logo
banner image

ޕާކިސްތާން ހައިކޮމިޝަންގެ ފަރާތުން އެމްޕަވަމަންޓް ހަބަށް ހިލޭ އެހީ ދެއްވައިފި

އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާގެ ދަށުން ހުޅުވުމަށް ތައްޔާރުވަމުން އަންނަ "އެމްޕަވަމަންޓް ހަބް" އަށް، ދިވެހިރާއްޖޭގައި ހުންނަ ޕާކިސްތާންގެ ހައިކޮމިޝަނުން ހިލޭ އެހީގެ ގޮތުގައި ފައިސާ ހަދިޔާކުރައްވައިފިއެވެ.

މިކަމާ ގުޅިގެން އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ޕާކިސްތާން ހައިކޮމިޝަނަށް ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު އަދާކުރައްވައެވެ. އަދި ޔުނައިޓެޑް ނޭޝަންސް ޑިވެލޮޕްމެންޓް ޕްރޮގްރާމް (ޔޫ.އެން.ޑީ.ޕީ) މޯލްޑިވްސް އިން މިކަން މަގުފަހިކޮށްދެއްވުމުގައި ދެއްވި އެއްބާރުލުމާއި އެހީތެރިކަން ފާހަގަކޮށް، ޔޫ.އެން.ޑީ.ޕީއަށް ވެސް ވަރަށް ޚާއްސަ ޝުކުރެއް އަދާކުރައްވައެވެ.

ޕާކިސްތާން ހައިކޮމިޝަނުން ވަނީ ރާއްޖޭގައި އިޖުތިމާޢީ ރައްކާތެރިކަން އިތުރުކޮށް، ވަކީން ޚާއްސަގޮތެއްގައި، އެމްޕަވަމަންޓް ހަބްގެ މަސައްކަތްތަކުގައި އެއްބާރުލުން ދެއްވުމަށް ވަރަށް ބޮޑު ޝައުގުވެރިކަމެއް ފާޅުކުރައްވާފައެވެ. މި ހަބަކީ، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ހުނަރު ދަސްކޮށްދީ، އެމީހުންގެ އުފެއްދުންތައް ވިއްކައި، ވަޒީފާ އަދާކުރެވޭނެ ފަދަ ޚާއްޞަ މަރުކަޒެކެވެ. މިގޮތުން، މި މަރުކަޒު ގާއިމްކުރުމުގެ ނަތީޖާއެއްގެ ގޮތުން، އެމީހުންނަށް ބޭނުންވާ ހުނަރުތައް ދަސްކުރުމުގެ ފުރުޞަތު ލިބި، އެމީހުންގެ ޤާބިލުކަން އިތުރުވެ، އަމިއްލަ މަސައްކަތްތައް ފަށައި، އާމްދަނީ ހޯދުމުގެ ދޮރު ހުޅުވިގެންދާނެއެވެ.

އެމްޕަވަމަންޓް ހަބަށް ލިބިގެންދިޔަ މި އެހީއަކީ، މި ހަބްގެ މަސައްކަތްތައް ހަރުދަނާކޮށް، ފުރިހަމަކުރުމަށް ލިބިގެންދާ ވަރަށް މުހިންމު ބާރެކެވެ. ޕާކިސްތާން ހައި ކޮމިޝަނުން ވަނީ މިދިޔަ ޖޫން މަހުގެ ތެރޭގައި ވެސް، އެމްޕަވަމަންޓް ހަބްގެ މަސައްކަތްތައް ކުރިއަށްދާ ގޮތް ބައްލަވާލާ، ސައިޓް ވިޒިޓެއް ވެސް ކުރައްވާފައެވެ. މި ޒިޔާރަތަކީ މި މަޝްރޫޢަށް އެބޭފުޅުން ދެއްވާ އަހައްމިއްޔަތު ދައްކުވައިދޭ ކަމެކެވެ.

މި އެހީއާއެކު، އެމްޕަވަމަންޓް ހަބުގެ މަސައްކަތްތައް އިތުރަށް ހަރުދަނާވެ، ރާއްޖޭގެ މުޖުތަމަޢަށް، ވަކީން ޚާއްސަކޮށް ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ އާބާދީއަށް، ބޮޑު މަންފާއެއް ލިބިގެންދާނެ ކަމަށް އުންމީދުކުރެވެއެވެ.