logo
banner image

ފަށާ މަދަދު ލޯން ސްކީމްގެ ދެވަނަ ފިޔަވަހި 15 ޖޫންގައި ހުޅުވާލަނީ

ވިޔަފާރީގައި ހަރަކާތްތެރިވާ އަންހެނުންނަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން އެކުލަވާލާފައިވާ "ފަށާ މަދަދު" ލޯން ސްކީމްގެ ދެވަނަ ފިޔަވަހީގެ އެޕްލިކޭޝަން ބަލައިގަތުން މި މަހުގެ 15 ވަނަ ދުވަހު ފެށުމަށް ވަނީ ހަމަޖެހިފައެވެ. 

މި ލޯނު ސްކީމްއަކީ ވިޔަފާރީގެ ދާއިރާގައި އަންހެނުން ބާރުވެރިކުރުމަށް އަންހެނުންނަށް ޚާއްޞަ ލޯން ސްކީމެއް ތަޢާރަފުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެލެއްވި ވައުދުފުޅާ އެއްގޮތަށް ކުރިއަށްގެންދާ ލޯން ސްކީމްއެކެވެ. މި ލޯން ސްކީމް ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވަނީ 5 ފިޔަވައްސަކަށް ބަހާލައިގެންނެވެ. 

މި ލޯން ސްކީމްއަށް 100 މިލިޔަން ރުފިޔާ ކަނޑައަޅާފައިވާއިރު ކޮންމެ ފިޔަވައްސަކަށް 20 މިލިޔަން ރުފިޔާ ވަނީ ޚާއްސަކޮށްފައެވެ. މީގެ އިތުރުން މި ލޯން ސްކީމްގައި %25 ޚާއްސަ ކޮށްފައިވަނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށެވެ.އޭގެ ދަށުން އަހަރަކު 6 އިންސައްތައިގެ އިންޓްރެސްޓާއެކު އަލަށް ވިޔަފާރި ފަށާ ފަރާތްތަކަށް 100،000 ރުފިޔާއާއި 500،000 ރުފިޔާއާ ދެމެދުގެ ޢަދަދަކަށް ލޯނު ދިނުމަށް ވަނީ ހަމަޖެހިފައެވެ. ލޯނަށް ގިނަވެގެން 12 މަސްދުވަހުގެ ގްރޭސް މުއްދަތެއް ލިބޭނެއެވެ. އަދި ލޯނު 7 އަހަރު ދުވަހަަށް ބަހާލައިގެން ދެއްކޭނެ އިންތިޒާމު ވެސް ހަމަޖެހިފައިވެއެވެ.

އަންހެނުންނަށް ޚާއްސަކޮށްގެން ދޫކުރާ ލޯނަކީ އެސްޑީއެފްސީއާއި އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާގެ އިތުރުން އިޖުތިމާޢީ އަދި އާޢިލީ ތަރައްޤީއާ ބެހޭ ވުޒާރާ ގުޅިގެން ވިޔަފާރީގައި ހަރަކާތްތެރިވާ އަންހެނުންނަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ކުރިއަށްގެންދާ ސްކީމްއެކެވެ.