logo
banner image
ޞިއްޙީ ވުޒާރާ

ދުންފަތާއި ދެކޮޅަށް ރައީސް ކުރައްވާ މަސައްކަތަށް ޓެޑްރޮސްގެ ތައުރީފު

ދިވެހި ރައްޔިތުން ދުންފަތުން ރައްކާތެރިކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ކުރައްވާ މަސަތްކަތްޕުޅަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިއުއެޗްއޯގެ ޑިރެކްޓަރު ޖެނެރަލް ޑރ ޓެޑްރޯސް އަދަނޮމް ގެބްރެޔެސަސް ތައުރީފު ކުރައްވައިފިއެވެ.

ޓެޑްރޮސް ރައީސަށް ތާރީފުކުރެއްވީ ޑަބްލިޔުއެޗްއޯއިން ދުނިޔޭގެ ދުންފަތުގެ އިސްތިޢުމާލު ނުކުރާ ދުވަހާ ގުޅުވައިގެން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުއަށް ޚާއްޞަ އެވޯޑެއް ދެއްވުމަށް ފޮނުއްވި ރަސްމީ މެސެޖެއްގައިއެވެ.

ޓެޑްރޮސް ވަނީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ދިވެހި ރައްޔިތުންގެ ޞިއްޙަތު ރައްކާތެރިކުރުމަށް ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކުގައި ދައްކަވަމުންގެންދަވާ ނަމޫނާ ލީޑަރޝިޕާއި ދުރު ވިސްނުންފުޅަށް ވެސް ތައުރީފު ކުރައްވައިފައެވެ.

"ރާއްޖޭގެ ރައްޔިތުންގެ ސިއްހަތް ސަލާމަތްކުރުމަށް ރައީސް މުއިއްޒުގެ ނަމޫނާ ލީޑަރޝިޕް އަދި ވިސނުންފުޅަސް އަޅުގަނޑު ތައުރީފުކުރައްވަން. އަދި ރާއްޖޭގައި ދުންފަތުގެ އިސްތިޢުމާލުކުރުން ހުއްޓުވުމަށް ރައީސް ކުރައްވަމުން އަންނަ މަސަތްކަތަށްވެސް އަޅުގަނޑުމެން ތައުރީފުކުރައްވަން" ޑރ ޓެޑްރޯސް އަދަނޮމް ގެބްރެޔެސަސް ވިދާޅުވިއެވެ.

ރައީސްގެ ލީޑާޝިޕުގައި ދުންފަތާ ދެކޮޅަށް އަޅުއްވާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި އަލަށް އުފެދެމުން އަންނަ ދުންފަތުގެ އުފެއްދުންތައް މަނާކުރުމާއި، ދުންފަތް ބޭނުންކުރުން މަނާ ތަންތަން އިތުރުކުރުއްވުން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި ދުންފަތް ކޮންޓުރޯލުކުރުމުގެ ގާނޫނަށް ގެންނެވި އިސްލާހުތަކުގެ ތެރެއިން އީ-ސިނގިރެޓާއި ވޭޕުގެ ބާވަތްތައް މަނާކުރެއްވުމާއި، ދުންފަތް ވިއްކޭނެ އެންމެ ހަގު އުމުރު 21 އަހަރަށް މަތިކުރެއްވުމާއި، ދުންފަތް އިސްތިހާރުކުރުން މަނާކުރެއްވުމާއި، ދުންފަތުގެ ބާވަތްތަކުން ނަގާ ޓެކުސް ބޮޑުކުރުން ހިމެނޭކަން ޓެޑްރޯސް ފާހަގަކުރެއްވިއެވެ.

އޭގެ އިތުރަށް ޓެޑްރޯސް ފާހަގަކުރެއްވީ ދުންފަތުން ދުރުވާން ބޭނުންވާ މީހުންނަށް އެހީތެރިވުމަށް ސިސޭޝަން ކްލިނުކުތައް ރާއްޖޭގެ ހުރިހާ ސިއްހީ ހިދުމަތް ދޭ ތަންތަނުގައި ގާއިމުކުރެއްވުމަށް ރައީސް ފައްޓަވާފައިވާ މަސައްކަތަކީވެސް ދުންފަތުން ދިވެހިން ސަލާމަތްކުރެއްވުމަށް އެޅުއްވި ހަރުދަނާ ފިޔަވަޅެއް ކަމަށެވެ.

މިހުރިހާ ފިޔަވަޅުތަކަކީ ދިވެހިން ދުންފަތުން ދުރުކުރުމަށް އެޅޭ މުހިއްމު ފިޔަވަޅުތަކަކަށްވުމުގެ އިތުރަށް އެއީ ދުންފަތުން ސަލާމަތްވެފައިވާ މުސްތަގުބަލަކަށް މަސައްކަތްކުރާ އެހެން ގައުމުތަކަށް ހިތްވަރު ލިބޭ، އުންމީދު އައުކޮށްދޭ ފިޔަވަޅުތަކެއްގެ ގޮތުގައި އޭނާ ފާހަގަކުރެއްވިއެވެ.

2007 ވަނަ އަހަރުގެ ފަހުން އުފަންވި އެންމެނަށް ދުންފަތް ވިއްކުން މަނާކުރުމަށް ގާނޫނަށް ގެނެވުނު އިސްލާހު ރައީސް ތަސްދީގުކުރެއްވުމާ ގުޅިގެން ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާއިން މަރުހަބާ ކިޔާފައިވެއެވެ. އަދި އެއާއެކު ޖީލެއް ދުންފަތުގެ ވަބާއިން ސަލާމަތްކުރެވޭނެކަން އެ ޖަމްއިއްޔާއިން ފާހަގަކުރިއެވެ.