logo
banner image

ދަނޑުވެރިކަމާއި ކާބޯތަކެތީގެ ނިޒާމުތަކުގައި އުފެއްދުންތެރިކަން އިތުރުކުރުމުގެ މަޝްވަރާތަކުގައި ވަޒީރު ބައިވެރިވެވަޑައިނެވުން

ފުޑް އެންޑް އެގްރިކަލްޗަރް އޯގަނިޒޭޝަން (އެފްއޯއޭ) އިން އިންތިޒާމްކޮށްގެން ބާއްވާ 44 ވަނަ ސެޝަން އޮފް އެފް އޭއޯ ކޮންފަރެންސް ތެރެއިން ބޭއްވި ޕެނަލް ޑިސްކްޝަންގައި ދަނޑުވެރިކަމާއި ދިރޭތަކެއްޗާއި ބެހޭ ވަޒީރު ޑރ. މަރްޔަމް މާރިޔާ ބައިވެރިވެވަޑައިނަވައިފިއެވެ.

މި މަޝްވަރާތަކުގައި ދިވެހިރާއްޖޭގެ އިތުރުން ބާބަޑޯސް، ޓްރިނިޑާޑް އެންޑް ޓޮބޭގޯ، އަދި ރުވާންޑާގެ މިނިސްޓަރުންނާއި، ދުނިޔޭގެ ދަނޑުވެރިންގެ ޖަމްޢިއްޔާ (ޑަބްލިއު.އެފް.އޯ) ގެ ސެކްރެޓަރީ ޖެނެރަލް ހިމެނޭހެން ބޭއްވުނު މަޝްވަރާތަކެކެވެ.

މި މަޝްވަރާގެ މަޤްޞަދަކީ ދަނޑުވެރިކަމާއި ކާބޯތަކެތީގެ ނިޒާމުތަކުގައި އުފެއްދުންތެރިކަން އިތުރުކޮށް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއެރުވުމަށްޓަކައި ޓެކްނޮލޮޖީއާއި އައު އީޖާދުތަކުގެ ޒަރީޢާއިން ހުރި ފުރުޞަތުތައް ހޯދުމެވެ.

މި މަޝްވަރާތަކުގައި ވަޒީރު ޑރ. މަރްޔަމް މާރިޔާގެ ވާހަކަފުޅުގައި ފާހަގަކުރެއްވީ، ދަނޑުވެރިކަން ކުރިއެރުވުމަށް ދިވެހިރާއްޖެއިން ގެންގުޅޭ އަޒުމެވެ. މިގޮތުން، ޕްރެސިޝަން ފާމިންގ ، އެމް.ޖީ.އޭ.ޕީ (މޯލްޑިވްސް ގުޑް އެގްރިކަލްޗަރަލް ޕްރެކްޓިސަސް) ތަމްރީނު، އަދި ދެމެހެއްޓެނިވި ގޮތެއްގައި ވަސީލަތްތައް ބޭނުންކުރުން ހިމެނެއެވެ.

މީގެއިތުރުން އެކަމަނާ އާންމުންގެ ސުވާލުތަކަށް ޖަވާބުދެއްވަމުން، ދިވެހިރާއްޖޭގައި ދަނޑުވެރިކަމާއި ކާބޯތަކެތީގެ ދާއިރާ ބަދަލުކުރުމަށް މަގުފަހިކޮށްދޭ މުހިންމު ކަންތައްތަކަށް އަލިއަޅުވާލެއްވިއެވެ. މީގެ ތެރޭގައި ރަށްރަށުގެ މެދުގައި ލޮޖިސްޓިކްސްއާއި ގުޅުންތައް ހަރުދަނާކުރުމުގެ މުހިންމުކަމާއި، އަތްފޯރާފަށުގައި ފައިނޭންސް ލިބުމުގެ ފުރުޞަތުތައް އިތުރުކުރުމާއި، އަދި ދަނޑުވެރިކަމުގެ ދާއިރާގައި އަންހެނުންނާއި ޒުވާނުންނަށް އިތުރު ފުރުޞަތުތައް ހޯދައިދިނުން ފާހަގަކުރެއްވިއެވެ.