ތަމްރީނު ލިބިފައިވާ ނަރުހުން ދާއިރާއަށް ނުކުތުމަށް ރައީސް އެދިވަޑައިގެންފި
ތަމްރީނު ލިބިފައިވާ ނަރުހުން ދާއިރާއަށް ނުކުތުމަށް ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެދިވަޑައިގެންފިއެވެ.
ރައީސް މިކަމަށް އެދިވަޑައިގަތީ، ދުނިޔޭގެ ޞީއްހަތު ދުވަހުގެ މުނާސަބަތުގައި ރޭ ބޭއްވި ޙަފްލާގައި ވާހަކަފުޅު ދައްކަވަމުން، ޢުމްރާނީ ގޮތުންނާއި ފަންނިއްޔާތާއި އިންސާނީ ވަސީލަތުގެ ގޮތުން ޞިއްޙީ ދާއިރާގެ ފެންވަރު ރަނގަޅު ކުރުމަށް މަސައްކަތްތަކެއް ކުރެވެމުން ދިޔަ ނަމަވެސް، އެކި ގޮތްގޮތުން ކުރިމަތިވަމުންދާ ގޮންޖެހުންތައް ހިއްސާކުރައްވަމުންނެވެ.
އެގޮތުން، އެންމެ ހައިރާންވެވަޑައިގަންނަވާ ކަމަކީ ޞިއްޙީ ދާއިރާއަށް ބޭނުންވާ ނަރުހުން ހޯދުމުގައި، ދިވެހި ނަރުހުން ލިބުމުގައި ދަތިތަކެއް ހުރުންކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. މިގޮތުން، މާލޭ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްއަށް އެންމެ ފަހުން ގެނެވުނު ކުރިއެރުންތަކާއެކު އިތުރުކުރެވުނު ވަޒީފާތަކަށް ދިވެހި ނަރުހުން ލިބުމުގައި ކުރިމަތިވި ދަތިކަމަށް އިޝާރާތްކުރެއްވިއެވެ. ނަމަވެސް ޚިދުމަތަކީ މެދުކެނޑުމެއް ނެތި ދެވެންޖެހޭ ޚިދުމަތަކަށް ވާ އިރު، ބިދޭސީ ނަރުހުން ހޯދުމަށް މަޖުބޫރުވާކަމަށް ވިދާޅުވިއެވެ.
މި މޭރުމުން ދެއްކެވި ވާހަކަފުޅުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، ދިވެހިރާއްޖޭގައި ތިއްބެވި، ތަމްރީނުވެފައިވާ ނަރުހުން، ވަޒީފާއަށް ނިކުމެވަޑައިގެން، މި ދާއިރާއަކީ ދިވެހީންގެ ދާއިރާއަކަށް ހެއްދެވުމަށް ގޮވާލައްވާފައިއެވެ.
ޞިއްޙީ ފަރުވާގެ ނިޒާމުގެ ތެރެއިން ފައިސާ އިސްރާފުވުން ހުއްޓުވައި، ބޭސްފަރުވާގެ ސަޕްލައި ކަށަވަރުކޮށް ދެއްވުމަށްޓަކައި މުހިންމު ފިޔަވަޅުތަކެއް އަޅުއްވާފައި ވާ އިރު، ދާދި އަވަހަށް އެކަންކަމުގެ ނަތީޖާ ފެންނާނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ދެއްވިއެވެ.