4000 ފްލެޓުގެ މަސައްކަތް ކުރިއަށްދާ ގޮތުގެ މަޢުލޫމާތު މިނިސްޓަރ ޑރ. މުއްޠަލިބް ހާމަކުރައްވައިފި

ފްލެޓުގެ ލިސްޓު ވެރިފައި ކުރުމަށްފަހު، ޝަކުވާގެ މުއްދަތުގެ ތެރޭގައި މަސައްކަތްތައް ކުރިއަށްގެންދިޔަ ގޮތާ ބެހޭގޮތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހައުސިންގ މިނިސްޓަރ ޑރ. ޢަބްދުالله މުއްޠަލިބް ވަނީ މަޢުލޫމާތު ދެއްވާފައެވެ.
މި ބައްދަލުވުމުގައި މިނިސްޓަރ އެންމެ މުހިންމު ކަމަކަށް ފާހަގަ ކުރެއްވީ ފްލެޓުގެ ޝަރުތު ހަމަވާ ހުރިހާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސިޔާސަތުގެ ދަށުން ފްލެޓު ދީ ނިންމުމަށް ކަމަށެވެ. އަދި ޝަރުތު ހަމަނުވާކަމަށް ސާބިތުވާ ފަރާތްތަކަށް މިނިސްޓްރީއިން ރަސްމީކޮށް އެކަން އަންގާ، އެފަރާތްތަކަށް އެޕީލް ކުރުމުގެ ފުރުޞަތުވެސް ދޭނެކަން މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ.

މީގެއިތުރުން، މިނިސްޓަރ ވިދާޅުވި ގޮތުގައި ޖޫން މަހުގެ ތެރޭގައި ފްލެޓު ލިބޭ ފަރާތްތަކާއެކު އެގްރިމެންޓް ހަދާ ސޮއިކުރުމުގެ މަރުޙަލާ ކުރިއަށްގެންދާނެއެވެ. އަދި ފުރަތަމަ ނިމިފައިވާ 1000 ފްލެޓު ޙަވާލުކޮށް، ޖުލައި މަހުގެ ތެރޭގައި މީހުންނަށް ދިރިއުޅެވޭވަރު ކުރުމަށް މަސައްކަތްކުރާނެ ކަމަށާއި، ސެޕްޓެންބަރު މަސް ނިމުމުގެ ކުރިން ބާކީ ހުރި ފްލެޓުތައްވެސް އޭގެ ޙައްޤުވެރިންނަށް ޙަވާލުކުރެވޭނެ ކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.