ޕާކިންގގެ މައްސަލަ ހައްލުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވެމުން އެބަދޭ: މިނިސްޓަރ އަމީން
މާލެއާއި ރާއްޖޭގެ އެހެން ރަށްތަކުގައި ވެސް ދިމާވެފައިވާ ޕާކިންގގެ ސީރިއަސް މައްސަލަ ހައްލުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށް މިނިސްޓަރ މުޙައްމަދު އަމީން ވިދާޅުވެއްޖެއެވެ. މިނިސްޓަރ މިހެން ވިދާޅުވެފައިވަނީ ދިވެހިރާއްޖޭގެ އަޑުން ގެނެސްދޭ "އަހާށޭ ބުނާނަން" ޕްރޮގްރާމުގެ ޚާއްޞަ މެހެމާނެއްގެ ގޮތުގައި ބައިވެރިވެވަޑައިގެން، ރައްޔިތުން ކުރައްވާފައިވާ ސުވާލުތަކަށް ޖަވާބު ދެއްވަމުންނެވެ.
މިނިސްޓަރ އަމީން ވިދާޅުވީ، މާލޭގެ މަގުތައް މިއޮތީ މީހުން ނޫޅެވޭ ވަރަށް ތޮއްޖެހިފައި ކަމަށާއި އެއްވެސް ރައްކާތެރިކަމެއް ނެތް ކަމަށެވެ. އެހެންކަމުން، މިކަންކަން ހައްލުކުރުމަށް އަވަސް ފިޔަވަޅުތަކެއް އަޅައިގެން ނޫނީ މިކަންކަން ހައްލެއް ނުވާނެ ކަމަށް ފާހަގަކުރެއްވިއެވެ. މިހާރު ހާލަތު ގޯސްވެފައި އޮތް ވަރުން ކުރެވޭ މަސައްކަތްތައް ރައްޔިތުންނަށް ނުފެންނަ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
ލާމަރުކަޒީ ޤާނޫނުގެ ދަށުން ކޮންމެ ރަށެއްގެ ވެސް ނުވަތަ ސިޓީއެއްގެ ވެސް ދުއްވޭނެ އުޅަނދުގެ އަދަދު (ކެރީންގ ކެޕޭސިޓީ) ނިންމަވާނީ އެރަށެއްގެ ކައުންސިލުން ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. ނަމަވެސް މާލެ ސިޓީ ކައުންސިލާއި ގިނަ ފަހަރެއްގެ މަތިން ވާހަކަ ދެކެވުނު ނަމަވެސް އަދިވެސް ކެރީންގ ކެޕޭސިޓީ ކަނޑަނޭޅި އޮތްކަން ފާހަގަކުރެއްވިއެވެ. މާލޭގައި މިހާލަތަށް ކަންކަން ގޮސްފައި އޮތީ ޤާނޫނާއި ޚިލާފަށް ރަޖިސްޓްރީ ކުރުމަށް ޖާގަ ދެވިފައި އޮތީމަ ކަމަށާއި، ޤާނޫނާއި އެއްގޮތަށް އަމަލު ކުރިނަމަ މި ޙާލަތުގައި މާލޭގެ ކަންކަން ނުހުންނާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
"ވަރަށް ޔަގީން ކަމާއިއެކު އަޅުގަނޑު މި ދަންނަވަނީ އަޅުގަނޑުމެން ވެރިކަމަށް އައި ފަހުން ޤާނޫނާއި ގަވާއިދާ ޚިލާފަށް ވެހިކަލް ރަޖިސްޓްރީ ކުރުމުގެ އެއްވެސް ޖާގައެއް ނުދެން އަދި ނުވެސް އޮންނާނެ،" މިނިސްޓަރ އަމީން ވިދާޅުވިއެވެ. މީގެ އިތުރުން މިނިސްޓަރ ވިދާޅުވީ 2023 އާއި 2024 އަށް އަޅާ ބަލާއިރު %74.6 ވެހިކަލް ރަޖިސްޓްރޭޝަންގެ އަދަދު ދަށްވެފައިވާ ކަމަށާއި، އޭގެ މާނައަކީ ޤާނޫނާއި ގަވާއިދު ހިފެހެއްޓީމައި އެކަންކަން ރަނގަޅުވާކަން ކަމަށެވެ.
