ ފަރާތެއް ކަމަށްވާ، ފާތިމަތު އުލްފަތު މި ލޯނުގެ ސަބަބުން އޭނާގެ ވިޔަފާރިއަށް ލިބުނު ކުރިއެރުމާއި، އުލްފަތުއަށް ލިބުނު ކާމިޔާބީއިން އެހެން މީހުންނަށް މި ލޯނު ހޯދައިދިނުމަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ކުރެވުނު މަސައްކަތުގެ ތަޖުރިބާ ހިއްސާކޮށްފިއެވެ.
'ސެވެން ފްލޭވާސް' ގެ ނަމުގައި ރަޖިސްޓްރީކޮށްގެން އުލްފަތު ހިންގާ ވިޔަފާރިއަކީ ތަފާތު ބާވަތުގެ ކާނާ ތައްޔާރުކުރާ ވިޔަފާރިއެކެވެ. އުލްފަތު ކިޔައިދިން ގޮތުގައި، ކޮވިޑްގެ ބަލިމަޑުކަމުގެ ތެރޭގައި ގޭގައި ފެށި މި މަސައްކަތަށް އޭރުވެސް ބޮޑު ތަރުހީބެއް ލިބެމުން ދިޔައެވެ.
އެހެންނަމަވެސް، މާލީ ގޮތުން ހުރި ގިނަ ގޮންޖެހުންތަކުގެ ސަބަބުން ވިޔަފާރިއަށް ފައިދާ ނުވެ ގެއްލުން ވަމުން ދިޔަކަމަށާއި، މި ކަމަށް ހައްލު ހޯދުމުގެ މަޤުސަދުގައި ތަފާތު އެކި ތަންތަނަށް ލޯނަށް އެދި ހުށަހެޅިކަމަަށް ވެސް އުލްފަތު ވަނީ ފާހަގަކޮށްފައެވެ. އެހެންނަމަވެސް، ކޮންމެ ފަހަރަކުވެސް އެޕްލިކޭޝަންގައި މައްސަލައެއް ދިމާވެ ލޯނު ލިބޭގޮތް ނުވާކަމަށް އުލްފަތު ކިޔާދިނެވެ.
"އެކި ބޭންކުތަކަށް ދާއިރު ޝަރުތު ހަމަނުވޭ ގިނަ ފަހަރަށް. ދެން އެސްޑީއެފްސީގެ މި ލޯނަށް އެދި ހުށަހަޅި ހިސާބުން އެތަނުގެ ކޮންމެވެސް ސްޓާފަކު އަބަދުވެސް ހުރޭ އެހީތެރިވެދޭން، ކޮންމެ ގަޑިއަކު ގުޅާލިއަސް ބަރާބަރަށް ސްޓެޕް ބައި ސްޓެޕް ކިޔާލަދޭނެ." އުލްފަތު ފާހަގަކުރިއެވެ.
އެސްޑީއެފްސީގެ ފަށާ މަދަދު ލޯނާއެކު އާންމު ދިރިއުޅުމަށް ވަރަށް ބޮޑު ބަދަލުތަކެއް އައިސްފައިވާކަމުގައި އުލްފަތު ވަނީ ބުނެފައެވެ. އެގޮތުން، ވިޔަފާރި ފުޅާވެގެން، ލިބޭ އާމްދަނީ ދެގުނައަށް އިތުރުވެ، މިހާރު އިތުރު ވިޔަފާރިއެއް ފެށުމުގެ ތައްޔާރީތައް ވެސް ވަމުން އަންނަ ކަމުގައި އުލްފަތު ވަނީ ފާހަގަކޮށްފައެވެ.
ލޯނު ލިބުމުގެ ކުރިން، 2 ކޮޓަރީގެ އެޕާޓްމަންޓެއްގައި އެކަނި މި ވިޔަފާރިކުރަމުން އައި އުލްފަތު މިހާރު ވަނީ 3 މުވައްޒަފުންނާއިއެކު، ވިޔަފާރިކުރަމުން އައި ޖާގަ އިތުރަށް ފުޅާކޮށް، 4 ކޮޓަރީގެ އެޕާޓްމަންޓެއްގައި ވިޔަފާރީގެ ހުރިހާ މަސައްކަތެއް ކުރަން ފަށާފައެވެ. އަދި ލޯނުގެ ސަބަބުން އުލްފަތުގެ ވިޔަފާރިއަށް ބޭނުންވާނެ ހުރިހާ ސާމާނެއް ހަމަކުރެވުނު ކަމަށާއި، މާލީ ގޮތުން ދިމާވި ހުރިހާ ދަތިކަމަކަށް ލޯނުގެ ސަބަބުން ލުޔެއް ލިބިގެން ގޮސްފައިވާކަމަށް އޭނާ ފާހަގަކުރެއެވެ.
މި ލޯނަކީ ވިޔަފާރީގެ ދާއިރާގައި މަސައްކަތްކުރާ، ވިޔަފާރި ކުރިއެރުމަށް ބޭނުންވެފައިވާ ކޮންމެ އަންހެނަކަށް ވެސް މުހިންމު އެއްޗެއްކަމުގައި އުލްފަތު ބުނެއެވެ. އޭނާ އަށް ލޯނު ލިބި އެސްޑީއެފްސީ އިން އޭނާގެ ވާހަކަ މީހުންނާއި ހަމައަށް ގެނެސް ދިނުމުން، ގިނަ އަދަދެއްގެ އަންހެނުން އުލްފަތުއަށް ގުޅައި ލޯނާއި ބެހޭ މަޢުލޫމާތު ސާފުކުރިކަމަށާއި، ވީ ވަރަކުން އުލްފަތު އެމީހުންނަށް އެހީތެރިކަން ފޯރުކޮށްދީ، އެތަނުން ބައެއް ފަރާތްތަކަށް މިހާރު ލޯނު ލިބި ވިޔަފާރި ކުރިއެރުވުމުގެ މަގު ފަހިވެގެން ގޮސްފައިވާކަމަށްވެސް އުލްފަތު ވަނީ އުފަލާއެކު ފާހަގަކޮށްފައެވެ.
ވިޔަފާރީގެ ދާއިރާގައި މަސައްކަތްކުރާ ހުރިހާ އަންހެނުންނަށް ވެސް އުލްފަތު ދޭން ބޭނުންވާ މެސެޖަކީ، ހިތްވަރާއެކީ މަސައްކަތްކޮށްފިނަމަ ކާމިޔާބު ލިބޭނެކަމަށެވެ.
"ފަށާ މަދަދު" ލޯނު ސްކީމަކީ އަންހެނުންނަށް އަމިއްލަ ފައިމައްޗަށް ތެދުވުމަށް އޮތް ވަރަށް ބޮޑު ފުރުޞަތެކެވެ. މި ލޯނު ސްކީމްގެ ސަބަބުން، އުލްފަތު ފަދަ އެތައް އަންހެނުންނަކަށް އަމިއްލަ ވިޔަފާރި ކުރިއެރުވުމުގެ ފުރުޞަތު ލިބި، އިޤްތިޞާދީ ގޮތުން ބާރުވެރިވުމަށް މަގުފަހިވެގެންދާނެ ކަމަށް ބެލެވެއެވެ.