logo
banner image

ބޮޑުތަކުރުފާނުމަގުގައި ގަވާއިދާ ޚިލާފަށް ޕާކުކޮށްފައިވާ އުޅަނދުތައް ޓޯވކުރަން ފަށައިފި

     މާލޭގެ މަގުތަކުގައި ދަތުރުފަތުރު ކުރުމަށާއި ހިނގާބިނގާވެ އުޅޭ މީހުންނަށް ފަސޭހަވާނެގޮތަށް މަގުތައް ތަރުތީބުކުރުމުގެ މަސައްކަތުގެ ތެރެއިން، ދިވެހި ފުލުހުންގެ ޚިދުމަތުން މިއަދު އިއުލާނުކޮށްފައިވަނީ ބޮޑުތަކުރުފާނުމަގުގައި ގަވާއިދާ ޚިލާފަށް ޕާކުކޮށްފައި ހުންނަ އުޅަނދުތައް ޓޯވކުރަން ފަށާފައިވާ ކަމަށެވެ.

     ފުލުހުންގެ ބަޔާނެއްގައި ބުނެފައިވާ ގޮތުގައި، މި މަސައްކަތް ކުރިއަށް ގެންދަނީ ހިތިގަސްމަގު ކަންމަތިން ފެށިގެން މެހެލިގޯޅިއާ ހަމައަށެވެ. މި ސަރަހައްދުގައި އާންމު ދަތުރުފަތުރާއި ޕަބްލިކް ޓްރާންސްޕޯޓަށް ދަތިވާގޮތަށް ޕާކުކޮށްފައި ހުންނަ އުޅަނދުތަކެވެ.

"މިގޮތަށް ގަވާއިދާ ޚިލާފަށް ޕާކުކޮށްފައިވާ އުޅަނދު ދުއްވި ފަރާތްތަކާމެދު ފިޔަވަޅު އަޅަމުން ގެންދާނަން" ފުލުހުންގެ ބަޔާނުގައިވެއެވެ. އަދި ޓޯވކުރެވޭ އުޅަނދުތައް ދޫކުރެވޭނީ 48 ގަޑިއިރު ފަހުންނެވެ. 

ފުލުހުން އާންމުންނަށް އިލްތިމާސްކޮށްފައިވަނީ އުޅަނދުތައް ޕާކުކުރުމަށްޓަކައި ކަނޑައެޅިފައިވާ ޕާކިން ޒޯންތަކުގައި ޕާކުކުރުމަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށެވެ. އަދި މާލޭގެ މަގުތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށް، މަގުތައް ތަރުތީބު ކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކަށް އާންމު ރައްޔިތުން ދެއްވާ އެއްބާރުލުމަށް ޝުކުރު ދަންނަވާފައިވެއެވެ.

     މި ފިޔަވަޅަކީ ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދހ މުޢިއްޒުގެ ސަރުކާރުން މާލޭގެ ޓްރެފިކް މައްސަލަ ހައްލުކުރުމަށް އަޅަމުންދާ ފިޔަވަޅުތަކުގެ ތެރެއިން އެއް ފިޔަވަޅެވެ. މި މަސައްކަތުގެ ސަބަބުން މާލޭގެ މަގުތަކުގައި ދަތުރުފަތުރުކުރާ ފަރާތްތަކަށާއި ހިނގާބިނގާވެ އުޅޭ ފަރާތްތަކަށް ލުއިފަސޭހަތަކެއް ލިބިގެންދާނެއެވެ.