logo
banner image

މާލީ ތާރީޚުގެ ތެރެއިން: އޭރު ދައުލަތަށް އާމްދަނީ ލިބޭ ކަންކަން

އެންމެ ކުރީ ޒަމާނުން ފެށިގެން ވެސް ރާއްޖެއަށް އާމްދަނީ ލިބޭނެ އިންތިޒާމުތައް ހަމަޖެހިފައި ވާކަން ތާރީޚީ ގޮތުން ސާބިތުވެ އެވެ. އަދި ދައުލަތުގެ ޚަރަދުބަރަދު ހިންގާނެ ގޮތުގެ ނިޒާމެއް ވެސް އޮތީ ޤާއިމު ވެފައިކަން ތާރީޚު ހެކިދެ އެވެ. ދައުލަތަށް އާމްދަނީ ލިބޭނެ 7 ގޮތެއް ޚާއްޞަ ގޮތެއްގައި ވަނީ ފާހަގަ ކުރެވިފަ އެވެ. މި ދަންނަވާ ގޮތްގޮތުން ލިބޭ އެއްޗެއް ދައުލަތުގެ ބޮޑުބަނޑޭރިގޭގައި ބަހައްޓަވައިގެން ދައުލަތަށާއި، ރަސްގެފާނަށާއި، އަދިވެސް ދައުލަތަށް ކުރަންޖެހޭ އެހެނިހެން ޚަރަދުތައް ގެންދެވީ ކުރައްވަމުންނެވެ.

އޭރު ދައުލަތަށް އާމްދަނީއެއް ލިބޭކަންކަމަކީ:

1. ރަސްގެފާނާ ބައްދަލުކުރަން އަންނަ ކޮންމެ މީހަކު ވެދުމަކަށް އަރުވަމުން ގެންދިޔަ ތަކެތިން. (މިއީ އެންމެ ކުރީގެ ޒަމާން ތަކުގައި ދިވެހީންގެ އާދަކާދައެއްގެ ގޮތުގައި ކުރަމުން އައިސްފައިވާ ކަމެކެވެ. އޭރު މިގޮތުން އަރުވައި އުޅުނީ ފޮތިފޭލި ކަހަލަ އެއްޗެހި ކަމަށް އިބުނު ބަޠޫޠާ ލިޔުއްވައިފައި ވެއެވެ.)

2. ކަނޑުން ލަގުވާ ތަކެތިން. (މާވަހަރުފަދަ ތަކެތި. ޒަމާނުއްސުރެ ރާއްޖެއަކީ މާވަހަރު ލަގުވާ ތަނެއްގެ ގޮތުގައި އޮންނަނީ މަޝްހޫރު ވެފައެވެ. އައްސުލްޠާން ޙަސަން ޢިއްޒުއްދީންގެ ދައުރުގައި ފަރަންސޭސީންނަށް ދޭނޭ އުޖޫރައެއް ދައުލަތުގެ ޚަޒާނާގައި ނެތިގެން އުޅުއްވަނިކޮށް ރާއްޖެއަށް ލައްވި މާވަހަރަކުން އަގުއަދާ ކުރެއްވި ކަމަށް ދޮންބަންޑާރައިންނާ ބެހޭގޮތުން ލިޔުއްވައިފައިވާ ފޮތުގައި އޮވެއެވެ.)

3. ފުރަބަންޑާރަ ރަށްރަށުން ލިބޭ ތަކެތިން. (ފުރަބަންޑާރަ ރަށްރަށުން ލިބޭ އެންމެ އަގުހުރި އެކައްޗަކީ ކާއްޓެވެ. ދިވެހީންނަކީ ޒަމާނުއްސުރެ ކުފުރާވެސް އެކްސްޕޯޓްކޮށް އުޅުނު ބަޔަކީމުއެވެ.)

4. ދަނޑުފަނގުން ގޮއި ނަގައިގެން ލިބޭ އާމްދަނީން.

5. ރައްޔިތުންގެ އަތުން ނަގާ އުޅުނު ވާރުން.

6. ވިޔަފާރިވެރިންގެ އަތުން ނަގައި އުޅުނު މައުމޫލުން. (މައުމޫލު އަކީ އޭރު ވިޔަފާރި ވެރިން އަތުން ދައުލަތަށް ނަގަމުން އައި ޓެކުހެވެ.)

7. ރާއްޖޭގެ ހިކިކަނޑުމަހާއި، ރޯނާއި، ބޮލި ބޭރު ޤައުމުތަކަށް ވިއްކައިގެން ލިބޭ އާމްދަނީން