logo
banner image

ފަށާ މަދަދު ލޯނުގެ އެހީގައި ކާމިޔާބީގެ މަގު ހޯދި އަންހެން ވިޔަފާރިވެރިއެއްގެ ވާހަކަ

މަރިޔަމް ލަތީފް އަކީ ފަށާ މަދަދު ލޯން ސްކީމްގެ ފުރަތަމަ ފިޔަވަހީގައި ލޯން ލިބިފައިވާ ފަރާތެކެވެ. 'ފަށާ މަދަދު' ލޯން ސްކީމާއެކު، ވަރަށް ކުރިންސުރެވެސް އޭނާ ކުރާ ހިތްވާ އަދި ކުރުމުގެ ފުރުޞަތު ނުލިބިފައި ހުރި، ފެހުމުގެ މަސައްކަތްކުރުމަށް އަލިމަގެއް ފެނިގެންދިޔައެވެ.

މަރިޔަމް 'ފަށާ މަދަދު' ލޯން ސްކީމް ޚިޔާރުކުރީ، މި ލޯނުގެ އިންޓަރެސްޓް ދަށްވެފައި، އިކުއިޕްމަންޓާއި ބޭނުންވާ އެހެނިހެން މެޓީރިއަލް ގަތުމަށް ބޭނުންވާ ޖުމްލަ އަދަދު ލިބޭތީކަމަށް އޭނާ ފާހަގަކުރިއެވެ. މަރިޔަމް ބުނިގޮތުގައި، އޭނާގެ މި ވިޔަފާރި ފެށި ދުވަހުން ފެށިގެން މިއަދާ ހަމައަށްވެސް މި މަސައްކަތްކުރަމުން އަންނަނީ އެއްވެސް ހުއްޓުމެއް، ވަރުބަލިކަމެއް ނެތިއެވެ. އަދި މި މަސައްކަތުގައި އެންމެ ބޮޑު އުފާވެރިކަމެއް ލިބެނީ ވަރަށް ގިނަ މީހުންގެ ތަރުހީބު ލިބޭތީކަމަށްވެސް އޭނާ ބުންޏެވެ. މީގެ އިތުރުން، މަރިޔަމް ބުނީ މި މަސައްކަތުން ވަރަށް ހިތްހަމަޖެހޭ އާމްދަނީއެއް ލިބިގެންދާކަމަށެވެ. "ވަރަށް ހިތްހަމަޖެހޭ މީހުން އަޅުގަނޑުގެ މަސައްކަތަށް ތައުރީފުކޮށް، މަސައްކަތާ ދޭތެރޭ އެމީހުން ހިތްހަމަޖެހޭތީ،" މަރިޔަމް ލަތީފް ބުންޏެވެ.

އޭނާ ދެކޭ ގޮތުގައި، 'ފަށާ މަދަދު' ލޯން ސްކީމަކީ ވަރަށް މުހިންމު ލޯނެކެވެ. އަދި މިލޯން ސްކީމަކީ، ވަރަށް ގިނަ އަންހެން ވިޔަފާރިވެރިންނަށް ވިޔަފާރިއެއް ފަށަން ނުވަތަ ފަށާފައިވާ ވިޔަފާރިއެއް އިތުރަށް ކުރިއަރުވަން ލިބިގެންދާނެ ވަރަށް ބޮޑު ހިތްވަރެއް ކަމަށް މަރިޔަމް ލަތީފް ފާހަގަކުރިއެވެ.