ދުނިޔޭގެ ކަނޑުތަކުގެ ދުވަސް ފާހަގަކުރުމަށް ހާއްސަ ޕެނަލް ޑިސްކަޝަންއެއް ބޭއްވުމަށް ނިންމައިފި
ދުނިޔޭގެ ކަނޑުތަކުގެ ދުވަސް ފާހަގަކުރުމަށްޓަކައި މަސްވެރިކަމާ ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ޕެނަލް ޑިސްކަޝަންއެއް ބޭއްވުމަށް ނިންމައިފި އެވެ.
މި ޕެނަލްޑިސްކަޝަން ކުރިއަށް ދާނީ ޖޫން މަހުގެ 22 ވަނަ ދުވަހުގެ ހަވީރު 4:00 ން 5:30އަށް ގައުމީ ޔުނިވާސިޓީ (އެމް.އެން.ޔޫ) އޮޑިޓޯރިއަމްގައެވެ.
މި ޕެނަލްޑިސްކަޝަންގައި ބައިވެރިވާ ޕެނަލިސްޓުންނަކީ ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާގެ ޑިރެކްޓަރ ޖެނެރަލް ޑރ. ޙުސައިން ސިނާން އަދި މޯލްޑިވްސް މެރިން ރިސަރޗް އިންސްޓިޓިއުޝަންގެ ޑިރެކްޓަރ ޖެނެރަލް މުހައްމަދު ޝިމާލު އަދި ކޮލެޖް އޮފް ފިޝަރީޒް ސައިންސްގެ ދަރިވަރެކެވެ.
މި ޕެނަލް ޑިސްކަޝަންއަކީ މި ދާއިރާގައި މަސައްކަތްކުރުމުގެ މުހިންމުކަމާ، ރާއްޖޭގައި މިދާއިރާއިން މަތީ ތައުލީމު ހާސިލުކުރުމަށް ހުރި ފުރުސަތުތަކާއި، ދާއިރާ ކުރިއަރުވާ ދެމެހެއްޓުމަށާއި ދާއިރާއަށް ދަރިވަރުންގެ މެދުގައި ހޭލުންތެރިކަން އިތުރު ކުރުމަށް ކުރިއަށްގެންދާ ޕެނަލްޑިސްކަޝަންއެކެވެ.
ދިވެހިންނާއި ދިވެހީންގެ ކަނޑާހުރި ގުޅުމާއި، ކަނޑު ހިމާޔަތްކޮށް ބެލެހެއްޓުމުގެ މުހިންމުކަމުގެ މައްޗަށް މި ޕެނަލް ޑިސްކަޝަންގައި އަލިއަޅުވާލާނެއެވެ.
މީގެ އިތުރުން މިދާއިރާގެ ތަޖުރިބާކާރުންނާ ސުވާލުކޮށް ދާއިރާއާ ބެހޭ މައުލޫމާތުތައް ހޯދުމުގެ ފުރުސަތުވެސް މި ޕެނަލްޑިސްކަޝަންގެ ތެރެއިން ލިބިގެންދާނެއެވެ.