logo
banner image

ދުނިޔޭގެ ކަނޑުތަކުގެ ދުވަސް ފާހަގަކުރުމަށް ބާއްވާ ހާއްސަ ޕެނަލް ޑިސްކަޝަން ވަޒީރު އަޙްމަދު ޝިޔާމް ފައްޓަވައިދެއްވައިފި

ދުނިޔޭގެ ކަނޑުތަކުގެ ދުވަސް ފާހަގަކުރުމަށް ބާއްވާ ހާއްސަ ޕެނަލް ޑިސްކަޝަން ވަޒީރު އަޙްމަދު ޝިޔާމް ފައްޓަވައިދެއްވައިފި އެވެ.

މި ޕެނަލް ޑިސްކަޝަންގައި ޕެނަލިސްޓުންގެ ގޮތުގައި މަސްވެރިކަމާ ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާގެ ޑިރެކްޓަރ ޖެނެރަލް ޑރ. ޙުސައިން ސިނާން އަދި މޯލްޑިވްސް މެރިން ރިސަރޗް އިންސްޓިޓިއުޝަންގެ ޑިރެކްޓަރ ޖެނެރަލް މުހައްމަދު ޝިމާލު އަދި ކޮލެޖް އޮފް ފިޝަރީޒް ސައިންސްގެ ދަރިވަރެއް ބައިވެރިވި އެވެ.

މި ޕެނަލްޑިސްކަޝަންގައި ވާހަކަދައްކަވަމުން މަސްވެރިކަމާ ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހުމަދު ޝިޔާމް ވިދާޅުވީ ކަނޑުތައް ޙިމާޔަތް ކުރުމަށާއި، ކަޑުތަކުން ލިބޭ މަންފާއިތުރުކުރުމަށް ވިސްނަންޖެހޭނެ ކަމަށެވެ.

ވަޒީރު ވިދާޅުވީ މަސްވެރިކަމުގެ ދާއިރާ ކުރިއެރުވުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވަރަށް ހާއްސަ އިސްކަމެއް ދެއްވާ ކަމެއް ކަމަށެވެ. ކަނޑުތަކާ ގުޅޭ ދިރާސާ ކުރުމަށް އެ ދާއިރާއިން މީހުން ބިނާކުރުމަށް މަސައްކަތްކުރައްވާ ކަމަށްވެސް ވަޒީރު ވިދާޅުވި އެވެ.

މަސްވެރިކަމުގެ ދާއިރާގައި ހުރި ގޮންޖެހުންތައް ހައްލު ކުރުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަކަމަށް ވަޒީރު ވިދާޅުވި އެވެ.

 މި ޕެނަލް ޑިސްކަޝަންއަކީ މި ދާއިރާގައި މަސައްކަތްކުރުމުގެ މުހިންމުކަމާ، ރާއްޖޭގައި މިދާއިރާއިން މަތީ ތައުލީމު ހާސިލުކުރުމަށް ހުރި ފުރުސަތުތަކާއި، ދާއިރާ ކުރިއަރުވާ ދެމެހެއްޓުމަށާއި ދާއިރާއަށް ދަރިވަރުންގެ މެދުގައި ހޭލުންތެރިކަން އިތުރު ކުރުމަށް ކުރިއަށްގެންދާ ޕެނަލްޑިސްކަޝަންއެކެވެ.

ދިވެހިންނާއި ދިވެހީންގެ ކަނޑާހުރި ގުޅުމާއި، ކަނޑު ހިމާޔަތްކޮށް ބެލެހެއްޓުމުގެ މުހިންމުކަމުގެ މައްޗަށް މި ޕެނަލް ޑިސްކަޝަންގައި އަލިއަޅުވާލާނެއެވެ.

މީގެ އިތުރުން މިދާއިރާގެ ތަޖުރިބާކާރުންނާ ސުވާލުކޮށް ދާއިރާއާ ބެހޭ މައުލޫމާތުތައް ހޯދުމުގެ ފުރުސަތުވެސް މި ޕެނަލްޑިސްކަޝަންގެ ތެރެއިން ލިބިގެންދާނެއެވެ.