logo
banner image

ފަށާ މަދަދު ލޯން ސްކީމްގެ ދެވަނަ ފިޔަވަހީގެ ލޯނަށް އެދުމުގެ ފުރުޞަތު ހުޅުވާލައިފި

ވިޔަފާރީގެ ދާއިރާގައި އަންހެނުން ބާރުވެރިކުރުމަށް އަންހެނުންނަށް ޚާއްޞަ ލޯން ސްކީމެއް ތަޢާރަފުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެލެއްވި ވައުދުފުޅާ އެއްގޮތަށް އަންހެން ވިޔަފާރިވެރިންނަށް ޚާއްސަކޮށް ދޫކުރާ "ފަށާ މަދަދު" ލޯނުގެ ދެވަނަ ފިޔަވަހީގެ ދަށުން ލޯނަށް އެދުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.  

ވިޔަފާރީގައި ހަރަކާތްތެރިވާ އަންހެނުންނަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން އެކުލަވާލާފައިވާ "ފަށާ މަދަދު" ލޯން ސްކީމްއަށް 100 މިލިޔަން ރުފިޔާ ކަނޑައަޅާފައިވާއިރު ކޮންމެ ފިޔަވައްސަކަށް 20 މިލިޔަން ރުފިޔާ ވަނީ ޚާއްސަކޮށްފައެވެ. މީގެ އިތުރުން މި ލޯން ސްކީމްގައި %25 ޚާއްސަ ކޮށްފައިވަނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށެވެ.

އޭގެ ދަށުން އަހަރަކު 6 އިންސައްތައިގެ އިންޓްރެސްޓާއެކު އަލަށް ވިޔަފާރި ފަށާ ފަރާތްތަކަށް 100،000 ރުފިޔާއާއި 500،000 ރުފިޔާއާ ދެމެދުގެ ޢަދަދަކަށް ލޯނު ދިނުމަށް ވަނީ ހަމަޖެހިފައެވެ. ލޯނަށް ގިނަވެގެން 12 މަސްދުވަހުގެ ގްރޭސް މުއްދަތެއް ލިބޭނެއެވެ. އަދި ލޯނު 7 އަހަރު ދުވަހަަށް ބަހާލައިގެން ދެއްކޭނެ އިންތިޒާމު ވެސް ހަމަޖެހިފައިވެއެވެ. "ފަށާ މަދަދު" ލޯނަށް އެދުމުގެ ސުންގަޑިއަކީ އޮގަސްޓްމަހުގެ 31ވާ އާދީއްތަދުވަހެވެ.

އަންހެނުންނަށް ޚާއްސަކޮށްގެން ދޫކުރާ ލޯނަކީ އެސްޑީއެފްސީއާއި އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާގެ އިތުރުން އިޖުތިމާޢީ އަދި އާޢިލީ ތަރައްޤީއާ ބެހޭ ވުޒާރާ ގުޅިގެން ވިޔަފާރީގައި ހަރަކާތްތެރިވާ އަންހެނުންނަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ކުރިއަށްގެންދާ ސްކީމްއެކެވެ.