މި އަންނަ ޖުލައި މަހުގެ 13 ގެ ފަހުން ރަޖިސްޓްރީ ކުރާނެ ގަރާޖެއް ނެތި ރާއްޖެއަށް ވެހިކަލް އެތެރެ ނުކުރެވޭނެ ގޮތަށް މިހާރު ވާނީ ގެޒެޓްކުރެވިފައެވެ. ވިޔަފާރި އުޞޫލުން އެތެރެ ކުރާ ފަރާތްތަކުން ވެސް އެ ބަހައްޓާނެ ތަނެއް އޮވެގެން ނޫނީ އެތެރެ ނުކުރެވޭނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
ޕާކިންގ މައްސަލަ ހައްލުކުރުމަށް "މާލެފަހި" ޕްރޮގްރާމްގެ ތެރެއިން އެހެން ގައުމުތަކުގައި ވެސް ގެންގުޅޭ "ބައިބެކް ޕްލޭން" ކަނޑައަޅާފައި އޮންނާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެހެން ނަމަވެސް މި ޕްލޭން އިމްޕްލިމެންޓް ކުރެވޭނީ ކެރިންގ ކެޕޭސިޓީ ޑިކްލެއަރ ކުރެވުނީމަ ކަމަށާއި، ފުރަތަމަ ކަމަކަށް މި ސަރަހައްދަށް އެތެރެވާ އުޅަނދު މަދުކުރަން ޖެހޭ ކަމަށް މިނިސްޓަރ ފާހަގަކުރެއްވިއެވެ.
ޤަވާއިދާ ޚިލާފަށް ގެންގުޅޭ އުޅަނދުތައް ޤަވާއިދަށް ފެއްތުމަށް ވަގުތު ދިނުމުގެ ގޮތުން ވަގުތީ ޕާކިންގ ޒޯންތަކެއް ވަނީ ދެއްކިފައި ކަމަށާއި ޕާކިންގ ބިލްޑިންގގެ މަސައްކަތްތައް ވެސް ކުރިއަށްދާ ކަމަށް ވިދާޅުވިއެވެ. ކުރިން ރިންގްރޯޑާއި އިންޑަސްޓްރިއަލް ޒޯނުތަކުގައި ބާވެ ހަލާކުވެ ބޭނުން ނުކުރާ ވެހިކަލްތައް ފެންނަން ހުރި ނަމަވެސް، މިހާރު އެފަދަ އުޅަނދުތަކެއް ނުފެންނާނެ ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ.
ޕާކިންގ މައްސަލަ ޙައްލުކުރުމަށްޓަކައި އުޅަނދުފަހަރު ދުއްވާ ފަރާތްތަކުގެ އެއްބާރުލުން ކޮންމެހެން ބޭނުންވާ ކަމަށް މިނިސްޓަރ އަމީން ވަނީ އިލްތިމާސްކުރައްވާފައެވެ. މި ގޮތުން، އުޅަނދުފަހަރު ޕާކުކުރުމަށް ޚާއްޞަކޮށްފައިވާ ސަރަޙައްދުތަކުގައި ޖާގަ އޮތްނަމަ، އެ ތަންތަނުގައި ޕާކުކުރުމަށް އިސްކަންދިނުމަށާއި، ހަމަޖެހިފައިވާ ގަވާއިދުތަކާ ޚިލާފަށް މަގުމަތީގައި އުޅަނދުފަހަރު ޕާކުކުރުމުން ދުރުހެލިވުމަށް މިނިސްޓަރ ވަނީ އާންމުންނަށް އިލްތިމާސްކުރައްވިއެވެ. މިފަދަ ފިޔަވަޅުތަކަކީ މަގުތަކުގެ ތޮއްޖެހުން ކުޑަކޮށް، ދަތުރުފަތުރުގެ ނިޒާމު އިތުރަށް ހަރުދަނާކުރުމަށް އެޅޭނެ މުހިންމު ފިޔަވަޅުތަކެއް ކަމުގައި މިނިސްޓަރ ފާހަގަކުރެއްވިއެވެ.