މ. މުލަކުގައި އަމިއްލަ ވިޔަފާރިއެއް ކުރަމުންދާ ދެމަފިރިންގެ ވާހަކަ: ކާމިޔާބަށް ވާސިލުވާން ބޭނުންވަނީ ލޯތްބާއި، ހިތްވަރާއެކު އެއްބާރުލުން ދޭނެ ބައިވެރިއެއް
މ. މުލަކުގައި ދިރިއުޅެމުންދާ އިބްރާހީމް ލަޠީފާއި ފާޠިމަތު ނާޝިދާއަކީ އަމިއްލަ ވިޔަފާރިއެއް ހިންގަމުންދާ ހީވާގި، މަސައްކަތްތެރި ދެމަފިރިންނެވެ.
ފާޠިމަތު ނާޝިދާއަކީ ގޭގައި ތަފާތު މަސައްކަތްތައް ކޮށްގެން އާމްދަނީ ހޯދަމުން އަންނަ ހިތްވަރުގަދަ އަންހެނެކެވެ. އެއާއެކު، އިބްރާހިމް ލަޠީފަކީ، ވަޒީފާ އަދާކުރަމުންވެސް، އަންހެނުންގެ ވިޔަފާރީގައި ރެއާއި ދުވާލު ވަރުބަލިކަމެއްނެތި އެހީތެރިކަން ފޯރުކޮށްދެމުންދާ ފިރިއެކެވެ.
އެގޮތުން، އަންހެނުންގެ ވިޔަފާރިއަށް ބޭނުންވާ ތަކެތި ހޯދައި ހަމަކޮށްދިނުމާއި، ޑެލިވަރީގެ މަސައްކަތްތައް އިބްރާހިމް ލަޠީފް ކުރަމުން ދަނީ އެއްވެސް ފޫހިކަމެއް އަދި ޝަކުވާއެއްނެތި، އަންހެނުންގެ ކުރިއެރުމަށްޓަކައި ލޯބިން ކޮށްދޭ ކަމެއްގެ ގޮތުގައެވެ.
"އަލްނާސް" ގެ ނަމުގައި ރަޖިސްޓްރީކޮށްގެން މި ދެމަފިރިން ގުޅިގެން މ. މުލަކުގައި ހިންގާ ކާބޯތަކެތީގެ ވިޔަފާރިއަކީ މިހާރު އެރަށުގައި ނަން ހިންގާ މަޝްހޫރު ވިޔަފާރިއެކެވެ. ދިވެހީީންގެ މެދުގައި މަޤުބޫލު ކާނާ ތައްޔާރުކޮށް ވިއްކާ "އަލްނާސް" އިން މުރު މުރު، ހިލިބޭސް، ގުޅަ، ހިލި ކަށި ކޭލާއި، ތެލުލި މަހާއި ފިހުނު މަހާއި އަދިވެސް އެކި ބާވަތްތަކުގެ ކާނާ ލިބެންހުރެއެވެ.
"ރަށުގައި ހަމަ ގިނަ ރައްޔިތުންގެ ސަޕޯޓު ލިބިފައި އޮތީ މި ކަމުގައި، ބައެއް މީހުން އަލްނާސް މުރު މުރު ނޫނިއްޔާ ނުވެސް ކާނެ" ފަޚުރުވެރިކަމާއި އެކު އިބްރާހިމް ފާހަގަކުރިއެވެ.
ވިޔަފާރިއާއި ގުޅޭ ކޮންމެ ކަމެއްވެސް މި ދެމަފިރިން ނިންމަނީ އެކުގައި މަޝްވަރާކުރުމަށް ފަހު، ދެމީހުންގެ ފުރިހަމަ ބައިވެރިވުމާއެކުގައެވެ. ވިޔަފާރީގެ ކާމިޔާބީއަކީ ވެސް އެކުގައި ގުޅިގެން މަސައްކަތްކުރުން ކަމުގައި ދެމަފިރިން ފާހަގަކުރެއެވެ.
ރަށުގައި ފެށި މި މަސައްކަތް މިއަދު ވަނީ އިތުރަށް ފުޅާކޮށް މާލެ އަށް ވެސް ޑެލިވަރީ ކުރުމުގެ ޚިދުމަތް ފަށާފައެވެ. އެގޮތުން، މާލޭ ސަރަހައްދުން ލިބޭ އޯޑަރުތަކަށް ދުވަހުން ދުވަހަށް ޑެލިވަރީ ކޮށްދޭކަމަށާއި، "އަލްނާސް" އަކީ މިހާރު ރަށުން ބޭރުގެ މީހުންގެ މެދުގައި ވެސް ވަރަށް މަޤުބޫލުވެފައިވާ "ބްރޭންޑެއް" ކަމުގައި އިބްރާހިމް ކިޔައިދިނެވެ.
ފާޠިމަތު ނާޝިދާ އަމިއްލަ އަށް ގޭގައި ހުރެގެން ކުރަން ފެށި މި މަސައްކަތުގައި ފިރިމީހާ އިބްރާހިމް ލަތީފްގެ އެއްބާރުލުން ލިބިފައިވަނީ، ފިރިއެއްގެ ފަރާތުން ލިބޭނެ އެންމެ ފުރިހަމައަށެވެ. "އަޅުގަނޑު ކުރާ ހުރިހާ މަސައްކަތެއްގައިވެސް ފިރިމީހާގެ އެއްބާރުލުން ލިބޭ، އެހެންވެ ވަރަށް އުފާވޭ." ހިނިތުންވުމާއެކު ފާތިމަތު ނަޝީދާ ބުންޏެވެ.
މި ދެމަފިރިންގެ ވާހަކައަކީ ކާމިޔާބަށް ވާސިލުވާން ބޭނުންވާ ކޮންމެ މީހެއްގެ ހުވަފެންތައްވެސް ހަޤީޤަތަކަށް ހެދިދާނެކަމުގެ އަލިގަދަ ހެއްކެކެވެ. ބޭނުންވަނީ، ދެގޮތެއްނުވެ ލޯތްބާއި، ހިތްވަރާއި، އެއްބާރުލުން ދޭ އަދި ކޮންމެ ކަމެއްގައިވެސް އެހީތެރިކަން ފޯރުކޮށްދޭނެ ބައިވެރިއެކެވެ.