logo
banner image

ދިވެހިރާއްޖޭގެ އުފާވެރިކަމުގެ މިންގަނޑު އެކުލަވާލުމަށް، އިސްރަށްވެހިންގެ ޚިޔާލު ހޯދުމުގެ މަޝްވަރާ ބައްދަލުވުމެއް ބާއްވައިފި

ދިވެހިރާއްޖޭގެ އުފާވެރިކަމުގެ މިންގަނޑު އެކުލަވާލުމަށް، އިސްރަށްވެހިންގެ ޚިޔާލު ހޯދުމުގެ މަޝްވަރާ ބައްދަލުވުމެއް މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސްއިން ބާއްވައިފިއެވެ. ސްޓެލްކޯގެ އޮޑިޓޯރިއަމްގައި މިއަދު ބޭއްވި މި ބައްދަލުވުން ކުރިއަށް ގެންދެވީ، މިނިސްޓަރ އާދަމް ޝަރީފު ޢުމަރެވެ.

މި މަޝްވަރާ ބައްދަލުވުމުގައި މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސް އާދަމް ޝަރީފު ޢުމަރު ދެއްކެވި ވާހަކަފުޅުގައި، ދިވެހިރާއްޖޭގެ އުފާވެރިކަމުގެ މިންގަނޑު ކަނޑައެޅުމުގެ މުހިންމުކަމުގެ މައްޗަށް ބައްލަވައިލެއްވިއެވެ. މިނިސްޓަރ ވިދާޅުވީ ދިވެހިރާއްޖޭގެ އުފާވެރިކަމުގެ މިންގަނޑު ކަނޑައެޅުމަކީ، ރަށްރަށާއި ޤައުމެއްގެ ހައިސިއްޔަތުން ކުރިއަށްދާންވީ މިސްރާބު އެނގިގެންދާނެ ކަމެއް ކަމަށެވެ. އަދި މި މަސައްކަތުގައި އިސްރަށްވެހިންގެ ބައިވެރިވުން ވަރަށް ބޮޑަށް ބޭނުންވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ދެއްކެވި ވާހަކަފުޅުގައި، އުފާވެރިކަމުގެ މިންގަނޑެއް ކަނޑައެޅިއްޖެ ނަމަ، އާންމު ޙާލަތު ދެނެގަތުމަށް މަސައްކަތެއް ކުރުމަށް މަގުފަހިވެގެންދާނެކަމަށާއި، ނިސްބަތުން ކަންކަން ހުންނަ ގޮތް އަޅައިބަލައި، ކަންކަން ދެނެގަތުމަށް ފަސޭހަވެގެންދާނެ ކަމަށް ވިދާޅުވިއެވެ. މީގެ އިތުރުން ރަށްރަށުގެ އިޤްތިޞާދީ، އިޖްތިމާޢީ ޙާލަތު ދެނެގަތުމަށް އިތުރު ފަސޭހަތަކެއް މި ކަމުގެ ސަބަބުން ފަހިވެގެންދާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މި ބައްދަލުވުމުގައި، އިސްރަށްވެހިންގެ ޖަމްޢިއްޔާގެ މެންބަރުންގެ ތެރޭން މާލޭގައި ދިރިއުޅުއްވާ ވަރަށް ގިނަ ޢަދަދެއްގެ ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ. އަދި ވަރަށް ބިނާކުރަނިވި ޚިޔާލުތަކެއް ހުށަހަޅުއްވައި، ރަނގަޅު މަޝްވަރާތަކެއް ކުރެވިގެން ދިޔައެވެ. ދިވެހިންގެ އުފާވެރިކަން މިންކުރުމުގެ ޤައުމީ މަޝްރޫޢު އިފްތިތާޙުކުރެވިފައި ވަނީ މި އަހަރުގެ ފެބުރުވަރީމަހުގެ ދެ ވަނަ ދުވަހެވެ.