logo
banner image

މާލީ ތާރީޚުގެ ތެރެއިން: މާލީ ކަންކަން ފެށިގެން އައިގޮތުގެ ތާރީޚަށް ބަލައިލުމެއް

ދިވެހިރާއްޖޭގައި މާލީ އިދާރާއެއްގެ ގޮތުގައި އެންމެ ފުރަތަމަ ފެންނަމުން އައީ ބޮޑުބަނޑޭރިގެ އެވެ. ރާއްޖޭގައި ބާޓާސިސްޓަމަށް ވިޔަފާރި ކުރަމުން އައި ޒަމާނުއްސުރެ، ރާއްޖޭގައި ބޮޑުބަނޑޭރިއަކު ހުންނަވައިގެން ރައްޔިތުންނަށް ޚިދުމަތް ކުރައްވަމުން ގެންދަވަ އެވެ. ތާރީޚް ދިރާސާކޮށް ލިބޭ މަޢުލޫމާތުން ފެންނާން އޮތް ގޮތުގައި، ރާއްޖެ އިސްލާމްވި ފަހުން ހިނގައިދިޔަ ހުރިހައި ޒަމާނެއްގައި ވެސް ބޮޑުބަނޑޭރިންގެ ނަމުގައި ބަޔަކު ތިއްބެވެ.

ބޮޑުބަނޑޭރިންގެ ގޮތުގައި އެކި ދުވަސްވަރު އެ ތިއްބެވި ބޭބޭފުޅުން ތަފާތު މަސްއޫލިއްޔަތު ތަކެއް ވެސް އަދާކޮށްފައި ވާކަން އެނގެއެވެ. އެއްދުވަސް ވަރެއްގައި ބޮޑުބަނޑޭރިއެއްގެ ގޮތުގައި ހުންނެވި ބޭފުޅަކު ޢަދުލު އިންސާފުގެ ދާއިރާގައި ވެސް މަސައްކަތް ކުރައްވައިފައި އެބަހުރި ކަމަށް ތާރީޚު ހެކިދެއެވެ. މިހެން އައިސް 19 ވަނަ ޤަރުނުގައި ވޯރާ ވިޔަފާރި ވެރިން ރާއްޖެ އައިސް މާލޭގައި ތިބެގެން ވިޔަފާރި ކުރަމުން ގެންދިޔައިރު، އެމީހުން ރާއްޖެއަށް އެތެރެ ކުރަމުން ގެންދިޔަ މުދަލުން ސަރުކާރަށް ދައްކަން ޖެހުނު ޓެކްސް ވެސް އެ ޒަމާނުގައި ދައްކާ އުޅުނީ އެތެރެކުރާ ތަކެތިންނެވެ. މި މުދާވެސް ބަލަހައްޓަމުން ގެންދިޔައީ ބޮޑުބަނޑޭރި ގޭގަ އެވެ.

ރާއްޖޭގައި ބޮޑުބަނޑޭރިންގެ ގޮތުގައި ބޭފުޅުން ތިއްބަވަން ފެށި އަހަރަކާއި އެބޭފުޅުންގެ ދައުރާ ބެހޭގޮތުން ހޯދުނު ހޯދުން ތަކުން އެނގުނީ ގަނޑަނާދީއްތަ މަހާރަދުންގެ ދުވަސްވަރުން ފެށިގެން ދެން ހިނގަމުން މި އައި ހުރިހައި ޒަމާނެއްގައި ވެސް ބޮޑުބަނޑޭރިން ތިއްބެވި ކަމެވެ.