ފަށާ މަދަދު ލޯނުގެ އެހީގައި ވިޔަފާރި ތެދުކޮށްލި އަންހެން ވިޔަފާރިވެރިއެއްގެ ވާހަކަ
އަންހެނުން ބާރުވެރިކުރުމުގެ މަޤްޞަދުގައި ސަރުކާރުން ހުޅުވާލި 'ފަށާ މަދަދު' ލޯން ސްކީމުގެ ފުރަތަމަ ފިޔަވަހީގައި ލޯން ލިބުނު ފަރާތްތަކުގެ ތެރޭގައި ހިމެނޭ ފަރާތެއް ކަމަށްވާ، އައިޝަތު އީމާ މި ލޯނުގެ ސަބަބުން އޭނާގެ ވިޔަފާރިއަށް ލިބުނު ކުރިއެރުމާއި، ދިމާވި ގޮންޖެހުންތަކަށް ފަހު ވިޔަފާރި އަނބުރާ ކޮޅަށް ޖެހިގޮތުގެ ތަޖުރިބާ ހިއްސާކޮށްފިއެވެ. ރީޓެއިލް ދާއިރާގައި ހަރަކާތްތެރިވާ އީމާއަކީ، އަވި އައިނު ވިޔަފާރިއެއް ހިންގަމުން އަންނަ ފަރާތެކެވެ.
ވިޔަފާރީގެ ދުނިޔެއަށް އީމާ ޝައުގުވެރިވެގެން އައީ، ބައްޕައާއެކު 8-7 އަހަރު ވަންދެން ވިޔަފާރީގެ ތެރޭގައި އުޅުމުގެ ސަބަބުންނެވެ. އާ މާކެޓެއްގައި ވިޔަފާރިކުރުމަށް އުފެދުނު ޝައުގުވެރިކަމާއެކު، އޭނާ ވަނީ މި އަވި އައިނު ވިޔަފާރި ފަށާފައެވެ. އޭރު މާކެޓުގައި، އަގުހެޔޮކޮށް، ކޮލިޓީ ރަނގަޅު އަދި ޔޫވީ ޕްރޮޓެކްޝަން ލިބޭ ޕޯލަރައިޒްޑް އަވި އައިނު ލިބޭ ވިޔަފާރިތަކެއް ނެތުމުގެ ސަބަބުން، މި ވިޔަފާރިއަށް ވަރަށް ބޮޑު މާކެޓެއް ލިބި، ފުޅާ ތަރުޙީބެއް ލިބިފައިވާކަމަށް އީމާ ބުނެއެވެ.
ނަމަވެސް، ކޮވިޑްގެ ދަތި ދުވަސްވަރު އޮންލައިންކޮށް ވިޔަފާރިކުރަން ޖެހުމުގެ ސަބަބުން، ގިނަ އަދަދެއްގެ ކަސްޓަމަރުން ގެއްލިގެން ދިޔައެވެ. މި ހާލަތުން އަރައިގަތުމަށްޓަކައި، އަނެއްކާވެސް ފިޒިކަލް އައުޓްލެޓެއް ހުޅުވުމުގެ މަޤްޞަދުގައި އީމާ ވަނީ 'ފަށާ މަދަދު' ލޯނަށް ކުރިމަތިލާފައެވެ. 'ފަށާ މަދަދު' ލޯނު ޚިޔާރުކުރި ސަބަބެއްކަމަށް އޭނާ ފާހަގަކުރީ، މިއީ އެއްވެސް ރަހުނަކާ ނުލައި، ފަސޭހައިން ލިބޭ ލޯނަކަށް ވެފައި، ޚާއްސަކޮށް އަންހެނުން ބާރުވެރިކުރުމުގެ މަޤްޞަދުގައި ހުޅުވާލި ލޯނަކަށް ވާތީކަމަށެވެ.
ފަށާ މަދަދު ލޯނުގެ އެހީގައި އާ އައުޓްލެޓެއް ހުޅުވުމަށްފަހު، ވިޔަފާރިއަށް އަނެއްކާވެސް ވަރަށް ގިނަ ކަސްޓަމަރުން ލިބި، ތަކުރާރުކޮށް އަންނަ ކަސްޓަމަރުންގެ އަދަދު އިތުރުވެގެންދިޔައެވެ. މި ކަމުގެ ނަތީޖާއެއްގެ ގޮތުން، އިތުރު މުދާ ގެނައުމަށް މަގުފަހިވެ، އާމްދަނީ ވަރަށް ބޮޑަށް ސްޓޭބަލްވެގެންދިޔައެވެ.
ވިޔަފާރި ހިންގުމުގައި ކުރިމަތިވި އެންމެ ބޮޑު ގޮންޖެހުމަކީ ސްޓޮކް ބަލައި ކޮންމެ ފަހަރަކުވެސް ބޭރަށް ދާން ޖެހުންކަމަށް އީމާ ފާހަގަކުރިއެވެ. އެހެންކަމުން، މިހާރު ވާނީ އޮންލައިންކޮށްވެސް ސްޓޮކް ގެންނަން ފަށާފައިކަމަށް އޭނާ ބުންޏެވެ.
އިމާ އަންހެނުންނަށް ދޭން ބޭނުންވާ މެސެޖަކީ، ހިތްވަރާއެކު "ފައްޓާށެވެ". އޭނާ ބުނި ގޮތުގައި، ވިޔަފާރިއެއް ފެށުމުން ބައިވަރު އާ ކަންތައް ކޮންމެ ދުވަހަކުވެސް ދަސްވެގެންދާނެއެވެ. އަދި ފެއްޓީމާ، މަޑުމަޑުން ހުރިހާ ކަމެއްވެސް ހަމައަކަށް އެޅި ހަމަޖެހޭނެކަމުގެ ޔަޤީންކަން އޭނާ ދެއެވެ.
"ފަށާ މަދަދު" ލޯނު ސްކީމަކީ އަންހެނުންނަށް އަމިއްލަ ފައިމައްޗަށް ތެދުވުމަށް އޮތް ވަރަށް ބޮޑު ފުރުޞަތެކެވެ. މި ލޯނު ސްކީމްގެ ސަބަބުން، އީމާ ފަދަ އެތައް އަންހެނުންނަކަށް އަމިއްލަ ވިޔަފާރި ފެށުމުގެ ފުރުޞަތު ލިބި، އިޤްތިޞާދީ ގޮތުން ބާރުވެރިވުމަށް މަގުފަހިވެގެންދާނެ ކަމަށް ބެލެވެއެވެ.