"ހާލު ކިހިނެއް؟" ޕްރޮގްރާމުގެ 2 ވަނަ ފިޔަވަހި އައްޑޫ ސިޓީ މަރަދޫ ފޭދޫގައި ފަށައިފި
އައްޑޫ ސިޓީގައި ކުރިއަށް ގެންދާ ޙާލު ކިހިނެއް ޕްރޮގްރާމުގެ ދެވަނަ ފިޔަވަހި ފަށައި، މަރަދޫ-ފޭދޫގެ ގެތަކަށް ޒިޔާރަތްކުރުމުގެ މަސައްކަތް ފަށައިފިއެވެ.
އެގޮތުން، މި ޒިޔާރަތްތަކުގެ ތެރެއިން މީހުން ދިރިއުޅޭ ގޭބީސީތަކަށް ޒިޔާރަތްކުރުމާއެކު، ދައުލަތުގެ ޚާއްސަ އެހީތެރިކަން ބޭނުންވާ ފަރާތްތައް ދެނެގަނެ، ނާޒުކު ހާލަތްތަކުގައި ދިރިއުޅޭ ފަރާތްތައް މެޕް ކުރުމުގެ މަސައްކަތްތައް ކުރެވިގެންދާނެއެވެ. މި ޕްރޮގްރާމް މަރަދޫ ފޭދޫގައި ކާމިޔާބުކަމާއިއެކު ކުރިއަށް ގެންދިއުމަށް ކައުންސިލުން ދަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.
“ހާލު ކިހިނެއް؟” ޕްރޮގްރާމުގެ ދެވަނަ ފިޔަވަހީގެ ދަށުން އައްޑޫ ސިޓީގެ ހުރިހާ ރަށެއްގެ ގޭބިސީތަކަށް ޒިޔާރަތްކުރުމަށް ވަނީ ހަމަޖެހިފައެވެ.
އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ ހާލު ކިހިނެއް ޕްރޮގްރާމަކީ ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ގެތަކަށް ޒިޔާރަތްކޮށް ހާލު ބަލައި ދައުލަތުގެ އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.