ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ވަޒީފާގެ މާހައުލުގައި ޝާމިލުކުރުމާއި ގުޅޭގޮތުން އާރްޑީސީ މުވައްޒަފުންނަށް ކުރިއަށް ގެންދެވުނު ތަމްރީނު ސެޝަން
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ވަޒީފާގެ މާހައުލުގައި ޝާމިލުކުރުމާއި ގުޅޭގޮތުން މި ވުޒާރާއިން ރޯޑް ޑިވަލޮޕްމަންޓް ކޯޕަރޭޝަންގެ މުވައްޒަފުންނަށް ތަމްރީނު ސެޝަނެއް ކުރިއަށް ގެންގޮސްފިއެވެ.
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ތެރެއިން ވަޒީފާ އަދާކުރަން ޝައުގުވެރިވާ ފަރާތްތަކަށް ދަޢުލަތުގެ ތެރެއިން ވަޒީފާ ޔަޤީންކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ވެލެއްވި ވައުދުފުޅާއި އެއްގޮތްވާގޮތުގެ މަތިން މި ވުޒާރާއިން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި ފަޤީރު ހާލަތުގައި ދިރިއުޅޭ ފަރާތްތަކަށް ވަޒީފާގެ ފުރުޞަތުތައް ހަމަޖެއްސުމާ ގުޅޭ ގޮތުން މި ވުޒާރާއާއި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަނާ ދެމެދު ވަނީ ކުރިންވެސް މަޝްވަރާކުރެވިފައެވެ.
އެގޮތުން، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އެހެން މީހުންނެކޭ އެއްފަދައިން ވަޒީފާ އަދާކުރުމުގެ ފުރުސަތާއި، ވަޒީފާގެ މައިދާނުގައި ހަމަހަމަ ފުރުސަތުތައް ލިބިދިނުމުގެ ހައްޤު ލިއްބައިދިނުމަށްޓަކައި، އެކަމަށް މަގުފަހިކޮށް، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް މި ހައްޤު ކަށަވަރުކުރުމަށް އާރްޑީސީއާއި ގުޅިގެން ކުރެވެން ހުރި ކަންކަމާއި ގުޅޭގޮތުން ވަނީ ފުޅާދާއިރާއެއްގައި މަޝްވަރާކޮށްފައި ވެއެވެ.
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަޒީފާގެ ފުރުސަތުތައް ފަހިކުރުމާއި، ޒަރޫރީ ބޭނުންތައް ފުއްދުމުގައި ދަތިވާ އާއިލާތަކުގެ ހާލަތު ރަނގަޅުކުރުމާއެކު، އިޖްތިމާއީ ދުޅަހެޔޮކަމަށް ކުރެވޭ މަސައްކަތްތައް ގުޅިގެން ކުރުމަށް އާރްޑީސީއިން ވަނީ ޝައުގުވެރިކަން ފާޅުކޮށްފަ އެވެ. އަދި ގުޅިގެން މަސައްކަތްކުރާނެކަމުގެ ޔަގީންކަން ވެސް ވަނީ ދެއްވާފައެވެ.