ކެމްބޯޑިއާ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު ޚާރިޖީ ވަޒީރުގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފި
ކެމްބޯޑިއާ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އާ ނޮން-ރެޒިޑެންޓް ސަފީރު، ހަރ އެކްސަލަންސީ ރޮތު މަނީ، ޚާރިޖީ ވަޒީރު ޑޮކްޓަރ ޢަބްދުﷲ ޚަލީލުގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.
ޚާރިޖީ ވުޒާރާގައި ބޭއްވުނު މި ބައްދަލުވުމުގައި، މިނިސްޓަރ ޑޮކްޓަރ ޚަލީލް ވަނީ އެކަމަނާގެ ސަފީރުކަމުގެ ފަތްކޮޅު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒަށް އެރުވުމުން ތަހުނިޔާ ވިދާޅުވެފައެވެ. އަދި ދިވެހިރާއްޖެ އާއި ކެމްބޯޑިއާ ދެމެދު އޮންނަ އެކުވެރިކަމުގެ ގުޅުން އެކަމަނާގެ ސަފީރު ކަމުގެ ދައުރުގައި އިތުރަށް ބަދަހިވެގެންދާނޭކަމަށް ޔަގީންކުރައްވާ ކަމަށް މިނިސްޓަރ ޚަލީލް ވިދާޅުވިއެވެ. އަދި ދެޤައުމުގެ މެދުގައި ވިޔަފާރިއާއި އިޤްތިސާދް އަދި ފަތުރުވެރިކަމުގެ ދާއިރާ ވެފައިވާ އެއްބަސްވުންތައް ކުރިއަށްގެންދިއުމާއި، ބައިނަލްއަޤްވާމީ މައިދާނުގައި ގުޅިގެން މަސައްކަތްކުރުމަށް ދެބޭފުޅުން މަޝްވަރާކުރެެއްވިއެވެ.

މި ބައްދަލުވުމުގައި މިނިސްޓަރ އަރިހުގައި މިނިސްޓަރ އޮފް ސްޓޭޓް މުޙައްމަދު ޝަހީބު، އެޑިޝަނަލް ސެކްރެޓަރީ ފަރުޒާނާ ޒާހިރު އަދި އެސިސްޓަންޓް ޑިރެކްޓަރ ޚަދީޖާ ނިޒްވީ ރަޝީދު ބައިވެރިވެވަޑައިގަތެވެ.