logo
banner image

އަމިއްލަ ކުންފުންޏެއް ރަޖިސްޓްރީ ކުރާނީ ކިހިނެއް

އަމިއްލަ ކުންފުންޏެއް ރަޖިސްޓްރީ ކުރުމަކީ ގިނަ ފަރާތްތަކަކުން ޝައުޤުވެރިކަން ފާޅުކުރާ ކަމެކެވެ. ނަމަވެސް މި މަރުޙަލާތައް ފުރިހަމަ ކުރާނެ ގޮތް ނޭނގި ގިނަ ފަރާތްތަކެއް ދަތިތަކާ ކުރިމަތިލާކަން ފާހަގަކުރެވެއެވެ. މިކަމަށް އެހީތެރިވުމުގެ ގޮތުން، ކުންފުންޏެއް ރަޖިސްޓްރީ ކުރުމުގެ މަރުޙަލާތަކާ ބެހޭ މަޢުލޫމާތު ހިއްސާކޮށްލާނަމެވެ. 

ކުންފުންޏެއް ރަޖިސްޓްރީ ކުރަން އެދޭ ފަރާތްތަކުން ފުރަތަމަކަށް ކުންފުނީގެ ނަން ބިޒްނަސް ޕޯޓަލްއިން ރިޒާވް ކުރަންވާނެއެވެ. މިއީ އެ ފަރާތަކުން ހޮވާ ނަމަކީ ޚާއްޞަ އަދި ލިބެންހުރި ނަމެއްކަން ކަށަވަރުކުރުމަށް ކުރާ ކަމެކެވެ. ނަން ރިޒާވް ކުރުމަށްފަހު، އީފާސް އެކައުންޓް މެދުވެރިކޮށް އެޕްލިކޭޝަން ހުށަހެޅުމުގެ މަރުޙަލާ ފެށިދާނެއެވެ.

އެގޮތުން އީފާސް އެކައުންޓަށް ލޮގިންވުމުން، ރަޖިސްޓްރޭޝަން ޕްރޮސެސް ފެށުމަށް 'ވަންގަވް' ހޯމްޕޭޖަށް ޑައިރެކްޓް ކުރެވޭނެއެވެ. މި ޕޭޖުގައި އެޕްލިކޭޝަނާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތަކުގެ ތަފްޞީލު ހިމެނިފައިވާނެއެވެ.  އެޕްލިކޭޝަންގައި ހުށަހަޅަންޖެހޭ ލިޔެކިޔުންތަކުގެ ތެރޭގައި ހިމެނެނީ، ފުރިހަމަކުރެވިފައިވާ މެނޭޖިންގ ޑިރެކްޓަރުގެ އިގުރާރު ފޯމު، ކުންފުނީގެ ސެކްރެޓަރީގެ އިގުރާރު ފޯމު، ޓެކްސްއާ ގުޅުންހުރި ކަންކަމުގައި މަސްއޫލުވާ ފަރާތުގެ ފޯމެވެ. މި ފޯމުތަކުގެ ލިންކް 'ވަންގަވް' ގައި އާންމު ކުރެވިފައި ވާނެއެވެ. މި ފޯމުތަކުގެ އިތުރުން މެމޮރެންޑަމް އޮފް އެސޯސިއޭޝަން އާއި އާޓިކަލްސް އޮފް އެސޯސިއޭޝަން ވެސް ހުށައަޅަންވާނެއެވެ. މި ދެ ލިޔުން އިންނަންވާނެ ގޮތުގެ ޓެމްޕްލެޓްވެސް 'ވަންގަވް' ޕޭޖުގައި ވާނީ އާންމު ކުރެވިފައެވެ.މިއާއެކު ސެކްރެޓަރީ، ހިއްސާދާރުން، ޑިރެކްޓަރ އަދި މެނޭޖިންގ ޑިރެކްޓަރުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ ހުށަހަޅަން ވާނެއެވެ. ހަމައެހެންމެ ކުންފުނީގެ ހިއްސާދާރުންގެ ތެރޭގައި ޓެކްސް ދައްކަންޖެހޭ ފަރާތްތައް ނުވަތަ ހުއްދަ ލިބިފައިވާ ސޮއިކުރާ މީހުން ހިމެނޭނަމަ، އެފަރާތްތަކުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީވެސް ބޭނުންވާނެއެވެ.

