ކުލަބް އެމްސީއެލްޕީގެ ފުރަތަމަ ގޭމިންގ ނައިޓް ކާމިޔާބުކަމާއެކު ނިންމާލައިފި
ކުލަބް އެމްސީއެލްޕީގެ ފުރަތަމަ ގޭމިންގ ނައިޓް ކާމިޔާބުކަމާއެކު ރޭ ނިންމާލައިފިއެވެ. މި ގޭމިންގ ނައިޓްގައި ޗެސް، ކެރަމް އަދި ޓޭބަލްޓެނިސް މުބާރާތެއް ބޭއްވިފައި ވެއެވެ.
ރޭ ނިމުނު މި ގޭމިންގ ނައިޓް ފައްޓަވައިދެއްވީ މިނިސްޓަރ އާދަމް ޝަރީފު ޢުމަރާއި، ސްޓޭޓް މިނިސްޓަރ މުޙައްމަދު މާހިރު ބައްދަލުކުރެއްވި ޓޭބަލް ޓެނިސް މެޗުންނެވެ. މި މެޗް ދެ ސެޓް އެއް ސެޓުން ކާމިޔާބުކުރެއްވީ މިނިސްޓަރ އާދަމް ޝަރީފު ޢުމަރެވެ.
ރޭ ނިމުނު ގޭމިންގ ނައިޓްގައި ކުލަބުގެ ގިނަ ޢަދަދެއްގެ މެންބަރުން ބައިވެރިވެލެއްވިއެވެ. ޗެސް މުބާރާތުގެ ފައިނަލްގައި ޑެޕިޔުޓީ މިނިސްޓަރ އަޙްމަދު ވަޙީދު ޢަލީއާއި، ޑެޕިޔުޓީ މިނިސްޓަރ އިސްމާޢީލް ނާފިޢު ބައްދަލުކޮށް ކާމިޔާބުކުރެއްވީ އިސްމާޢީލް ނާފިޢެވެ. ޓީ.ޓީ މުބާރާތުގެ ފައިނަލްގައި އޮފީސް އެސިސްޓެންޓް އަޙްމަދު ޙިލްމީއާއި، ޑެޕިޔުޓީ މިނިސްޓަރ ޙަސަން އިރުފާން ބައްދަލުކޮށް ކާމިޔާބުކުރެއްވީ އޮފީސް އެސިސްޓެންޓް އަޙްމަދު ޙިލްމީއެވެ. ކެރަމް މުބާރާތުގެ ފައިނަލްގައި ވާދަކޮށްފައި ވަނީ ޑިރެކްޓަރ ނަޝާޔާ ވަޙީދާއި، ލޭބަރ ޢުބައިދުﷲ ޢުމަރެވެ. މުބާރާތް ކާމިޔާބުކުރެއްވީ ލޭބަރ ޢުބައިދުﷲ ޢުމަރެވެ.
ގޭމް ނައިޓްގެ މުބާރާތްތައް ކާމިޔާބުކުރެއްވި ފަރާތްތަކަށް ޓްރޮފީއާއި، ހަނދާނީ ލިޔުން ބައްސަވައިދެއްވީ މިނިސްޓަރ އާދަމް ޝަރީފު ޢުމަރެވެ. މަހަކު އެއް ފަހަރު މި ފަދަ ގޭމިންގ ނައިޓެއް ބޭއްވުމަށް ޚިޔާލުކުރައްވާ ކަމުގައި ކުލަބް އެމްސީއެލްޕީގެ ރައީސް ޑިރެކްޓަރ ޖެނަރަލް އަޙްމަދު މައުޞޫމް ވިދާޅުވިއެވެ. މައުޞޫމް މިހެން ވިދާޅުވީ ގޭމިންގ ނައިޓުގެ ނަތީޖާ އިޢުލާންކުރުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.