ފުޑް ސެކިއުރިޓީއަށް ކަނޑުލަކީ މުހިންމު ބާވަތެއް
ރާއްޖޭގައި ފުޑް ސެކިއުރިޓީ(ކާނާގެ ޔަޤީންކަން) އިތުރުކުރުމަށް އިސްކަމެއްދީގެން މަސައްކަތްތަކެއްކުރާއިރު، ރާއްޖޭގައި ޒަމާނުންސުރެ ކާބަފައިން ބޭނުން ކުރި ބައެއް ކާނާތައް އާލާކޮށް، އެތަކެތި ކެއިންބުއިމުގާއި ބޭނުން ކުރުން މުހިންމެވެ. އަދި އެތަކެއްޗަކީ މޫސުމީ ކާނާއެއްކަމުން ފަހަށް ރައްކާކުރެވޭނެ ގޮތްތައްވެސް ދެނެގަތުމަކީ މުހިންމުކަމެކެވެ.
އިހުގައި ކާބައިން ބޭނުންކުރި މޫސުމީ ކާނާތަކުގެ ތެރެއިން ކަނޑުލަކީ ފައިދާހުރި، އަދި ފަހަށް ރައްކާކުރެވޭނެ ކާނާއެކެވެ. މި ލިޔުމުގައި މި ބަލާލަނީ އިހުގައި ކާބަފައިން ކަނޑޫ، ފަހަށް ރައްކާކުރާގޮތުގަެ މައްޗަށެވެ.
ކަނޑޫ ފަހަށް ރައްކާކުރުމަށް ހަދަންޖެހޭގޮތް:
ކަނޑޫ ހޮވުމަށްފަހު، ކަނޑޫތައް ކަހާލާނީއެވެ (ތޮށި މަށާލުން). އެއަށްފަހު ތެއްޔަކަށް ފެން އަޅާ ކަނޑޫކޮޅު އަޅާ، ތެލީގެ ތެރެއަށް އަޅިބޮޑިއެއް ލާނީއެވެ.( އަޅިބޮޑި ހަދާއިރު، ފޮތިގަނޑަކަށް ސާފު އަޅި އެޅުމަށް ފަހު ބޮޑިއަކަށް ބަނދެލާނީއެވެ.)
ކަނޑތަކުގެ މަޓީގައި ކެޔޮފަތް ނުވަތަ ދެ ބަނބުކެޔޮފަތް ބާއްވާފައި، އޭގެމަތިން ހަތަރު ބޮނބިގަނޑު ބާއްވާފަ(ބަރުގެ ގޮތުގައި ބޮނބި ނޫނަސް ބޭނުންކުރެވިދާނެ) ކަންކާލާނީއެވެ. މިގޮތަށް ކަންކާއިރު ފެން އަޑިވާވަރަކަށް ފެން އަޅަންވާނެއެވެ. މިގޮތަށް ފެން އަޅާނީ 4 ފަހަރުއެވެ.
ކަނޑޫ ފެނުކެއްކުމަށްފަހު ތެލިބާލައި، ފެން އޮއްސާފައި ހިހޫފެން އަޅާފައި ހިހޫވަންދެން ބަހައްޓާނީއެވެ.
ކަނޑޫތައް ހިހޫވުމުން ފެނުން ކަނޑޫތައް ނެގުމަށްފަހު ޓިނު ގަނޑެއްފަދަ އެއްޗެއްގެ މައްޗަށް އަޅާލައި، އަވީގައި ބަހައްޓަނީއެވެ.
ކަނޑޫކޮޅު އަވިން ހިއްކުމަށްފަހު ސުތުލި ގޯނި ނުވަތަ މުޅޯށިފަދަ އެއްޗަކަށް ކަނޑޫކޮޅު އެޅުމަށްފަހު، ދަރުން ކަންކާ ބަދިގެއެއްފަދަ ހޫނުމިން ހުންނަ ތަނެއްގައި ބަހައްޓާނީއެވެ. މި ގޮތަށް ކަނޑޫ ގައިގަޑަކަށް 2 އަހަރެއްހާ ދުވަހު ރީތިކޮށް ބެހެއްޓޭނެއެވެ.
ކެއުމަށް ބޭނުންކުރާނެގޮތް:
ފަހަށް ރައްކާކުރެވިފައިވާ ކަނޑޫ ކެއިމަށް ކެއްކުމުގެ 1 ދުވަސް ނުވަތަ 2 ދުވަސް ކުރިން ފެން އަޅާފައި ބަހައްޓަންވާނެއެވެ. މި ގޮތަށް ބެހެއްޓުމަށްފަހު ފެނުންނަގައި، ތެއްޔަކަށް އެޅުށްފަހު އަލުން އައު ފެން އަޅައިގެން ގައިގަނޑަކަށް 45 މިނެޓް ވަންދެން ކައްކާލާނީއެވެ.
ކަނޑޫ ކެއުމުގައި ކާށި ހުނި، ގަރުދިޔަ، ރޯމިރުސް ބޭނުންކުރެއެވެ. އަދި ފޮނިކޮށްވެސެ ކަނޑޫ ކައިއުޅެއެވެ.
ކަނޑޫ ގަހަކީ ރާއްޖޭގެ ވެށިން ނެތިގެންދިއުމުގެ ބިރުހީވެފައިވާ ބާވަތަކަށް ވާއިރު، ކާނާގެ ޔަޤީކަން ކަށވަރުކުރުމަށް ކަނޑޫގަސްތައް ރާއްޖޭގެ ކުޅިތަކުގައި އިންދާ އާލާކުރުމަކީ ވަރަށް މުހިންމުކަމެކެވެ.