ހިއްސާދާރުންގެ ތެރޭގައި އެކެއް ނުވަތަ އެއަށްވުރެ ގިނަ ކުންފުނިތައް ހިމެނޭނަމަ، ހިއްސާދާރުންގެ ބޯޑު ގަރާރުގައި ކުންފުނީގެ ހިއްސާ އޮންނާނެކަން ކަނޑައަޅައި، ހިއްސާގެ އިންސައްތަ ބަޔާންކޮށް، އެ ކުންފުނީގެ ރެޕްރެޒެންޓޭޓިވް ޑިރެކްޓަރުގެ ނަމާއި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު ބަނާންކުރަންވާނެއެވެ. ރެޕްރެޒެންޓޭޓިވް ޑިރެކްޓަރަކަށް ބިދޭސީ ފަރާތެއްނަމަ އެފަރާތެއްގެ ނަމާއި ޕާސްޕޯޓް ނަންބަރު ހިމަނަންވާނެއެވެ. އެކެއް ނުވަތަ އެއަށްވުރެ ގިނަ ހިއްސާދާރުންނަކީ ކުންފުނިތަކަކަށްވެފައި، ހިއްސާދާރުންގެ ކުންފުނިން ރެޕްރެޒެންޓޭޓިވް ޑިރެކްޓަރަކު އައްޔަންކުރާނަމަ އެ މަގާމު ކަށަވަރުކުރުމަށް ބޯޑުގެ ގަރާރެއް ހުށަހަޅަން ވާނެއެވެ.

މީގެ އިތުރުން ރެޕްރެޒެންޓޭޓިވް ޑިރެކްޓަރުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއެއް ހުށަހަޅަން ވާނެއެވެ. ރެޕްރެޒެންޓޭޓިވް އަކީ ބިދޭސީ ފަރުދެއްނަމަ އެފަރާތުގެ ޕާސްޕޯޓްގެ ޑޭޓާ ޕޭޖްގެ ކޮޕީއެއް ހުށަހަޅަންވާނެއެވެ. ހިއްސާދާރުންގެ ތެރެއިން އެއްވެސް ފަރާތަކީ ބިދޭސީ ފަރުދެއް ނުވަތަ ޖަމާއަތެއްނަމަ ފޮރިން އިންވެސްޓްމަންޓް އެޕްރޫވަލް ހޯދަން ޖެހޭނީ ފޮރިން އިންވެސްޓްމަންޓް ގާނޫނާ އެއްގޮތަށެވެ. މީގެ އިތުރުން ޕާސްޕޯޓް ޑޭޓާ ޕޭޖް (ތަކުގެ) ކޮޕީއެއް ހުށަހަޅައި، ހިއްސާ އޮންނަ ބޭރުގެ ކުންފުނިތަކަށް އެ ކުންފުނިތަކުގެ ސެޓްފިކެޓް އޮފް އިންކޯޕަރޭޝަން އަދި ގާނޫނު އަސާސީގެ ނޯޓަރައިޒްޑް ކޮޕީއެއް ހުށަހަޅަން ޖެހޭނެއެވެ. 

އެޕްލިކޭޝަން ހުށަހެޅުމަށްފަހު އީމެއިލް އަދި ފޯނު މެދުވެރިކޮށް ނޮޓިފިކޭޝަނެއް ލިބޭނެއެވެ. ހިސްޓްރީ ޓެބްއިން އެޕްލިކޭޝަންގެ ސްޓޭޓަސް ޗެކް ކުރެވޭނެއެވެ. އެޕްލިކޭޝަން އެޕްރޫވް ވުމުން ސްޓޭޓަސް “އެޕްރޫވްޑް” އަށް ބަދަލު ވާނެއެވެ. އަދި 2000 ރުފިޔާގެ ސާރވިސް ފީ ދައްކަންވާނެއެވެ. އޮންލައިންކޮށް ފައިސާ ދެއްކުމަށް އިރުޝާދު ލިބި، ފައިސާ ދެއްކުން ޕްރޮސެސް ކުރުމުން އެސްއެމްއެސް މެދުވެރިކޮށް ފައިސާ ލިބިނު ކަމުގެ މެސެޖެއް ލިބިގެންދާނެއެވެ. ސްޓޭޓަސް “ނުފުރިހަމަ” ކަމުގައި ދައްކާނަމަ، އިތުރަށް ރަނގަޅު ކުރަންވީ ކަންތަކުގެ އިރުޝާދުތައް އީމެއިލް ނުވަތަ މެސެޖް މެދުވެރިކޮށް ލިބިގެންދާނެއެވެ. 

ފައިސާ ދެއްކިކަން ކަށަވަރުވެ ހުރިހާ މަރުހަލާއެއް ޕްރޮސެސް ކުރެވުމުން، ރަޖިސްޓްރޭޝަންގެ ސެޓްފިކެޓް، ކޯޕަރޭޓް ޕްރޮފައިލް ޝީޓް، އަދި އެހެނިހެން މުހިންމު ކަރުދާސްތައް ހިމެނޭ ގޮތަށް ރަޖިސްޓްރޭޝަން ލިޔެކިޔުންތައް ޑައުންލޯޑް ކުރެވޭނެއެވެ. މިކަމާ ގުޅިގެން އެއްވެސް އެހީތެރިކަމެއް ނުވަތަ ސުވާލެއް އޮތްނަމަ އިގްތިޞާދީ ތަރއްގީއާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން މައުލޫމާތު ސާފުކުރެވޭނެއެވެ.