logo
banner image

މާލީ ތާރީޚުގެ ތެރެއިން: ބޮޑުބަނޑޭރީންގެ ދައުރު

އޮނަވިހި ވަނަ ޤަރުނުން ފެށިގެން، ސަރުކާރުގެ އޮފީސްތަކަށް ބޭނުންވާ ތަކެތި ބަނޑޭރިގެއިން ދޫކުރައްވާ ހައްދަވަމުން ގެންދެވިއިރު،.މިކަން ކުރަމުން ގެންގޮސްފައި ވަނީ ބޮޑުބަނޑޭރިއެއްގެ މަޤާމުގައި ބޭފުޅަކު ހުންނަވައިގެން އެބޭފުޅެއްގެ ބެއްލެވުމުގެ ދަށުންނެވެ. މިކަން އިސްދޫ ލޯމާފާނުގެ ދައުރާ ގުޅާލާއިރު، ލަފާކުރެވެނީ އޭރު އެހުންނެވި ރަތުނަ ބަނޑޭރީގެ ނަމަށް ބަދަލު އައިސް ބޮޑުބަނޑޭރި މިނަމަށް ބަދަލު ވެފައި ވަނީ ކަމަށެވެ.

މި މަޢުލޫމާތުގެ މައްޗަށް ބުރަވެ، ތާރީޚު ބަލަމުން ދާއިރު 1192 ވަނަ އަހަރުގެ ތެރޭގައި ކޮށާރު ބަނޑޭރިގެ ނަމުގައި އެބޭފުޅަކު ހުންނެވިނަމަވެސް ފަހުން އެނަމަށް އެވަނީ ބަދަލު ގެންނަވައި ބޮޑުބަނޑޭރި މިނަމަށް ބަދަލު ކުރައްވައިފައި ކަމަށް ފެނެއެވެ. އެއީ އޭގެ ފަހުން ދެން މުޅީން ވެސް ތާރީޚުން ފެންނާން އޮތީ ބޮޑުބަނޑޭރިއެއްގެ ނަމެވެ.

ބޮޑުބަނޑޭރިއަކު ހުންނަވަން ފެއްޓެވީ މީލާދީ ގޮތުން 1196 ވަނަ އަހަރުން ފެށިގެން ކަމަށް ތާރީޚު ދައްކާއިރު މިއަދާ ހަމައަށް ބަލާނަމަ ރާއްޖޭގައި ބޮޑުބަނޑޭރިއަކު ހުންނަވާން ފެށިފަހުން 829 އަހަރު ވީ އެވެ. ބޮޑުބަނޑޭރިއެއްގެ ގޮތުގައި ބޭފުޅަކު ހުންނަވަން ފެށުމަށްފަހު، ދެން އެނަން މުޅިން ފުހެވިގެން ދިޔައީ ރާއްޖޭގެ ފުރަތަމަ ޤާނޫނު އަސާސީ އިޢުލާން ކުރެއްވުމާއެކު އުފެދިގެން ދިޔަ ވުޒާރާތަތަކާ އެކުގަ އެވެ. އެނަން ވަޒީރުލް މާލިއްޔާގެ ނަމަށް ބަދަލުވީ ދިވެހިރާއްޖޭގެ ފުރަތަމަ ޤާނޫނު އަސާސީ 1932 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 22 ވަނަ ދުވަހު އިޢުލާން ކުރެއްވުމާ ގުޅިގެންނެވެ. އެދުވަހު ވުޒާރަތުލް މާލިއްޔާ އުފައްދަވައި، ވަޒީރުލް މާލިއްޔާއެއްގެ ގޮތުގައި އަލްއަމީރު ޙަސަން ފަރީދު ދީދީ ހަމަޖައްސަވަންދެން ހުންނެވީ ބޮޑުބަނޑޭރިއެކެވެ. އޭރު ބޮޑުބަނޑޭރިއެއްގެ މަޤާމުގައި ހުންނެވީ ސުމުއްވުލް އަމީރު ޢަބްދުލްމަޖީދު ރަންނަބަނޑޭރި ކިލެގެފާނެވެ.