logo
banner image
ޚާރިޖީ ވުޒާރާ

ފައިނޭންސިންގ ފޯ ޑިވެލޮޕްމަންޓްގެ ބައިނަލްއަޤުވާމީ ހަތަރުވަނަ ކޮންފަރެންސްގެ ހަވާސާގައި "ބްލެންޑެޑް ފައިނޭންސް އޮޕޯރޓުނިޓީސް ފޯރ މެރިން ބައޯޑައިވަރސިޓީ" ގެ ނަމުގައި ދިވެހިރާއްޖޭގެ ފަރާތުން ސައިޑް-އިވެންޓްއެއް ބާއްވައިފި

ދިވެހިރާއްޖެއާއި ޔުނައިޓެޑް ނޭޝަންސް ޑިވެލޮޕްމަންޓް ޕްރޮގްރާމް (ޔޫ.އެން.ޑީ.ޕީ.) އާ ގުޅިގެން "ބްލެންޑެޑް ފައިނޭންސް އޮޕޯރޗިއުނިޓީސް ފޯރ މެރިން ބައޯޑައިވަރސިޓީ" ގެ ނަމުގައި ސައިޑް-އިވެންޓެއް މިހާރު ހިނގަމުންދާ ފައިނޭންސިންގ ފޯ ޑިވެލޮޕްމަންޓްގެ ހަތަރުވަނަ ކޮންފަރެންސްގެ ހަވާސާގައި ބާއްވައިފިއެވެ.

މި އިވެންޓްގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޙުސައިން މުޙައްމަދު ލަޠީފް ވާހަކަފުޅުދެއްކެވިއެވެ. އެމަނިކުފާނުގެ ވާހަކަފުޅުގައި، ދެމެހެއްޓެނިވި ތަރައްޤީ ހާސިލްކުރުމަށް ދުޅަހެޔޮ ކަނޑުތައް މުހިންމުކަމަށް ވިދާޅުވިއެވެ. އަދި އެކަން ހާސިލްކުރުމަށް ދެމެހެއްޓެނިވި ގޮތެއްގައި މި ކަމަށް އިންވެސްޓްކުރުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ. އެގޮތުން ކަނޑުތައް ހިމާޔަތްކުރުމަށް ކުރަންޖެހޭ ޚަރަދު ފޫބެއްދުމަށްޓަކައި, ތަފާތު ފައިނޭންސިންގް މެކޭނިޒަމްސް ތަރައްޤީކުރުމަށް ރާއްޖެއިން މަސައްކަތްކުރާ ވާހަކަ ހިއްސާކުރެއްވިއެވެ. މީގެ ތެރޭގައި ބްލެންޑެޑް ފައިނޭންސިންގ ނިޒާމުތައް ހިމެނެއެވެ.

މީގެ އިތުރުން މިހާރު ރާއްޖޭގައި ބްލެންޑެޑް ފައިނޭންސް މެކޭނިޒަމްގެ ތެރެއިން ކުރިއަށްގެންދާ ދެ ޕްރޮޖެކްޓަކާ ގުޅޭގޮތުން މައުލޫމާތު ހިއްސާކޮށްފައިވެއެވެ. އެއީ މުރަކައިގެ ނިޒާމުތައް އިންޝުއަރ ކުރުމާއި ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ފޯރުކޮށްދޭ އެހީތަކާ ގުޅޭ ދެ މަޝްރޫޢެކެވެ. އެގޮތުން ކެޕިޓަލް މާރކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީގެ ޑެޕިއުޓީ ޗީފް އެގްޒެކެޓިވް އޮފިސަރ އަލްފާޟިލާ ފާތިމަތު އަބްދުﷲ ކަމާލުއްދީން، ޔޫ.އެން.ޑީ.ޕީ. ގެ ޓެކްނިކަލް ސްޕެޝަލިސްޓް އިން ކްލައިމެޓް ފައިނޭންސް އެންޑް އިންވެސްޓްމަންޓް، މރ. ޗާރލްސް ޔޫ، ގްލޯބަލް ފަންޑް ފޯރ ކޮރަލް ރީފްސް (ޖީ.އެފް.ސީ.އާރް.) ގެ ޑެޕިއުޓީ ޑިރެކްޓަރ، މރ. ޔަބަނެކްސް ބަޓިސްޓަ އަދި އިނގިރޭސިވިލާތުގެ ފޮރިން، ކޮމަންވެލްތް، އެންޑް ޑިވެލޮޕްމަންޓް އޮފީސް (އެފް.ސީ.ޑީ.އޯ.) ގެ އިންޓަރނޭޝަނަލް ފައިނޭންސްގެ ޕޮލިސީ ލީޑް، މސ. ޖޯޖިއާ ރަސިސް އެކުލެވޭ ގޮތަށް ޕެނަލް ޑިސްކަޝަނެއް މި މައުޟޫޢާ ގުޅޭގޮތުން ޖުރިއަށް ގެންދިޔައެވެ.

ޕެނަލްގެ ބައިވެރިންވަނީ "ބްލެންޑެޑް ފައިނޭންސް" ކުރިއެރުވުމަށް ބޭނުންވާ ވަސީލަތްތަކާއި ރެގިއުލޭޓަރީ ނިޒާމުތައް ތަރައްޤީކުރުމާއި ނޫ އިޤްތިޞާދަށް ބޭނުންވާ އިންވެސްޓްމަންޓްތައް ބައިނަލްއަޤްވާމީ އަދި ސަރަހައްދީ ފެންވަރުގައި ހޯދުމުގައި އެބޭފުޅުންގެ ތަޖްރިބާ ހިއްސާކޮށްދެއްވާފައެވެ. އަދި ބައިނަލްއަޤްވާމީ ހިންގުމުގެ ނިޒާމު ކުރިއެރުވުމަށް ބޭނުންކުރެވިދާނެ ތަފާތު އުކުޅުތަކާ ގުޅޭގޮތުން މަޝްވަރާކުރެވުނެވެ.

މި ސައިޑް އިވެންޓް މެދުވެރިކޮށް މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ދިމާވާ ނޭދެވޭ އަސަރުތައް އެންމެ ބޮޑަށް ތަހައްމަލްކުރަމުންދާ, އަދި މުއްސަނދި ކަނޑުތަކުގެ ވެރިންކަމުގައިވާ ދިވެހިރާއްޖެފަދަ ތަރައްޤީވަމުން އަންނަ ކުދިޖަޒީރާ ޤައުމުތަކަށް މި އުނދަގޫތަކުން އަރައިގަތުމަށް ބޭނުންވާ މާލީ އެހީތެރިކަން ހޯދޭނޭ އިތުރު މަގުތައް ހުޅުވިވިގެންދިޔައެވެ.