logo
banner image

މޯލްޑިވްސް އެކްސްޕޯ 2025: ބޮޑު ތަރުހީބަކާ އެކު މި އަހަރުގެ އުފެއްދުންތެރިކަމުގެ މައުރަޒު ނިންމާލައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ އިސްނެންގެވުމާއި އިރުޝާދުގެ ދަށުން ބޭއްވުނު މި އަހަރުގެ އުފެއްދުންތެރިކަމުގެ މައުރަޒު ބޮޑު ތަރުހީބަކާއެކު ނިންމާލައިފިއެވެ. މި މައުރަޒަކީ ދިވެހިރާއްޖޭގެ އުފެއްދުންތެރިކަން އިތުރުކޮށް ވިޔަފާރި ފުޅާ ކުރުމުގެ މަޤްޞަދުގައި، ވިޔަފާރިއާއި އުފެއްދުންތެރިކަމަށް އަމާޒުކޮށްގެން ބޭއްވުނު މައުރަޒެކެވެ. 

އިޤްތިޞާދީ ތަރައްޤީއާ ބެހޭ ވުޒާރާއާއި ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީ.ސީ.ސީ) ގުޅިގެން އިންތިޒާމުކޮށްގެން ބޭއްވި މި މައުރަޒު ކުރިއަށް ގެންގޮސްފައިވަނީ ނިމިދިޔަ މެއި މަހުގެ 23 އިން 31 އަށް ހުޅުމާލޭ ސެންޓްރަލް ޕާކުގައެވެ. ނުވަ ދުވަހުގެ މުއްދަތަށް ކުރިއަށް ދިޔަ މި މައުރަޒަށް ދެ ލައްކައަށްވުރެ ގިނަ މީހުން ޒިޔާރަތްކޮށްފައިވާ ކަމަށް ފަހުގެ އަންދާޒާތަކުން ދައްކައެވެ.

މި މައުރަޒުގައި ދިވެހިންގެ ގިނަ އުފެއްދުންތަކެއް ފެނިގެން ގޮސްފައިވެއެވެ. އޭގެ ތެރޭގައި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުގެ އުފެއްދުންތަދުންތަކާއި، އަތްތެރި މަސައްކަތުގެ އުފެއްދުންތަކާއި، ކާބޯތަކެތީގެ އުފެއްދުންތައް ހިމެނެއެވެ. މީގެ އިތުރުން މައުރަޒު ބޭއްވުނު ސަރަހައްދުގައި މުނިފޫހިފިލުވުމުގެ ހަރަކާތްތައްވެސް ކުރިއަށް ގެންގޮސްފައިވެއެވެ. 

މިފަހަރުގެ މައުރަޒުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުން 3500 އަށްވުރެ ގިނަ އުފެއްދުންތައް ފެނިގެންދިޔައެވެ. މައުރަޒުގައި ބައިވެރިކޮށްފައިވާ އުފެއްދުންތައް ދައްކާލުމަށް ކަނޑައަޅާފައިވާ ޚާއްސަ ސަރަޙައްދުގެ އިތުރުން، ހުނަަރުވެރިކަމާއި ފަންނުވެރިކަން އަދި އުފެއްދުންތެރިކަމުގެ ތަފާތު ތަޖުރިބާތަކެއް ކުރުމުގެ ފުރުޞަތު އާންމުންނަށް ލިބިގެެންދިޔައެވެ.