މަސްވެރިކަމުގެ ދާއިރާގެ ކުދި ވިޔަފާރިތައް ކުރިއެރުވުމަށް އަބަދުވެސް އެހީތެރިކަން ލިބޭނެ- ވަޒީރު
މަސްވެރިކަމުގެ ދާއިރާގެ ކުދި ވިޔަފާރިތަކަށް ސަރުކާރުގެ ފުރިހަމަ އެއްބާރުލުމާ އެހީތެރިކަން އަބަދުވެސް ލިބޭނެ ކަމަށް މަސްވެރިކަމާ ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ އުފެއްދުންތެރިކަމުގެ މައުރަޒުން މަސްވެރިކަމުގެ ގިންތިން 2 ވަނަ އަދި މަހުގެ އުފެއްދުންތައް ވެލިއު އެޑިޝަން 2 ވަނަ އަދި 3 ވަނަ އަށް ދިޔަ ފުވައްމުލައް ސިޓީ އައިމިނަތު އިބްރާހީމް އާއި ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގެ ތެރެއިންނެވެ.
ވަޒީރު ވިދާޅުވީ މަސްވެރިކަމުގެ ކުދި ވިޔަފާރިތައް ކުރިއަރުވަން ސަރުކާރުން ވަރަށް ހާއްސަ އިސްކަމެއްދޭ ކަމަށެވެ. ކުދި ވިޔަފާރިތަކަށް ބޭނުންވަނީ އެމީހުން އުފައްދާ ޕްރޮޑަކްޓުތައް އިސްތިހާރުވާނެ ގޮތެއްކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ ރާއްޖޭގައި އުފައްދާ މަހުގެ ޕްރޮޑަކްޓުތައް ޕްރޮމޯޓް ކުރެވޭނެ މަގުވެސް ސަރުކާރުން ތަނަވަސްކޮށްދެއްވާނެ ކަމަށާ އެކަމުގައި އެހީތެރިކަން ލިބިގެންދާނެ ކަމަށެވެ.
މަހުގެ ބާވަތްތަކުން އެކިކަހަލަ އުފެއްދުންތައް ތައްޔާރުކޮށް އުފައްދާނެގޮތުގެ ޕްރޮގްރާމްތައް ވުޒާރާއިން އަންނަނީ އަތޮޅުތެރޭގައި ހިންގަމުންނެވެ. މަސްވެރިކަމުގެ ސިނާއަތަށް އަލަށް ނިކުންނަ ކުދި ވިޔަފާރިތަކަށް ދަތިތަކެއްވެސް ހުންނާނެ ކަމަށާ އެ ދަތިތައް ހައްލުކުރުމަށް ވުޒާރާގެ ތެރެއިން ދެވެން ހުރި އެހީތެރިކަމެއްވެސް ދެެއްވާނެ ކަމަށް ވަޒީރު ވިދާޅުވި އެވެ. ސަރުކާރުން އަބަދުވެސް ބޭނުންވަނީ މަސްވެރި ސިނާއަތަކީ ރައްޔިތުންނަށް ފައިދާ ހުރި ރަނގަޅު ސިނާއަތަކަށް ހެދުން ކަމަށް ވަޒީރު ޝިޔާމް ވަނީ ވިދާޅުވެފަ އެވެ.